ޚަބަރު

މިހާރު ޢުމްރާ ވިސާ ދުކުރާނީ އައިއާޓާ މެދުވެރިކޮށް ރާއްޖޭގައި ވިސާ ދޫކުރާ ހަމައެކަނި ކުންފުނިން


ރާއްޖެއިން މީހުން އުމްރާއަށް ގެންދިޔުމަށް ވިސާ ދޫކުރުމުގެ މަސައްކަތް ފެށުމަށް "ލެންޑޯ ޓްރެވެލްސް ޕްރައިވެޓް ލިމިޓެޑް"އިން ތައްޔާރުވެއްޖެއެވެ.

ލެންޑޯ ޓްރެވެލްސް ޕްރައިވެޓް ލިމިޓެޑަކީ އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އައިއާޓާ) މެދުވެރިކޮށް ރާއްޖޭގައި ޢުމްރާ ވިސާ ދޫކުރާ ހަމައެކަނި ކުންފުންޏެވެ. މި މަސައްކަތް ފެށުމުގެ ގޮތުން އެ ކުންފުނިން ވަނީ ރާއްޖެއިން މީހުން ޢުމްރާއަށް ގެންދިޔުމުގެ ހުއްދަ ލިބިފައިވާ ކުންފުނިތަކާ ބައްދަލުކޮށް ވިސާ ދިނުމުގައި ޢަމަލުކުރާނެ ގޮތްތަކާއި ކޯވިޑްގެ މި ދުވަސްވަރު ޢުމްރާގެ އަޅުކަންތައް ކުރިއަށްގެންދާނެ ގޮތްތަކުގެ މަޢުލޫމާތުތައް ހިއްސާކުރައްވާފައެވެ.

މިގޮތުން ކުންފުނިތަކުންއެންމެ ބޮޑު ކަންބޮޑުވުމަކީ ރާއްޖޭގައި ދެމުން އަންނަ ވެކްސިންތަކާއި ސަޢުދީގައި ޤަބޫލުކުރާ ވެކްސިންއާ ހުރި ތަފާތުތަކުގެ ކަންބޮޑުވުމެވެ. ސަޢުދީގައި ހުރި ޤަވައިދުތަކާއި އަމަލުކުރަންޖެހޭ ގޮތްތައް ހުރި ދަތިތައް ވަނީ ފަހަގަކޮށްފައެވެ.

ވިސާ ދޫކުރުމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އާމިނަތު ރީމާ ރަޝީދު ވިދާޅުވީ އެކުންފުނިން މިހާރު ވިސާ ހިމެނޭގޮތަށް ޕެކޭޖެއް ތަޢާރަފްކޮށްފައިވާކަމަށެވެ. މިގޮތުން 24 މީހުންނަށް ދެވޭގޮތަށް 3 ޕެކޭޖްތަކެއް މިހާރުވަނީ ކުންފުނިތަކަށް ހުށައަޅާފައެވެ. އެގޮތުން 5 ދުވަހާއި 10 ދުވަސް އަދި 14 ދުވަށް ހިމެނޭ ޕެކޭޖްތަކެއް މިހާރުވަނީ އުމްރާ ގުރޫޕްތަކަށް ހުށައަޅާފައެވެ.

ރީމާ ވިދާޅުވީ މިޕެކޭޖްތަކަކީ ވިސާއާއި އެކޮމަޑޭޝަނާއި ޕީސީއާރު ޓެސްޓް އަދި މެޑިކަލް އިންޝުއަރެންސް ފަދަ ކަންކަން ހިމަނައިގެން ތައްޔާރުކޮށްފައިވާ ޕެކޭޖްތަކެއްކަމަށެވެ. ވިސާ ދޫކުރަމުންދާނީ ސައުދީ ޢަރަބިއްޔާގެ އެކަމަށް ޚާއްސަ ސިސްޓަމެއް މެދުވެރިކޮށްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ކޯވިޑާ ގުޅީގެން ސަޢުދީގައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އަގުތަކަށްވެސް ބަދަލުތައް އައުމަކީ އެކަށީގެންވާކަމެއްކަމަށެވެ.

"އަޅުގަނޑުމެން ކުންފުނިތަކަށް މި ހުށެއޅީ ޕެކޭޖްތަކެއް. ދެން އެބޭފުޅޫން ޢުމްރާއަށް މީހުންގެންދިޔުމުގެ ފައިނަލް އަގުތައް ތައްޔާރުކުރާނީ. ލަފާކުރެވޭގޮތުގައި މިހާރު ކުންފުނިތަކުން ޕެކޭޖްތައް ތަޢާރްފކުރުމުގެ މަސައްކަތްތައް ކުރަމުން އެބަދޭ. އަޅުގަނޑުމެންނަށް މަޢޫލޫމާތު އޮޅުންފިލުވުމުގެ މަސައްކަތްތައް އެބަކުރޭ." މެނޭޖިން ޑިރެކްޓަރ އާމިނަތު ރީމާ ރަޝީދު ވިދާޅުވިއެވެ.

"ލެންޑޯ ޓްރެވެލްސް ޕްރައިވެޓް ލިމިޓެޑް"އިން ވިދާޅުވީ މިހާރު ތަޢާރފްކޮށްފައިވާ ޕެކޭޖްތަކަކީ 2 މަސްދުވަހަށް ތައްޔާރުކޮށްފައިވާ ޕެކޭޖްތަކެއްކަމަށާއި ސައުދީ ޢަރަބިއްޔާއިން ލުއިދޭ މިންވަރަކަށް އަގުތައްވެސް ހެޔޮވަމުން އަންނާނެކަމަށެވެ. އުމްރާއަށް ދާން ބޭނުންވާ މީހުންނަށް ވިސާ ހޯދުމަށް އެދި ހުށައަޅަން ޖެހޭނީ އިސްލާމިކް މިނިސްޓްރީން ހުއްދަދީފައިވާ ކުންފުނިތައް މެދުވެރިކޮށެވެ.

ކޯވިޑާ ގުޅިގެން އުމްރާގެ އަޅުކަމަށް ސައުދީން މިހާތަނަށް ކަނޑައަޅާފައިވާ ކޮންޓްރޯލް ޢަދަދު ދޫކޮށްލައި މަހަކު 2 މިލިއަން މީހުންނަށް އުމްރާއަށް އެތެރެވުމުގެ ފުރުސަތު އެޤައުމުން ވަނީ ހުޅުވާލާފައެވެ. ކޯވިޑާ ގުޅިގެން މިދިޔަ އަހަރުން ފެށިގެން ސައުދީއަށް އުމްރާއަށް އެތެރެވެވޭ މީހުންގެ ޢަދަދު އޮތީ ބޮޑުތަނުން ކޮންޓްރޯލްކޮށްފައެވެ. އަދި މިދިޔަ ދެ އަހަރު ޙައްޖުގެ އަޅުކަންވެސް ކުރިޔަށް ގެންދިޔައީ ބޭރުން އެއްވެސް މީހަކު އެޤައުމަށް އެތެރެވިޔަ ނުދީ ހަމައެކަނި އެޤައުމުގައި އުޅޭ ރައްޔިތުންނަށް ހުޅުވާލައިގެންނެވެ.

އުމުރާ ކުރުމުގެ ފުރުޞަތު ހުޅުވާލާފައި އޮތްނަމަވެސް އުމްރާއަށް ހަރަމްފުޅަށް އެތެރެވެވޭނީ 18 އަހަރުން މަތީގެ މީހުންނަށް އެކަންޏެވެ. އަދި މި އެންމެނަކީވެސް ކޯވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށް ވާންޖެހެއެވެ.