ކުޅިވަރު

އުނދަގޫ ހާލަތުގައިވެސް ޓީމުން ބޭނުންވަނީ ތަށި ދިފާޢު ކުރަން - އަކްރަމް


އުނދަގޫ ހަލާތުގައި ރާއްޖޭގެ ގައުމީ ޓީމުން ބޭނުންވަނީ ސާފް ޗެންޕިއަންޝިޕްގެ ތަށި ދިފާޢުކުރަންކަމަށް ގައުމީ ޓީމުގެ ކެޕްޓަން އަކްރަމް ޢަބްދުލްޣަނީ ބުނެފިއެވެ. 2018ވަނަ އަހަރުގެ ސާފް ޗެންޕިއަންޝިޕް ކާމިޔާބުކުރިއިރު ޓީމުގެ ކެޕްޓަނެއްގެ ހައިސިއްޔަތުން އަކްރަމް ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ގަތަރުގައި ކުރި ކޭންޕްގައި ވެސް އަކްރަމް ވަނީ ޓީމު، ޓީމެއްގެ ގޮތުގައި ހެދުމަށް ގިނަ މަސައްކަތްތަކެއްކޮށްފައެވެ. އިންޑިޔާ ބަލިކޮށް ރާއްޖެއިން ސާފް ޗެންޕިއަންޝިޕްގެ ތަށި 2018ވަނަ އަހަރު ދެވަނަ ފަހަރަށް ހޯދިއިރުގައި، ފައިނަލް މެޗްގައި އަނިޔާ ވެގެން އަކްރަމް ބާލަން ޖެހުނުއިރުގައި، ބެންޗުގައި އިނދެގެންވެސް އަކުރަމް ދިޔައީ ޓީމަށް އިރުޝާދު ދެމުންނެވެ.

ގައުމީ ޓީމުގެ ލީޑަރެއްގެ ގޮތުގައި މުބާރާތުގެ ތަށި ދިފާޢުކުރަން ނިކުންނައިރު، ގައުމީ ޓީމު މިހާރު ދަނީ ގަތަރުގައި ކޭންޕް ކުރަމުންނެވެ. ކޭންޕްގެ ތެރެއިން ވާހަކަދައްކަމުން އަކްރަމް ބުނީ ކޯވިޑް-19އާއި ގުޅިގެން މުޅި ދުނިޔޭގައިވެސް ފުޓްބޯޅަ ކުޅެމުން އައިސްފައިވަނީ ވަރަށް އުނދަގޫ ހާލަތެއްގައިކަމަށެވެ. އެގޮތުން ރާއްޖޭގައި ވެސް ފާއިތުވި ދެ އަހަރު ފުޓްބޯޅަ ކުޅެފައިވަނީ ވަރަށް އުނދަގޫ ހާލަތެއްގައިކަމަށެވެ. މާލެ ސަރައްހަދުގައި ކޯވިޑް-19ގައި ދިވެހި ޕްރިމިއަރ ލީގުވެސް ވަނީ ދެ ފަހަރެއްގެ މަތީން ހުއްޓާލާފައެވެ. އަދީ ލީގް ކުރިއަށް ނުގެންދެވިގެން ވަނީ ލީގް މެދު ކަނޑާލާފައެވެ. ވޯލްޑް ކަޕް ކޮލިފައިންގެ މެޗްތައްވެސް ދިޔައީ އެންމެ ބޭނުންވި ގޮތަށް ނޫންކަމަށް އަކްރަމް ބުންޏެވެ. ނަމަވެސް މާލޭގައި ކުޅޭ ސާފް ޗެންޕިއަންޝިޕް މުބާރާތުގެ ތަށި ކާމިޔާބުކުރުމަށް ހުރިހާ ކުޅުންތެރިންވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންދާކަމަށް އަކްރަމް ބުންޏެވެ.

"މިހާރު މިވަނީ ވަރަށް ބޮޑުތަން ޓީމު އިމްޕްރޫވްވެފައޭ އަޅުގަނޑު ދަންނަވާނީ. ދުވަހަކަށް ފަހު ދުވަހެއް ކުޅުންތެރިންގެ މޯޓިވޭޝަން ރަނގަޅުވަމުން ގަދަ ހިތްވަރާއެކު މަސައްކަތް ކުރަމުން މިދަނީ. މިސްރާބު ރަނގަޅޭ އަޅުގަނޑު ދަންނަވާނީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ދާން މި އުޅޭ ހިސާބަށް ދެވޭނެ. ވަކި ބަޔަކު ކުޅެން އޮތް ޓީމެއް ނޫން މިއީ. އަޅުގަނޑުމެން ގައުމު ތަމްސީލްކުރަން މިތަނަށް އައިސް މި ތިބި 29 ކުޅުންތެރިންވެސް މި ތިބީ. 29 ކުޅުންތެރިންގެ ތެރެއިން ވަކި އަދަދެއްގެ ބަޔަކަށް މުބާރާތަށް މި ދެވެނީ. އެ ޖާގަ އަށް ހުރިހާ ކުދިން ވެސް މަސައްކަތް މި ކުރަނީ އެ ކުއްޖަކަށް ލިބޭ ފުރުސަތެއްގެ ބޭނުން އެންމެ ފުރިހަމަ އަށް ކޮށްގެން،" އަކްރަމް ބުންޏެވެ.

މާލޭގައި ފެށުމަށް ހަމަޖެހިފައިވާ ސާފް ޗެންޕިއަންޝިޕް ފެށުމަށް ހަމަޖެހިފައިވަނީ މިއަންނަ މަހުގެ އެއްވަނަ ދުވަހެވެ. ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ދިވެހިރާއްޖެ އާއި ނޭޕާލްއެވެ.