ދުނިޔޭގެ ވިޔަފާރި

ކޯވިޑާހެދި ޗައިނާގެ އިޤްޠިޞާދީ ދުވެލި މަޑުވެއްޖެ


ކޯވިޑްގެ ބަލިމަޑުކަން ފެތުރެން ފެށުމާއެކު މިބަލީގެ ވައިރަސް ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ޗައިނާގެ އިޤްޠިޞާދު އާރާސްތުވާ ދުވެލި އޯގަސްޓްމަހު މަޑުވެއްޖެއެވެ. ކޯވިޑްގެ އައު ޑެލްޓާ ވޭރިއަންޓް ކޮންޓްރޯލްކުރުމަށް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައި ވުމާއިއެކު އިޤްޠިޞާދު އަލުން އާރާސްތުކުރުމަށްވެސް ޗައިނާއަށް ވަނީ އިތުރު ދަތިތަކާ ކުރިމަތިލާންޖެހިފައެވެ.

މިދިޔަ އަހަރާ އަޅާބަލާއިރު ޚަރަދުކުރާ މިންވަރު ދަށްވުމުގެ ސަބަބުން ޗައިނާގެ ރީޓެއިލް ވިޔަފާރިވަނީ %2.5އަށް ދަށްވެފައެވެ. މިއީ ރީޓެއިލް ވިޔަފާރި ކުރިއަރާނެކަމަށް ބްލޫމްބާރގްއިން ލަފާކޮށްފައިވާ %7އަށްވުރެ މާބޮޑަށްވެސް ދަށް ޢަދަދެކެވެ.

މީގެއިތުރުން އަހަރުގެ ވޭތުވެދިޔަ 8 މަސްދުވަހުވެސް ޢިމާރާތްކުރުމަށް ކޮށްފައިވާ އިންވެސްޓްމަންޓް ވަނީ %3.2އަށް ދަށްވެފައެވެ.

ހަލުއިކަމާއިއެކު ޗައިނާގައި ފެތުރެމުންދާ ކޯވިޑްގެ ޑެލްޓާ ވޭރިއަންޓް ކޮންޓްރޯލްކުރުމުގެގޮތުން އެ ޤައުމުންވަނީ ހަރުކަށި އައު ފިޔަވަޅުތަކެއް މިދިޔަ ޖުލައިމަހު ފަހުކޮޅު އަޅާފައެވެ. މިއާއިއެކު ކެފޭ ރެސްޓޯރެންޓްތަކުގެ ވިޔަފާރި ޖުލައި މަހު %14.3އަށް އިތުރުވެފައިވީނަމަވެސް މި ޢަދަދު އޯގަސްޓްމަހު ވަނީ %4.5އަށް ދަށްވެފައެވެ. މީގެއިތުރުން ޗައިނާގައި ވަޒީފާނެތް މީހުންގެ ނިސްބަތަށް އެއްވެސް ބަދަލެއް އައިސްފައެއްނުވެއެވެ.

ޗައިނާ ސަރުކާރުން ދަނީ ފުޅާދާއިރާއެއްގައި ސްޓިމިއުލަސް ޕެކޭޖްތައް ދޭން ތައްޔާރުވަމުންނެވެ. މީގެ ތެރޭގައި ކުދި ވިޔަފާރުތަކަށް އަމާޒުކޮށްގެން ދޭ ޕެކޭޖްތައްވެސް ހިމެނެއެވެ.