ތިމާވެށި

ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށް 4 މިލިޔަން ޔޫރޯގެ އެހީއެއް


ތިމާވެށްޓާއި ގުޅޭ އެކި ދާއިރާތަކުން ރާއްޖެ އަށް އެހީތެރިވުމަށް އިޓަލީ އިން 4 މިލިއަން ޔޫރޯ ރާއްޖެ އަށް ދޭން ނިންމައިފިއެވެ.

މިކަމާއި ގުޅޭ އެމްއޯޔޫގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމެންޓް އެންޑް އެނަރޖީ ޠާރިގު އިބްރާހިމްއެވެ. އަދި އިޓަލީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީ ފޯ ދަ އެންވަޔަރަންމެންޓް ލޭންޑް އެންޑް ސީގެ ޑިރެކްޓަރ ޖެނެރަލް ޑރ. ފްރާންސެސްކޯ ލަ ކަމޭރާއެވެ.

އެންވަޔަރްމަންޓް މިނިސްޓްރީން ވިދާޅުވީ މިއެއްބަސްވުމުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް މަސައްކަތްކުރުމާއި ތިމާވެށްޓާއި ގުދުރަތީ ވަސީލަތްތައް ހިމާޔަތްކުރުމަށް މަސައްކަތްކުރުމާއި ކްލީން އެނަރޖީ ޕްރޮމޯޓްކުރުން ހިމެނޭކަމަށެވެ.

މިއެއްބަސްވުމުގެ ދަށުން ކުރަން ނިންމާފައިވާ ކަންތައްތަކުގެތެރޭގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދަނޑުވެރިކަމާއި ފަތުރުވެރިކަމާއި ސިއްޙަތަށް އަންނަ ބަދަލުދެނެގަތުމަށް ދިރާސާކުރުމާއި، އިންޓެންޑެޑް ނެޝަނަލީ ޑިޓަރމައިންޑް ކޮންޓްރިބިއުޝަން ތަންފީޒުކުރުމަށް އެހީތެރިވެދިނުމާއި، ރަށްރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނެއެވެ. އަދި ޑިސާސްޓަރ މެނޭޖްމެންޓާއި، ކާބަން މަދު އަދި ފެހި އިޤްތިޞާދަކަށް ދިއުމަށްޓަކައި މަސައްކަތްކޮށްދިނުމާއި، ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވުމަށް އިއާދަކުރެނިވި ހަކަތަ އުފައްދާ މަޝްރޫޢުތައް ރާވާ ހިންގުމާއި، ސާފުބޯފެނުގެ މަޝްރޫޢުތަކުގެ އިތުރުން ކުނި ނައްތާލުމުގެ މަޝްރޫޢޫ ހިމެނެއެވެ.

ޕެރިހުގައި ކުރިއަށްދާ ކޮޕް 21 ގައި އޮތް ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޠާރިގު ވިދާޅުވީ، މި އެހީގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުކުޑަކުރުމަށާއި ތިމާވެށި ހިމާޔަތްކުރުމަށް މުހިއްމު މަސައްކަތްތަކެއް ކުރެވޭނެ ކަމަށެވެ.

އިޓަލީގެ ފަރާތުން ސޮއިކުރެއްވި ފްރާންސެސްކޯ ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރު ކުޑަ ކުރުމަށްޓަކައި މަސައްކަތްކުރުމަށް އިޓަލީން އަބަދުވެސް ރާއްޖެއަށް އެހީތެރިވާނެކަމަށެވެ.