ވިޔަފާރި

ޔޫރަޕުން އަންނަ ފަތުރުވެރިން އިތުރުކުރުމަށް ވެބިނާ ސީރީޒްއެއް


ނޯޑިކް ޤައުމުތަކުގައި ރާއްޖޭގެ މަޤުބޫލުކަން އިތުރުކުރުމުގެ މަޤްސަދުގައި ކުރިއަށްގެންދާ ވެބިނާ ސީރީޒްއެއް ވިޒިޓް މޯލްޑިވްސްއިން ފަށައިފިއެވެ.

ޖުމްލަ ތިން ވެބިނާ ސެޝަން ހިމެނޭ މިސީރީޒްގެ ފުރަތަމަ ވެބިނާ މިއަދު ވަނީ ބާއްވާފައެވެ.

ނޯޑިކް ޤައުމުތަކަކީ އުތުރު ޔޫރަޕްގެ ޤައުމުތަކާއި އުތުރު އެޓްލާންޓިކްގެ ޤައުމުތަކެވެ. އެގޮތުން ޑެންމާރކް، ފިންލޭންޑް، އައިސްލޭންޑް، ނޯވޭ އަދި ސްވިޑަން އަކީ ނޯޑިކް ޤައުމުތަކުގެތެރޭގައި ހިމެނޭ ޤައުމުތަކެވެ.

" ކަނެކްޓް ވިތް މޯލްޑިވްސް"ގެ ނަމުގައި ބޭއްވި މި ސީރީޒްގެ ސެޝަންގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ މައުލޫމާތާއި ރާއްޖެއަށް އައުމުގައި ކަންކަން ހަމަޖެހިފައިވާ އުސޫލުތަކާއި ރާއްޖެއާ ބެހޭ މުހިންމު އާންމު މަޢުލޫމާތުތައް ވަނީ ބައިވެރިވި ފަރާތްތަކާ ވަނީ ހިއްސާކޮށްފައެވެ.

ވިޒިޓް މޯލްޑިވްސްއިން ވިދާޅުވީ މިވެބިނާ ސީރީޒްގެ މަޤްސަދަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ފަހުގެ މައުލޫމާތު ނޯޑިކް ޤައުމުތަކުގެ ފަތުރުވެރިކަމުގެ ދާއިރާގައި އުޅޭ ފަރާތްތަކާއި ފަތުރުވެރިންނަށް ފޯރުކޮށްދިނުމެވެ.

މިސެޝަންގައި ވިޒިޓް މޯލްޑިވްސްއާއެކު އެލްޓީގައި މާފުށިވަރު އަދި ނޯކޫ މޯލްޑިވްސް ވަނީ ބައިވެރިވެފައެވެ. މި ވެބިނާ ސެޝަން ފެށުމުގެ ގޮތުން ވިޒިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރ ތައްޔިބް މުހައްމަދު ދެއްކެވި ވާހަކަައިގައި ވަނީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތަކާއި ކޯވިޑާ ގުޅިގެން ރާއްޖޭގެ ރިޒޯޓުތަކާއި ހޮޓަލްތަކާއި ގެސްޓްހައުސް އަދި ލިވްއަބޯޑުތަކުގައި އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ މައުލޫމާތު ބައިވެރިންނާ ހިއްސާކުރައްވާފައެވެ.

މި ވެބިނާތަކުގެ މަޤްޞަދަކީ ނޯޑިކް ޤައުމުތަކުގައި ރާއްޖޭގެ މަޤުބޫލުކަން ދަމަހައްޓާ، އިތުރުކުރުމަށާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ވަކިވަކި ހިދުމަތްދޭ ތަންތަނުން ލިބޭ ތަފާތު ތަޖުރިބާތަކާއި ހިދުމަތްތައް، މިމާކެޓުގެ ފަތުރުވެރިކަމުގެ ދާއިރާގެ ފަރާތްތަކަށް ހިއްސާކޮށް، އިޝްތިހާރުކުރުމެވެ. އެއް ގަޑިއިރަށް ކުރިއަށްގެންދާ މީގެ ކޮންމެ ވެބިނާ ސެޝަނެއްގައި ނޯޑިކް ޤައުމުތަކުން 100 އަށްވުރެ ގިނަ ޓްރެވަލް އެޖެންޓުން ބައިވެރިވާނެކަމަށް ވިޒިޓް މޯލްޑިވްސްއިން ހާމަކުރެއެވެ.

ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުން ރާއްޖެ މަޤުބޫލު މާކެޓްތަކާއި، ރިކަވާ ވަމުންދާ އަދި އައު މާކެޓްތަކުގެ މެދުގައި ރާއްޖޭގެ މަޤުބޫލުކަން ދަމަހައްޓާ، އިތުރުކުރުމަށް ވިޒިޓް މޯލްޑިވްސްއިން ދަނީ ގިނަ ހަރަކާތްތަކެއް ރާވާ ހިންގާ، އަދި ބައިވެރިވަމުންނެވެ. މިގޮތުން ވިޒިޓް މޯލްޑިވްސްއިން ބައެއް މާކެޓުތަކަށް އަމާޒުކޮށް ވެބިނާ، ރޯޑްޝޯތައް ބާއްވަމުންދާއިރު، ބޮޑެތި ފެއަރ އަދި އެގްޒިބިޝަންތަކުގައިވެސް ދަނީ ބައިވެރިވަމުންނެވެ.