ޔުނައިޓެޑް ނޭޝަންސް އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޮރ ދަ އޭޝިއާ އެންޑް ޕެސިފިކް، ޔޫއެންއެސްކެޕަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު، ހުދާ ޢަލީ ޝަރީފް، އެކަމަނާގެ މަޤާމުގެ ފަތްކޮޅު އ.ދގެ އަންޑަރ ސެކްރެޓަރީ ޖެނެރަލް އަދި ޔޫއެންއެސްކެޕްގެ އެގްޒެކެޓިވް ސެކްރެޓަރީ އަރްމިދާ ސަލްސިއާ އަލިސްޖަބާނާއަށް އަރުވައިފިއެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ތައިލެންޑުގެ ވެރިރަށް ބެންގްކޮކުގައި ހުންނަ އ.ދގެ ކޮންފަރެންސް ސެންޓަރުގައެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިޔާތަށްފަހު ބޭއްވި ބައްދަލުވުމުގައި ދާއިމީ މަންދޫބު ހުދާ ޢަލީ ޝަރީފް ވަނީ ސަރަހައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ހަރަކާތްތެރިވުމަށް ދިވެހި ސަރުކާރުންދޭ އިސްކަން ފާހަގަކުރައްވާފައެވެ. އެގޮތުން ޔޫއެންއެސްކެޕާއެކު ގުޅުންބަދަހިކޮށް، އެ ޖަމްޢިއްޔާގެ މަސައްކަތްތަކުގައި އިތުރަށް ހަރަކާތްތެރިވުމަށް ދިވެހި ސަރުކާރުން ޝައުޤުވެރިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ދިވެހި ސަރުކާރުން ކަނޑައަޅާފައިވާ ތަރައްޤީގެ ލަނޑުދަނޑިތައް ޙާސިލުކުރުމަށްޓަކައި ޔޫއެންއެސްކެޕާއެކު މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.
މި ބައްދަލުވުމުގައި އެގްޒެކެޓިވް ސެކްރެޓަރީ ވަނީ ދާއިމީ މަންދޫބު ހުދާ އަލީ ޝަރީފަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި ރާއްޖެއިން އިސްކަންދޭ ކަންތައްތައް ކުރިއަރުވައި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާސިލުކުރުމަށް ޔޫއެންއެސްކެޕްގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން އެކަމަނާ ދެއްވިއެވެ.
ދާއިމީ މަންދޫބު ހުދާ ޢަލީ ޝަރީފްގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގައި އެކަމަނާގެ އަރިހުގައި ތައިލޭންޑުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ކައުންސެލާރ ޝަޖްނާ އިބްރާހީމް އިޤްބާލާއި ސެކަންޑް ސެކްރެޓަރީ ސިޔާނާ ޝިޔާމް ބައިވެރިވެވަޑައިގެންނެވިއެވެ.
ޔޫއެންއެސްކެޕްގައި އޭޝިއާ-ޕެސިފިކް ސަރަޙައްދުގެ 53 މެމްބަރު ޤައުމު ހިމެނެއެވެ. މި ކޮމިޝަންގެ މައިގަނޑު އަމާޒަކީ ސަރަޙައްދީ ފެންވަރުގައި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މަސައްކަތްކުރުމެވެ. ދިވެހިރާއްޖެ ޔޫއެންއެސްކެޕްގެ މެމްބަރު ގައުމަކަށްވީ 1971 ގައެވެ. ދާއިމީ މަންދޫބު ހުދާ ޢަލީ ޝަރީފަކީ ދިވެހިރާއްޖެ، ޔޫއެންއެސްކެޕްގެ މެންބަރު ޤައުމަކަށްވީ ފަހުން އެކޮމިޝަނަށް ކަނޑައެޅުއްވި ފުރަތަމަ ދާއިމީ މަންދޫބެވެ.