ޚަބަރު

ޔަމަނުގައި ޙޫޘީންނަށް ބޮޑެތި ކުރިއެރުންތަކެއް


ޔަމަނުގެ ދާޚިލީ ހަނގުރާމައިގައި ޙޫޘީ ޖަމާޢަތުން ބޮޑެތި ކުރިއެރުންތަކެއް ހޯދައިފިއެވެ.

ފާއިތުވި ދުވަސްތަކުގެ ތެރޭގައި ޙޫޘީންގެ ބާރުގެ ދަށުގައި އޮންނަ އެ ޤައުމުގެ ދުވަސްވީ ވެރިރަށް ޞަންޢާގެ އިރުމަތީގައި އޮންނަ ރަޙަބާވަނީ އެ ޖަމާޢަތުގެ ބާރުގެ ދަށަށް ގެނެސްފައެވެ. ރަޙަބާގައި ބަދަލުކުރި ޙަމަލާތަކުގައި ދެ ފަރާތުން 65 ހަނގުރާމަވެރިންވަނީ މަރުވެފައެވެ. އެކި ފަހަރުމަތިން ރަޙަބާވަނީ ޙޫޘީންނާއި ޔަމަނުގެ ސަރުކާރުގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. އެއާއެކު އެ ރަށްވެފައިވަނީ ޔަމަނުގެ ދާޚިލީ ހަނގުރާމައިގެ އެންމެ މުޙިއްމު ސަރަޙައްދަށްވެފައެވެ.

ޔަމަނުގެ ސަރުކާރުގެ ބާރުގެ ދަށަށް ރަޙަބާ ގެންގޮސްފައިވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ. އޭގެ ކުރިން މިދިޔަ ސެޕުޓެންބަރުގެ މަހުގެ ތެރޭގައި ސަރުކާރުގެ ފައުޖުތަކަށްވަނީ އެ ރަށް ގެއްލިފައެވެ. ޙޫޘީންގެ ބާރުގެ ދަށަށް ރަޙަބާ އަލުން ގެނައުމަށްފަހު އެ ޖަމާޢަތުންވަނީ ޔަމަނުގެ ސަރުކާރުގެ ބާރުގެ ދަށުގައި އޮންނަ މާރިބަށް ޙަމަލާދޭން ފަށައިފައެވެ. މާރިބަކީ ޔަމަނުގެ ސަރުކާރުގެ ބާރުގެ ދަށުގައި މިހާރު އޮތް ހަމައެކަނި މައި ރަށެވެ. އޭގެ އިތުރުން އަހަރުގެ ކުރީކޮޅު ސަރުކާރުގެ ފައުޖުތަކުން ކުރިއެރުންތަކެއް ހޯދި ނަމަވެސް ޙޫޘީންވަނީ އެ ފައުޖުތައް ފަހަތައް ޖައްސައިފައެވެ. އެއާއެކު ޔަމަނުގެ ދާޚިލީ ހަނގުރާމަ ކާމިޔާބުކުރާނީ ޙޫޘީންކަމަށް މިހާރުވަނީ ބެލެވެން ފަށައިފައެވެ.

ޔަމަނުގެ ދާޚިލީ ހަނގުރާމައަކީ ސުންނީންނާއި ޝިޢީންނާ ދެމެދު ކުރަމުންދާ އެންމެ ވަރުގަދަ ހަނގުރާމައެވެ. ޔަމަނުގެ އާބާދީގެ 75 އިންސައްތައަކީ ސުންނީންނެވެ. އަދި ބާކީ 25 އިންސައްތައަކީ ޝިޢީންނެވެ. ޔަމަނުގެ ދާޚިލީ ހަނގުރާމަ ފެށުމުގެ ކުރިން އެ ޤައުމުގެ ސުންނީ އަދި ޝީޢީ ޤަބީލާތަކުގެ މެދުގައިވަނީ ހަމަނުޖެހުން އުފެދިފައެވެ. އެ ހަމަނުޖެހުންތަކުގެ ތެރެއިން ޝިޢީންގެ ހަނގުރާމަވެރި ޖަމާޢަތެއްކަމަށްވާ ޙޫޘީންގެ ބާރުގެ ދަށަށް ޔަމަނުގެ ވެރިރަށް ޞަންޣާ ގެނެސް އެ ޤައުމުގައި އޮތް ސުންނީންގެ ވެރިކަންވަނީ 2014ވަނަ އަހަރުގެ ތެރޭގައި ވައްޓާލައިފައެވެ. އެއާއެކު ސަޢުދީ ޢަރަބިއްޔާ އިސްވެ އެކުލަވާލާފައިވާ އަސްކަރީ އިއްތީޙާދުންވަނީ ހޫޘީންނާ ދެކޮޅަށް ވަރުގަދަ ޙަމަލާތަކެއް ދޭން ފަށައިފައެވެ. ޙޫޘީންނަށް އެންމެ ބޮޑު އެއްބާރުލުމަކާއި އެހީތެރިކަމެއް ލިބެނީ އީރާނާއި ލުބުނާނުގެ ޙިޒުބުﷲ ޖަމާޢަތުންނެވެ.