ކުޅިވަރު

ޒުވާނުންގެ މަރުކަޒު ނުލިބިގެން ކަންބޮޑުވުން ފާޅުކޮށް ރައީސްއަށް ސިޓީއެއް


ގައުމީ ޓީމުތައް ފަރިތަކުރުންތައް ކުރިއަށް ގެންދާނެ ގޮތެއް ނެތިގެން، ގައުމީ ބައެއް އެސޯސިއޭޝަންތަކުގެ ކަންބޮޑުވުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާ ހިއްސާކޮށްފިއެވެ. ޓޭބަލް ޓެނިހާއިއި ނެޓްބޯޅައާއި، ވޮލީ އާއި ބާސްކެޓް ހިމެނޭ ގޮތަށް ވަނީ ރައީސްއަށް ސިޓީއެއް ފޮނުވާފައެވެ. ޒުވާންނުންގެ މަރުކަޒު މިވަގުތު ބޭނުން ކުރަމުންދަނީ ކޯވިޑް-19އަށް ވެކްސިން ޖެހުމާއި ޓެސްޓް ހެދުމަށެވެ. މިއަހަރުގެ ކުރީކޮޅުން ފެށިގެން ހެލްތް މިނިސްޓްރީއިން ޒުވާނުންގެ މަރުކަޒު ބޭނުން ކުރަމުންގޮސްފައިވާއިރު، ބައެއް ގައުމީ އެސޯސިއޭޝަންތަކުން ވަނީ ގައުމީ ޓީމުތަކަށް ފަރިތަކުރުންތައް ކުރިއަށް ނުގެންދެވޭތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ރައީސްއަށް ކަންބޮޑުވުން ފާޅުކޮށް ސިޓީ ފޮނުވާފައިވަނީ ޓީޓީ، ނެޓްބޯޅަ، ވޮލީ އަދި ބާސްކެޓް އެސޯސިއޭޝަނުންނެވެ. ރައީސްއަށް ފޮނުވި ސިޓީއާއި ބެހޭގޮތުން މަޢުލުމާތުދެމުން ވޮލީ ބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މުޙައްމަދު ރަނޭޝް ވިދާޅުވީ ގައުމީ ޓީމްތަކަށް ފަރިތަކުރުންތައް ކުރިއަށް ނުގެންދެވޭތީ، އެސޯސިއޭޝަންގެ އިތުރުން ކުޅުންތެރިންނަށް ވެސް ވަރަށް ބޮޑު ގެއްލުންވާކަމަށެވެ. މިހާރު ކުޅިވަރަކީ ހަމައެކަނި ކުޅިވަރެއް ނޫންކަމަށާއި މިއީ އެތައް ބައެއްގެ އާންމު ދިރިއުޅުއިވެސް ގުޅިފައިވާ ސިނާއަތެއްކަމަށެވެ. ހާއްސަކޮށް ބައެއް ކުޅިވަރުތަކުގައި އުޅޭ ބައެއް ފަރާތްތަކަކީ ހަމައެކަނި ކުޅިވަރު ކުޅެގެން ލިބޭ އާންދަނީއިން ދިރިއުޅޭ ބަޔަކަށްވާއިރު، ކުޅިވަރު ނުކުޅެ، މުބާރާތްތަށް ކުރިއަށް ނުގެންދެވޭ ކޮންމެ ދުވަހަކީވެސް، މިފަދަ ކުޅުންތެރިންގެ އިތުރުން ގައުމީ ޓީމްތަކަށް ވެސް ލިބޭ ވަރަށް ބޮޑު ގެއްލުމެއްކަމަށް ރަނޭޝް ވިދާޅުވިއެވެ. މިފަދަ ކިތަންމެ ކަމެއް ހުރުމާއެކު ރައީސްއަށް ފޮނުވާފައިވާ ސިޓީގައި އެކަންކަމަށް އަލިއަޅުއްލާފައިވާއިރު، ގައުމުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން މިވަގުތު އެސޯސިއޭޝަންތަކަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް އެދިފައިވެއެވެ.

ގައުމީ ބައެއް ޓީމްތަކުން މިހާރުވެސްދަނީ މިއަހަރު އޮންނަ ބައިނަލްއަގްވާމީ މުބާރާތްތަކަށް ފަރިތަކުރުންތައް ކުރިއަށް ގެންދަމުންނެވެ. އެގޮތުން ބާސްކެޓް އެސޯސިއޭޝަނުން މިއަހަރުގެ ނޮވެންބަރު މަހުގައި އޮންނަ ސާބާ މުބާރާތަށް ދަނީ ތައްޔާރުވަމުންނެވެ. ޒުވާނުންގެ މަރުކަޒު ނުލިބޭތީ ގައުމީ ބާސްކެޓް ޓީމް ފަރިތަކުރަމުންދަނީ އެކުވެނި އައުޓްޑޯ ބާސްކެޓް ކޯޓުގައެވެ. މިއާއެކު ހަރު ކޮންކްރީޓްގައި ކުޅެންޖެހުމުން ބައެއް ކުޅުންތެރިންނަށް މިހާރުވެސް އަނިޔާވެފައިވާކަމަށް ބާސްކެޓް އެސޯސިއޭޝަނުން މަޢުލުމާތުދެއެވެ. މި އަހަރުގެ ޑިސެމްބަރު މަހުގައި އޭވީސީ ސެންޓްރަލް ޒޯން އަންހެން މުބާރާތް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި ފަހަރުގެ މުބާރާތަށް ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށް ވަނީ ޒުވާނުންގެ މަރުކަޒު ނުލިބުމުގެ ސަބަބުން ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ.

ޒުވާނުންގެ މަރުކަޒު ހޯދުމަށް ޔޫތު މިނިސްޓްރީންވެސް މީގެ ކުރިން ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އަދި އެމިނިސްޓްރީއިން ފޮނުވާފައިވާ ސިޓީތަކަށް ހެލްތް މިނިސްޓްރީން ޖަވާބު ނުދީ ލަސްކުރުމަށް، ޔޫތު މިނިސްޓްރީއަށް އަންގާފައިވަނީ މިމަހުގެ ނިޔަލަށް މަޑުކޮށްލަ ދިނުމަށެވެ. ޔޫތު ސެންޓަރ ހުސްކުރުން މިހިނގާ އޮކްޓޯބަރުމަހުގެ ނިޔަލަށް މަޑުކޮށްލަ ދިނުމަށް ހެލްތު މިނިސްޓްރީން އެދިފައިވަނީ މިހާރު ކޯވިޑް-19އާއި ގުޅިގެން މިނިސްޓްރީން ގެންދާ ގައުމީ ކެންޕޭނަށް އެއްބާރުލުން ދިނުމުގެ ގޮތުންކަމަށެވެ.