ޚަބަރު

އޭސީސީގެ ރައީސްގެ ނަމުގައި ސައްޙަ ނޫން ޓްވިޓާ އެކައުންޓެއް




އެންޓި-ކޮރަޕްޝަން
ކޮމިޝަންގެ ރައީސް ޙަސަން ލުތުފީގެ ނަމުގައި ސައްޚަ ނޫން ޓްވިޓާ އެކައުންޓެއް
ބޭނުންކުރަމުންދާ މައްސަލަ ތަހްޤީގްކުރުމަށް ފުލުހުންނަށް
ހުށައަޅުއްވާފައިވާކަމަށް އެކޮމިޝަނުން ހާމަކުރައްވައިފިއެވެ.



އޭސީސީން މިއަދު
ނެރުއްވި ބަޔާނެއްގައި ހާމަކުރައްވާފައިވަނީ އެ ކޮމިޝަންގެ ރައީސްގެ ނަމުގައި ހަދާފައިވާ ޓްވިޓާ އެކައުންޓުން ކޮމިޝަނުގެ
ރައީސްގެ ފޮޓޯއާއި، ކޮމިޝަނުގެ ލޯގޯ ބޭނުންކުރުމުގެ އިތުރުން، ކޮމިޝަނުގެ
މަސައްކަތްތަކާއި ގުޅޭގޮތުން ސައްޙަނޫން މަޢުލޫމާތު ހާމަކުރަމުންދާކަމަށެވެ. އަދި
އެކަން ކޮމިޝަނުން ކުށްވެރިކުރާކަމަށްވެސް 
އެސީސީން ވިދާޅުވެއެވެ.



އޭސީސީ އިން
ވިދާޅުވީ އެކޮމިޝަނުގެ މަސައްކަތްތަކާއި، ކޮމިޝަނުގެ ފަރާތުން ބަލަމުންދާ
މައްސަލަތައް ކުރިއަށް ގޮސްފައިވާގޮތް އާންމު ކުރުމަށް ކޮމިޝަނުގެ ފަރާތުން
މީޑިއާ އުޞޫލެއް އެކުލަވާލާފައިވާކަމަށާއި، އެ އުޞޫލުގެ ދަށުން މަޢުލޫމާތުތައް
އާއްމުކުރަމުންދާނީ ކޮމިޝަނުގެ ރަސްމީ ވެބްސައިޓާއި ކޮމިޝަނުގެ ރަސްމީ ފޭސްބުކް
އެކައުންޓާއި  ކޮމިޝަނުގެ ރަސްމީ ޓްވީޓަރ
އެކައުންޓް ބޭނުންކޮށްގެންކަމަށެވެ.



އަދި ކޮމިޝަނުގެ
ރައީސްއާއި ކޮމިޝަނުގެ އެހެން މެމްބަރުން މީޑިއާތަކަށް ދެއްވާ އިންޓަވިއުގެ އިތުރުން
އެހެނިހެން ނަންނަމުގައި އާންމުވެގެންދާ މަޢުލޫމާތުތަކަކީ ކޮމިޝަނުގެ ފަރާތުން
އާންމުކުރަމުންދާ މަޢުލޫމާތުތަކެއް ނޫންކަމަށްވެސް ވިދާޅުވެފައިވެއެވެ.