ކުޅިވަރު

ރެއާލް އާއި ސެލްޓަވީގޯ ބައްދަލުކުރިމެޗް ރެއާލް ކާމިޔާބުކޮށްފި


ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑާއި ސެލްޓަވީގޯ ބައްދަލުކުރިމެޗް ރެއާލް ކާމިޔާބުކޮށްފިއެވެ. ރެއާލްގެ ދަނޑުގައި ކުޅުނު މިމެޗް ރެއާލް ކާމިޔާބުކުރީ 5 ލަނޑު 2 ލަނޑުންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ރެއާލްއިންނެވެ. މިމެޗްގައި ރެއާލްގެ ކެޕްޓަން ކަރީމް ބެންޒީމާ ވަނީ ހެޓްރިކެއް ހަދާފައެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 4 ވަނަ މިނެޓްގައި ޖަހާފައިވަނީ ސެލްޓަވީގޯގެ މީނާ ލޮރެންޒޯއެވެ. މިމެޗްގައި ރެއާލްއިން އެއްވަރުކުރި ލަނޑު މެޗްގެ 24 ވަނަ މިނެޓްގައި ޖަހާފައިވަނީ ބެންޒީމާއެވެ. ނަމަވެސް މިލަނޑު ޖެހިތާ 7 މިނެޓްފަހުން ސެލްޓަވީގޯއިން ވަނީ ދެވަނަ ފަހަރަށް މިމެޗްގައި ލިޑު ނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފްރެންކޯ ސަރވީއެވެ. މިމެޗްގައި ރެއާލްއިން ދެވަނަ ފަހަރަށް އެއްވަރު ކުރި ލަނޑު މެޗްގެ 46 ވަނަ މިނެޓްގައި ޖަހާފައިވަނީ ވެސް ބެންޒީމާއެވެ. ރެއާލްއިން މިމެޗްގައި ފުރަތަމަ ފަހަރަށް ލީޑު ނެގީ ވިނީޝިއަސް ޖޫނިއަރ ޖަހައިދިން ލަނޑުންނެވެ. ރެއާލްގެ 4 ވަނަ ލަނޑު މެޗްގެ 72 ވަނަ މިނެޓްގައި ޖަހާފައިވަނީ ވަރަށް ފަހުން ރެއާލް އާއި ގުޅުނު އެޑުއާޑޯ ކަމަވިންގާއެވެ. އަދި ފަހު ލަނޑު މެޗްގެ 87 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ ބެންޒީމާއެވެ.

މިކާމިޔާބީއާއެކު ރެއާލް މިވަނީ މިހާތަނަށް ކުޅުނު 4 މެޗްގައި ލިބުނު 10 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައެވެ. އަދި ސެލްޓަވީގޯ އުޅެނީ ކުޅުނު ހަތަރު މެޗުން ލިބިފައިވާ 1 ޕޮއިންޓާއެކު ތާވަލްގެ 18 ވަނައިގައެވެ.