ޚަބަރު

ސަރުކާރުގެ އަމާޒުހުރީ ޑިޖިޓަލް އިޤްތިޞާދަކާއި ދިމާލަށް: ރައީސް


ޑިޖިޓަލް އިޤްތިޞާދަކާ ދިމާއަށް ޤައުމު ގެންދިޔުމަކީ، ސަރުކާރުގެ ވަރަށް މުހިންމު އަމާޒެއްކަމަށާއި، އެކަމަށްޓަކައި، ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރައްވަމުން ގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ގަވް ޑޮޓް އެމްވީ މެސެޖުގެ ޚިދުމަތް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޢާންމު ރައްޔިތުން ސަރުކާރު އިދާރާތަކަށް ހުށައަޅާ ލިޔެކިއުންތައް ޑިޖިޓަލް ޕްލެޓްފޯމް މެދުވެރިކޮށް ހުށައެޅޭނެ ނިޒާމް އިފްތިތާޙްކުރުމަށް އެންސީއައިޓީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، މި ތަޢާރަފްކުރެވުނު ޚިދުމަތުގެ އެންމެ ބޮޑު ފަސޭހައަކީ، ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް، ސަރުކާރުގެ އޮފީހަކަށް، ޢާންމު ރައްޔިތަކު ހުށަހަޅަން ބޭނުންވާ ކަންކަމާއި، ސަރުކާރުގެ ޚިދުމަތްތަކާ ގުޅިގެން ހުށަހަޅަން ބޭނުންވާ ޝަކުވާތައް ފަސޭހަކަމާއެކު ހުށަހެޅުމުގެ ދޮރު، 24 ގަޑިއިރު ހުޅުވިފައި ހުރުންކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މުޅި ދުނިޔެ މިހާރު އަންނަނީ ޑިޖިޓަލްވަމުންކަމަށާއި، ދިރިއުޅުމުގެ އަސާސީ ހުރިހާ ޚިދުމަތެއްހެން މިހާރު އެ އަންނަނީ، ޑިޖިޓަލް ކާޑެއްގެ އެހީގައި އިނގިލި ކުރިއާ ހަމައަށް ތިލަވަމުންކަމަށެވެ. އެގޮތުން ފައިސާގެ މުޢާމަލާތްތަކާއި، ޤައުމުތަކަށް އެތެރެވެ ބޭރުވުމާއި، ދަރިންނަށް ކިޔަވައިދިނުމާއި، ބޭސްފަރުވާގެ ޚިދުމަތްތައްވެސް އެ އަންނަނީ ޑިޖިޓަލް ވިއުގައިގެ ތެރެއިން ފަސޭހަކަމާއެކު ގުޅެމުންކަން ރައީސް ފާހަގަކުރެއްވިއެވެ. އެހެންކަމުން، ރާއްޖޭގައިވެސް ކޮންމެ މީހެއްގެ ޑިޖިޓަލް އައިޑެންޓިޓީއެއް ޤާއިމުކުރަން ޖެހިފައިވާކަމަށާއި، ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ ތެރެއިން، ޒަމާނަށް އެކަށީގެންވާ ޑިޖިޓަލް އައިޑެންޓިޓީގެ ނިޒާމެއް، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ޤާއިމުކުރުމަށް މަސައްކަތްކުރައްވަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ. ޑިޖިޓަލް އައިޑެންޓިޓީ ތަޢާރަފްކުރުމުން، ޚިދުމަތް ހޯދުމުގައި ވަރަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

"ޑިޖިޓަލް އައިޑެންޓިޓީގެ ޚިދުމަތް ތަޢާރަފްވެގެން އަންނައިރު، ޤާނޫނީ ގޮތުންވެސް ވަރަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެދާނެ. އެކަމަށް ދުރާލައި ޙައްލެއް ހޯދުމުގެ ގޮތުން، އިލެކްޓްރޯނިކް މުޢާމަލާތްތަކާ ބެހޭ ބިލެއް މިހާރުވަނީ ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައި. ޑިޖިޓަލް ޚިދުމަތް ތަޢާރަފްކުރާއިރު، އެންމެ ބޮޑަށް ފާރަވެރިވެ ރައްކާތެރިކޮށްދޭންޖެހެނީ ވަކިވަކި ފަރުދުންގެ ޒާތީ މަޢުލޫމާތުތައް. އަދި އިންޓަރނެޓްގެ ޒަރީޢާއިން ހިންގާ އެކިއެކި ޖަރީމާތަކުން ރައްޔިތުން ޙިމާޔަތްކޮށްދިނުމަކީވެސް ކުރަންޖެހޭ ވަރަށް މުހިންމު ކަމެއް. އެހެންކަމުން، ރައްޔިތުންގެ ޒާތީ މަޢުލޫމާތު ޙިމާޔަތްކޮށްދޭނެ، ޑޭޓާ ޕްރޮޓެކްޝަން އެންޑް ޕްރައިވެސީގެ ބިލެއް މިހާރު އަންނަނީ ފަރުމާ ކުރަމުން. އަދި ރާއްޖޭގެ އިންޓަރނެޓް ވިއުގައަކީ، ޑިޖިޓަލް ޚިދުމަތްތަކަށް ރައްކާތެރި ވެށްޓެއްކަން ކަށަވަރު ކުރުމަށްޓަކައި، ސައިބަރ ކްރައިމްގެ ބިލެއް ފަރުމާކުރުމުގެ މަސައްކަތްވެސް މިހާރު އަންނަނީ ކުރަމުން."ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ކޯވިޑް-19ގެ ދަތިކަމުގައި ހޭދަވި ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި، ޑިޖިޓަލްކޮށް ޚިދުމަތް ފޯރުކޮށްދިނުމާއި ޚިދުމަތް ލިބިގަތުމުގެ މުހިންމުކަން ވަރަށް ބޮޑަށް އެނގިގެންގޮސްފައިވާ ކަމަށް ވިދާޅުވިއެވެ. އެގޮތުން ފުރަބަންދުގައި ތިބެގެން ކިޔަވައިދިނީ ޑިޖިޓަލް ކްލާސްރޫމްތަކެއްގައިކަމަށާއި، ވިޔަފާރިއާއި އިޤްތިޞާދީ މުޢާމަލާތެއް ހިންގީ ޑިޖިޓަލް ވަސީލަތްތަކުންކަން ރައީސް ފާހަގަކުރެއްވިއެވެ.

