ވިޔަފާރި

މިއަހަރު ޑަބްލިއުޓީއެމްގައި އިސްކަންދޭނީ ގުޅުންތައް ބަދަހިކުރުމަށް: ތައްޔިބު


މިއަހަރުގެ ޑަބްލިއުޓީއެމް ފެއަރގައި ބޮޑަށް އިސްކަންދޭނީ ގުޅުންތައް އަލުން ބަދަހިކުރުމަށްކަމަށް އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުޙައްމަދު ވިދާޅުވެއްޖެއެވެ.

"ޑަބްލިއުޓީއެމް" ފެއަރއަކީ ދުނިޔޭގެ އެކި ޤައުމުގެ ފަތުރުވެރިކަން އިސްތިހާރުކޮށް ކުރިއެރުވުމަށްޓަކައި ކޮންމެ އަހަރަކުވެސް ބައިނަލްއަޤްވާމީ ފެންވަރުގައި ބާއްވާ ފެއަރއެކެވެ. މިއީ މުޅި ދުނިޔޭގައިވެސް ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް ބާއްވާ އެންމެ ބޮޑު އެއް ހަރަކާތެވެ.

މިއަހަރުގެ ޑަބްލިއުޓީއެމް ފެއަރގައި އެމްއެމްޕީއާރުސީއާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ 58 ކުންފުންޏަކުން 92 މީހުން ބައިވެރިވާނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. ރާއްޖެއިން ކޮންމެ އަހަރަކުވެސް ޑަބްލިއުޓީއެމް ފެއަރގައި އަންނަނީ ބައިވެރިވަމުންނެވެ. މިއީ ރާއްޖެއިން ޑަބްލިއުޓީއެމް ފެއަރގައި ބައިވެރިވާ 37 ވަނަ އަހަރެވެ.

ކޯވިޑް19 އާއި ހެދި މިދިޔަ އަހަރުގެ ޑަބްލިއުޓީއެމް ފެއަރ ބާއްވާފައިވަނީ ވަރޗުއަލްކޮށެވެ. އެހެންކަމުން ފިޒިކަލްކޮށް ދާއިރާގެ ފަރާތްތަކާއި ބައްދަލުވެ ވާހަކަދައްކާލުމުގެ ފުރުސަތު މިދިޔަ އަހަރު ވަނީ ނުލިބިއެވެ. އެއް އަހަރުގެ މެދުކެނޑުމަކަށްފަހު މިއަހަރުގެ ޑަބްލިއުޓީއެމް ފެއަރ އޮންނާނީ ފިޒިކަލްކޮށެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެމްއެމްމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުޙައްމަދު ވިދާޅުވީ، މިއަހަރުގެ ޑަބްލިއުޓީއެމް ފެއަރގައި ބޮޑަށް އަމާޒުކުރާނީ ކޯވިޑާއިއެކު ގެއްލުނު ގުޅުންތައް އަލުން ބަދަހިކުރުމަށްކަމަށެވެ. އަދި ދާއިރާގެ ފަރާތްތަކާއި ބައްދަލުކޮށް ގުޅުންބަދަހިކޮށް ވިޔަފާރިތައް ކުރިއެރުވުމަށްވެސް މިއަހަރުގެ ޑަބްލިއުޓީއެމް ފެއަރގައި ވަރަށް ބޮޑަށް އިސްކަންދެއްވާނެކަމަށް ތޮއްޔިބު ވިދާޅުވިއެވެ.

"ގެއްލުނު ދޮޅު އަހަރު ނުވަތަ 2 އަހަރު ތެރޭ ވަރަށް ގިނަ ބަޔަކަށް ފިޒިކަލް ގުޅުން ކެނޑިފައި ހުންނާނީ ދެއްތޯ. މިއަހަރު ބޮޑަށް ފޯކަސް ކުރާނީ އެ ޕްލެޓްފޯމް ޤާއިމްކުރުން އެއީ އެއްކަންތައް. އަނެއްކަމަކީ ހަމަ ވީހާވެސް ބޮޑަކަށް ނެޓްވޯޓްކޮށްގެން ބިޒްނަސްތައް ރަނގަޅުކުރުން އެއްބަޔަކު އަނެއްބަޔަކަށް. ރާއްޖެއަކީ މިވަގުތު ދަތުރުކުރަން އެންމެ ރަނގަޅު އެއްތަންކަމަށް އެކިއެކި ޕްލެޓްފޯމްތަކުގައި ބުނެދީ މީޑިއާތަކަށް އިންޓަވިއުތައްދީ، އެކިއެކި ޓްރެވެލް އެޖެންޓްސް، ޓުއަރ އޮޕަރޭޓާރސްއާއި ބައްދަލުކޮށް އެޝުއަރެންސް ދިނުން ރާއްޖެއަކީ މިވަގުތު އެންމެ ސޭފް އެއް ޑެސްޓިނޭޝަންކަމަށް." ތޮއްޔިބު ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް ތަފާތު އެކިއެކި ޕްރޮޑަކްޓްތައް އިތުރުކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އޭގެތެރޭގައި މައިސް ޓޫރިޒަމް ހިމެނެއެވެ.

ތޮއްޔިބު ވިދާޅުވީ ޑަބްލިއުޓީއެމްއަށް ލަންޑަންއަށް ކުރާ ދަތުރުގެ ތެރެއިން ރާއްޖޭގައި މައިސް ޓޫރިޒަމް ކުރިއެރުވުމަށް އައު ކެމްޕެއިނެއް ވިޒިޓް މޯލްޑިވްސްއިން ފަށާނެކަމަށެވެ. އެގޮތުން ލަންޑަންގައި ބައްދަލުވުންތަކާއި، އިންސެންޓިވްތަކާއި، ކޮންފަރެންސްތަކާއި، އެގްޒިބިޝަންތައް ބާއްވާ މީހުންނާއި ބައްދަލުކޮށް ލަންޑަންގައި ރޯޑްޝޯއެއްވެސް ބާއްވާނެކަމަށެވެ. މި ހަރަކާތުގައި ޑަބްލިއުޓީއެމްއަށް ރާއްޖެއިންދާ ކުންފުނިތަކުންވެސް ބައިވެރިވާނެއެވެ. މިއަހަރުގެ ޑަބްލިއުޓީއެމް ފެއަރ އޮންނާނީ ނޮވެމްބަރ މަހުގެ 1 އިން 3 އަކަށް ލަންޑަންގައެވެ.