ވިޔަފާރި

މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 51 މިލިއަން ރުފިޔާ


މިއަހަރުގެ އޮގަސްޓްމަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 51 މިލިއަން ރުފިޔާ ލިބެއްޖެއެވެ.

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ، މީރާއިން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ އޮގަސްޓްމަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވާ އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު 53.6 އިންސައްތަ އިތުރު އަދަދެކެވެ.

މުދަލު ޒަކާތުގެ ގޮތުގައި މިދިޔަ އަހަރު އޮގަސްޓްމަހުގެ ނިޔަލަށް ލިބިފައިވަނީ 33 މިލިއަން ރުފިޔާއެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ އޮގަސްޓްމަހުގެ ނިޔަލަށް މުދަލުގެ ޒަކާތުގެގޮތުގައި 51 މިލިއަން ރުފިޔާ ލިބިފައިވާއިރު، މީގެތެރޭގައި ހިމެނެނީ 50 މިލިއަން ރުފިޔާ އާއި 18112 ޑޮލަރެވެ.
އޮގަސްޓްމަހަށް ބަލާއިރު އެ މަހު މުދަލުގެ ޒަކާތުގެ ގޮތުގައިވަނީ 11 މިލިއަން ރުފިޔާ ލިބިފައެވެ. އަދި 4462 ޑޮލަރު ލިބިފައިވެއެވެ.

އޮގަސްޓްމަހު މުދަލުގެ ޒަކާތުގެ ގޮތުގައި ލިބުނު އަދަދަކީ މިދިޔަ އަހަރުގެ އޮގަސްޓްމަހު މުދަލުގެ ޒަކާތުގެ ގޮތުގައި ލިބުނު 8 މިލިއަން ރުފިޔާ އާއި އަޅާބަލާއިރު 37.5 އިންސައްތަ އިތުރު އަދަދެކެވެ.
ރާއްޖޭގައި މުދަލު ޒަކާތުގެ ނިޞާބަކީ 6878.20 ރުފިޔާއެވެ. މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިސާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ ވާޖިބެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް މުދަލުގެ ޒަކާތް ދެއްކޭނެއެވެ.

މުދަލު ޒަކާތް ކުރިން ދައްކަނީ އިސްލާމިކް މިނިސްޓްރީއަށެވެ. ނަމަވެސް 2016 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަތުން ވަނީ މީރާއަށް ބަދަލު ކޮށްފައެވެ.