"މީގެ އިތުރުން އިޤްތިޞާދީ ދާއިރާއިން، މުޅި ދުނިޔެއަށް އަންނަ ޑިޖިޓަލް ބަދަލުތަކާ ފައި ހަމަކުރުމަށްޓަކައި، ޑިޖިޓަލް އިޤްތިޞާދަކާ ދިމާއަށް ޤައުމު ގެންދިޔުމަކީވެސް، ސަރުކާރުގެ ވަރަށް މުހިންމު އަމާޒެއް. އެކަމަށްޓަކައި، ކުރަންޖެހޭ މަސައްކަތްތައް މިހާރު މި އަންނަނީ އަޅުގަނޑުމެން ކުރަމުން. ޚިދުމަތްތައް ޑިޖިޓަލްވެގެން އަންނައިރު، ސަރުކާރުގެ އޮފީސްތަކަށް، ޢާންމު ރައްޔިތުން ހުށަހަޅާ ކަންކަން އިތުރުވެ، ސަރުކާރުގެ ޚިދުމަތްތަކާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުޞަތުވެސް ވަރަށް ބޮޑަށް ތަނަވަސްވެގެންދާނެ. މިއީ، ރައްޔިތުންނަށް ޚިދުމަތް ދެއްވަން ތިއްބެވި، ސަރުކާރުގެ މުވައްޒަފުން ވަރަށް ބޮޑަށް ސަމާލުކަން ދެއްވަންޖެހޭނެ ކަމެއް."ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ރައްޔިތުންނާއި ސަރުކާރާ ދެމެދު ފަސޭހަ ނިޒާމަކުން ގުޅިގެންދާއިރު، އެ ނިޒާމުގެ ޙަޤީޤީ މަންފާ ރައްޔިތުންނަށް ލިބޭނީ، އޮފީސްތަކުން ކަންކަން ނިންމައި، ރައްޔިތުންނަށް ޖަވާބު ދޭ މިންވަރު އިތުރުކޮށްގެންކަމަށެވެ. އެކަން ކުރެވޭނީ، ޢާންމު ރައްޔިތަކު ސަރުކާރުގެ އޮފީހަކަށް ހުށަހަޅާ ކަމަކަށް ދޭ ޖަވާބު، އޭނާ އިތުރު ބުރައެއް އުފުލަންނުޖެހި، ލިބޭނެ ލުއިފަސޭހަ އިންތިޒާމުތަކެއް އޮފީސްތަކުގައި ޤާއިމުކުރެވިގެން ކަމަށް ރައީސް ވިދާޅުވިއެވެ.

ގަވް ޑޮޓް އެމްވީ މެސެޖުގެ ޚިދުމަތް ފެށުމާއެކު، ސަރުކާރު އޮފީސްތަކުން ޚިދުމަތް ދިނުމުގައި ހިފަހައްޓަންޖެހޭ ޢާންމު މިންގަނޑުތަކާއި، ޚިދުމަތް ދިނުމަށް ހޭދަވާނެ މުއްދަތުތައް ބަޔާންކުރާ ސަރވިސް ޗާޓަރުތައް ޢާންމުކުރެވޭނެކަމަށާއި، އެ ޗާޓަރުތަކާ އެއްގޮތަށް ޚިދުމަތް ދެމުން ގެންދާކަން ކަށަވަރުކުރާނެ މެކޭނިޒަމްތައް އޮފީސްތަކުގައި ޤާއިމުކުރެވޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައްޔިތުންނާއި ސަރުކާރާ ދެމެދު މުވާޞަލާތު ކުރެވޭނެ ލުއިފަސޭހަ ގޮތްތަކެއް ތަޢާރަފްވެގެން އަންނައިރު، ދައުލަތުގެ ހުރިހާ މުއައްސަސާތަކުންވެސް މިކަންކަމަށް ވިސްނައި، ރައްޔިތުންނަށް އަވަހަށް ޚިދުމަތް ދެވޭނެ ގޮތްތައް، ދުރާލައި އިންތިޒާމުކުރާނެ ކަމަށް އުއްމީދުކުރައްވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.