ވިޔަފާރި

ޕަބްލިކް ޓްރާންސްޕޯޓް ހިދުމަތްތަކުން އޮޓޮމެޓިކްކޮށް ފީ ނެގޭނެ ސިސްޓަމެއް ގާއިމްކުރަނީ


ބީއެމްއެލްއިން މާސްޓަރކާޑާއި އެމް.ޓީ.ސީ.ސީއާ ގުޅިގެން ޕަބްލިކް ޓްރާންސްޕޯޓުގައި ޑިޖިޓަލް ޕޭމަންޓްގެ ހިދުމަތް ދިނުމާއި ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމަކީ އިންޓަރގްރޭޓެޑް ޓްރާންސްޕޯޓް މެނޭޖްމަންޓެއް ގާއިމްކޮށް، އެމް.ޓީ.ސީ.ސީން ރާއްޖޭގައި އޮޕަރޭޓްކުރަމުންދާ ޕަބްލިކް ޓްރާންސްޕޯޓް ހިދުމަތްތަކުން އޮޓޮމެޓިކްކޮށް ފީ ނެގޭނެ ސިސްޓަމެއް ގާއިމް ކުރުމަށް ބޭންކް އޮފް މޯލްޑިވްސްއިން މާސްޓަރކާޑާއި އެމް.ޓީ.ސީ.ސީ އާއެކު ޤާއިމްކުރި އެއްބަސްވުމެކެވެ.

މިއީ ދުނިޔޭގެ ތަރައްގީވެފައިވާ ސިޓީތަކުގައި ދަތުރު ކުރުމުގެ ނިޒާމަށް ފަސޭހަ ބަދަލުތަކެއް ހޯދައިދިނުމަށް މާސްޓަރކާޑުން ހިންގާ 'ސްމާޓް ސިޓީސް' ޕްރޮޖެކްޓްގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓެކެެވެ. މި ޕްރޮޖެކްޓްގެ ދަށުން ބަސް އަދި ފެރީ ނެޓްވޯކްގައި ކޮންޓެކްޓްލެސް އަދި ޑިޖިޓަލް ޕޭމަންޓްގެ ހިދުމަތް ތައާރަފް ކުރެވި، ދަތުރުވެރިންނަށް ދަތުރު ކުރުމުގައި ފަސޭހަތައް ހޯދައިދެވި، ހިދުމަތްދޭ ފަރާތްތަކަށް ހަރަދު ކުޑަކޮށް ހިދުމަތް ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

މި ޕްރޮޖެކްޓާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ ކަސްޓަމަރުންނަށް ލުއިފަސޭހަ އަދި ކަސްޓަމަރުން ބޭނުންވާފަދަ އީޖާދީ މަސައްކަތްތަކަށް އިންވެސްޓް ކުރުމަކީ ބޭންކުގެ ވިޔަފާރީގެ މުހިންމު ބައެއްކަމަށެވެ. އަދި މާސްޓަރކާޑާއި އެމް.ޓީ.ސީ.ސީ އާ ގުޅިގެން މި ޕްރޮޖެކްޓް ކުރިއަށް ގެންދެވޭކަމީ ލިބޭ އުފަލެއްކަމަށާއި މި ޕްރޮޖެކްޓް މެދުވެރިކޮށް ޑިޖިޓަލް ކާޑު އަދި މޯބައިލް ޕޭމަންޓް ސޮލިއުޝަން ޕަބްލިކް ޓްރާންސްޕޯޓް ސިނާއަތާ ގުޅާލެވިގެންދާނެކަމަށެވެ.

މިރަސްމިއްޔާތުގެ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ ސީއީއޯ އާދަމް އާޒިމް ފާއިތުވެދިޔަ އަހަރު ފެނިގެން ގޮސްފައިވަނީ އީޖާދީ އަދި ކޮންޓެކްޓްލެސް ޕޭމަންޓްގެ ހިދުމަތް އިހުނަށް ވުރެ މުހިންމުކަންކަމަށެވެ. އަދި އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދާނީ ރައްކާތެރި ފަސޭހަ ހިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްކަމަށާއި މި ހިދުމަތުގެ ސަބަބުން ޕަބްލިކް ޓްރާންސްޕޯޓް ހިދުމަތް ހޯދުމަށް ލުއިފަސޭހަވެގެންދާނެކަމަށް އާޒިމް ވިދާޅުވިއެވެ.

މާސްޓަރކާޑުގެ ކަންޓްރީ މެނޭޖަރ، ސްރީލަންކާ އެންޑް މޯލްޑިވްސް، ރާޖޭޝް މަނީ ވިދާޅުވީ ދިވެހި ސަރުކާރާއެކު އަލުން ޕްރޮޖެކްޓެއްގައި ބައިވެރިވެވޭކަމީ ލިބޭ އުފަލެއްކަމަށާއި މިފަހަރު މި ތައާރަފް ކުރެވެނީ އޯޕަން ލޫޕް މާސްޓަރކާޑު ޓްރާންސިޓް ސޮލިއުޝަންޝް ސިސްޓަމެއްކަމަށެވެ. އަދި މީގެ ސަބަބުން ހިދުމަތްދޭ ފަރާތަަށް ހަރަދުތައް ކުޑަކުރެވޭނެކަމަށާއި އަދި ހަމައެހެންމެ ދަތުރުވެރިންނަށް ވަރަށް ބޮޑު ލުއި ފަސޭހަކަމެއް ހޯދައިދެވޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން މި ޕްރޮގްރާމް މެދުވެރިކޮށް މާސްޓަރކާޑުން ދުނިޔޭގެ 150 ސިޓީއެއްގައި ދަތުރުވެރިންގެ ކޮންމެ ދުވަހެއްގެ ދަތުރުތަކަށް ދަނީ ލުއިފަސޭހަކަށް ފޯރުކޮށްދެމުންކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންނަށް އަޅުގަނޑުމެންނަށް ލިބިފައިވާ މިފަދަ ގިނަގުނަ ތަޖުރިބާ އާއެކު ދިވެހި ސަރުކާރާ ގުޅިގެން ރާއްޖޭގައި ޑިޖިޓަލްކޮށް ހިދުމަތް ދިނުމުގެ ސްރެޓަޖީގެ ލަނޑުދަނޑި ހާސިލްކުރުމަށް ހިއްސާވެވޭ ކަމީ އަޅުގަނޑުމެންނަށް ލިބޭ ފަޚްރެއް." ރާޖޭޝް މަނީ ވިދާޅުވިއެވެ.

މާލެ ސަރަޙައްދުގައި ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތް އެމްޓީސީސީން ދެމުންދާއިރު، ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ފެންވަރު ރަނގަޅު ޚިދުމަތެއް ދިނުމަށް އެކުންފުނިން ދަނީ މަސައްކަތްކުރަމުންނެވެ. އަދި ބީއެމްއެލްއިންވެސް ދަނީ ފައިސާގެ މުޢާމަލާތްތައް ޑިޖިޓައިސްކުރުމަށްޓަކައި އެކިއެކި މުއައްސަސާތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.