މުނިފޫހިފިލުވުން

"ސިޓަޑެލް" ގައި ޕްރިޔަންކާގެ އިތުރުން ވަރުންވެސް ފެންނާނެ


ބޮލީވުޑް ގިނަ ތަރިންތަކެއް ޑިޖިޓަލް ޕްލެޓްފޯމްގައި މަސައްކަތްކުރާ މިދުވަސްކޮޅު އެކްޓަރ ވަރުން ދަވަންވެސް މިވަނީ ފުރަތަމަ ފަހަރަށް ޑިޖިޓަލް ޕްލެޓްފޯމަކުން ފެންނަން ތައްޔާރުވެފައެވެ.

ވަރުން މިހާރު ވަނީ އެންތޮނީ އަދި ޖޯ ރުސޯ އުފައްދާ އެމެރިކަން ޑްރާމާ ސިރީޒް "ސިޓަޑެލް" ގައި މަސައްކަތްކުރުމަށް ސޮއި ކޮށްފައެވެ. މި ސީރީޒްގައި ބޮލީވުޑް އެކްޓްރެސް އަދި މިހާރު ހޮލީވުޑްގައި ގިނަ މަސައްކަތްތަކެއް ކުރަމުންދާ ޕްރިޔަންކާ ޗޯޕްރާ ޖޮހަނަސްވެސް ފެންނާނެއެވެ.

އެކްޝަން އެޑްވެންޗަރއެއްކަމަށްވާ މި ސީރީޒްގެ މައިގަނޑު ބައިގައި ފެންނާނީ ޕްރިޔަންކާ އަދި ރިޗާޑް މަޑޭން އެވެ. އަދި ސީރީޒްގެ މަންޒަރުތައް ނަގާފައިވަނީ އިނގިރޭސިވިލާތުގައެވެ.

މި ސިރީޒްގައި ވަރުން ފެންނާނީ ރާޖް ނިދިމޯރް އަދި ކްރިޝްނާ ޑީކޭ ޑައިރެކްޓް ކުރާ ސިރީޒްގެ އިންޑިއާ ވާރޝަންގެ ލީޑް ރޯލުންނެވެ.

މައިގަނޑު ސީރީޒް އެމެޒޯން ޕްރައިމް ވީޑިއޯއިން އަންނަ އަހަރުގެ ޖެނުއަރީމަހު ރިލީޒްކުރަން ތާވަލުކޮށްފައިވާއިރު ސީރީޒްގެ އިންޑިއާ ވާރޝަން އިންޑިއާ، މެކްސިކޯ އަދި އިޓަލީގައި ނެގުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން "ސިޓަޑެލް" ގެ އިންޑިއާ ވާރޝަންގައި ފެންނާނެ އިތުރު ކާސްޓުން ވަރަށް އަވަހަށް އިއުލާނުވެސް ކުރާނެއެވެ.