ޚަބަރު

މާދަމާ ހަވީރު ގުޑިއެރުވުންފަދަ ހަރަކާތްތައް މަނާވާނެ




މާދަމާ ހަވީރު މާލެ، ތިލަފުށި އަދި ވިލިނގިލީގެ
މައްޗާއި ވަށައިގެންވާ ވައިގެ ސަރަޙައްދުގައި، ގުޑި އެރުވުމާއި އެފަދަ ޙަރަކާތެއް
ހިންގުމަކީ މަނާކަމެއްކަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ވިދާޅުވެއްޖެއެވެ.



އެގޮތުން މާދަމާ ހަވީރު 4:30 އިން ފެށިގެން 6
ޖެހުމާއި ހަމައަށް އެސަރަޙައްދުގެ ވައިގެ ސަރަޙައްދުގައި މިފަދަ ހަރަކާތެއް
ނުހިންގުމަށް އެއޮތޯރިޓީން އެދިވަޑައިގަންނަވައެވެ.



ސިވިލް އޭވިއޭޝަން އޮތޯރިޓީން ވިދާޅުވީ،
މަނާކޮށްފައިވާ ގަޑީގައި އެއޮތޯރިޓީގެ ހުއްދައާއެކު މެނުވީ ޑްރޯން ދުއްވުމަކީވެސް
މަނާކަމެއްކަމުގައެވެ. މިގޮތަށް ހަމަޖެއްސީ ބައިނަލްއަޤުވާމީ މަދަނީ ވައިގެ ދަތުރު
ފަތުރުގެ ދުވަސް ފާހަގަ ކުރުމުގެގޮތުން މާލޭގެ ދެކުނު
ފަރާތުގައި ބޮޑުތަކުރުފާނު މަގަށް ފެންނަ ހިސާބުގައި މަތިންދާބޯޓުތަކުން
"ފްލައި ޕާސްޓް" ޙަރަކާތްތަކެއް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާތީ ކަމަށެވެ.



ޢާއިލާތަކަށް ހިތްގައިމު ރީތި މަންޒަރުތަކަކާއެކު
އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމުގެ ފުރުޞަތު ދިނުމުގެ މަޤުޞަދުގައި ސިވިލް
އޭވިއޭޝަން އޮތޯރިޓީއާއި އޭވިއޭޝަން ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތައް
ގުޅިގެން ބާއްވާ މި ޙަރަކާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4:45 އިން 5:30 އާ ދެމެދުކަމަށް
އެއޮތޯރިޓީން ވިދާޅުވެއެވެ.



ފްލައި ޕާސްޓް ޙަރަކާތުގައި ޢާއްމުކޮށް ދަތުރުކުރާ
ވަރަށްވުރެ ތިރިން އެއް ފަހަރާ ގިނަ މަތިންދާބޯޓުތައް ދަތުރުކުރާނެއެވެ. މާދަމާ ބާއްވާ
މި ޙަރަކާތުގައި މޯލްޑިވިއަން، ޓީއެމްއޭ އަދި
ވިލާ އެއަރގެ ފްލައިޓްތައް ބައިވެރިވާނެއެވެ.



ބައިނަލްއަޤްވާމީ މަދަނީ ވައިގެ ދަތުރުފަތުރުގެ
ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ޑިސެމްބަރު މަހުގެ ހަތްވަނަ ދުވަހެވެ.



މި އަހަރުން
ފެށިގެން 2018 ވަނަ އަހަރަށް އައިކާއޯ
އިން ކަނޑައަޅާފައިވާ ޝިއާރަކީ "އެއްވެސް ގައުމެއް ބާކީ ވިޔަނުދިނުމަށް ގުޅިގެން މަސައްކަތް ކުރުން،" މިއެވެ.