ޚަބަރު

ދައުލަތުން ބަދަލުދިނުމުގެ މައްސަލަތައް ކުރިއަށްދަނީ އުސޫލެއްގެ ތެރެއިން: ރައީސް އޮފިސް


ދައުލަތުން ގެއްލުމުގެ ބަދަލު ދޭންޖެހޭ ކަންކަން ކުރިއަށްގެންދަނީ އުސޫލެއްގެ ތެރެއިންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިހެން ވިދާޅުވީ، ދައުލަތުން މަޝްރޫޢުތަކުގައި ގެއްލުމުގެ ބަދަލު ދޭންޖެހޭ ނިޒާމުގެ ނަޒާހާތްތެރިކަމާއި ގުޅޭގޮތުން އޭސީސީން ނެރުނު "ހުދު ކަރުދާސް" ދިރާސާ ރިޕޯޓާއި ގުޅިގެންނެވެ.

އޭސީސީން އެކުލަވާލާ އާންމުކުރި ހުދު ކަރުދާސް ރިޕޯޓްގައި ވަނީ، އެއްބަސްވުންތައް އުވާލާއި، ދައުލަތުން ބަދަލު ދިނުމުގައި އަމަލުކުރާ ވަކި އުސޫލެއް ނުވަތަ ގަވާއިދެއް އެއްވެސް މުއައްސަސާއަކުން ނުވަތަ ކޮމިޓީއަކުން ވެސް ހެދިފައިނުވާކަމަށެވެ. އަދި ޢަމަލު ކުރަމުންދާ ވަކި އުސޫލެއް ނެތުމުގެ ސަބަބުން، އެކި މައްސަލަތައް ނިންމުމުގައި ބަދަލުގެ ގޮތުގައި ދޭން ކަނޑައަޅާ އަދަދު ކަނޑައެޅުމުގައި އެއްހަމައެއް ގެންގުޅެވިފައި ނުވާކަމަށްވެސް އޭސީސީގެ ރިޕޯޓްގައިވެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށް އެކުލަވާލެވިފައިވާ ސެޓްލްމެންޓް ކޮމިޓީން މައްސަލަ ނިންމުމުގައި ޢަމަލުކުރާނެ ވަކި މިންގަނޑެއް ލިޔުމުން ނެތްކަމަށްވެސް އޭސީސީން ބުނެފައިވެއެވެ.

އޭސީސީގެ މި ދިރާސާ ރިޕޯޓައި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، ދައުލަތާ ދެކޮޅަށް ކޯޓަށް ނުވަތަ އާބިޓްރޭޝަނަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން މާލީ ގޮތުން ދައުލަތުން ބޮޑު ބުރައެއް އުފުލަންޖެހުމުގެ ފުރުޞަތު އޮތް މައްސަލަތައް ކޯޓުން ބޭރުގައި ޙައްލުކުރުމާގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދިނުމަށް 27 ޖަނަވަރީ 2019 ގައި ކޮމިޓީއެއް ސަރުކާރުން އުފެއްދިކަމަށެވެ. އަދި އެ ކޮމިޓީގެ މަސައްކަތް މިހާރު ހުއްޓިފައިވާކަމަށާއި، އެގޮތުން 15 ސެޕްޓެންބަރު 2020 ގައި އެކޮމިޓީ ރައީސުލްޖުމްހޫރިއްޔާ އުވާލައްވާފައިވާކަމަށްވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

ރައީސް އޮފީހުން ވިދާޅުވީ، ސެޓްލްމަންޓް ކޮމިޓީން ބަލަމުން ގެންދިޔަ މައްސަލަތަކުގެ ތެރެއިން، ގެއްލުމުގެ ބަދަލުގެ ގޮތުގައި ސަރުކާރުން ފައިސާ ދައްކައިގެން ޙައްލުކޮށްފައިވާ ހަމައެކަނި މައްސަލައަކީ، ނޫމަޑި ކުންފުނިން ދިވެހި ސަރުކާރުގެ މައްޗަށް ރައްދުވާ ގޮތަށް އާބިޓްރޭޝަނަށް ހުށަހެޅި ދެ މައްސަލަކަމަށެވެ.

މީގެ އިތުރުން، ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ޑިސްޕިއުޓް ރިޒޮލިއުޝަންގެ މަރުޙަލާގައި ދައުލަތުގެ ވަޒީފާތަކުން ކުރީގެ ސަރުކާރުން ވަޒީފާއިން ވަކިކޮށްފައިވާ 19 މައްސަލައެއް ކޯޓުން ބޭރުގައި ޙައްލުކޮށްފައިވާނެކަމަށްވެސް ރައީސް އޮފީހުން ވިދާޅުވިއެވެ. މި މައްސަލަތަކުގައި ޢަމަލުކޮށްފައިވަނީ ޝަރީޢަތުގެ ޢާންމު އިޖުރާއަތާއި ކޯޓުތަކުން ނިންމާފައިވާ މިފަދަ މައްސަލަތަކުގެ ނިންމުންތަކާއި އެއްގޮތްވާގޮތުގެމަތިންކަމަށްވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

ޤާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކޮށްފައިވާ މައްސަލަތަކުގައި، އެއްވެސް ސަބަބެއް ނެތި މީހަކު ވަޒީފާއިން ވަކި ކޮށްފައިވާކަން ކަމާބެހޭ އޮފީހަކުން ފޮނުވާ ލިޔެކިއުންތަކުން އެނގެން އޮތްނަމަ، އެފަދަ މައްސަލައެއް ޝަރީޢަތުގެ 3 މަރުޙަލާއިން ނިންމުމުގެ ބަދަލުގައި ޤާނޫނުއަސާސީގައި 'މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންވާނެކަމަށް' ބުނެފައިވާ އުޞޫލަށް ބަލައި، ސިވިލް ކޯޓުގެ ޑިސްޕިއުޓް މަރުޙަލާގައި ވަޒީފާގެ މައްސަލަތައް ޙައްލުކޮށްފައިވާނެކަމަށްވެސް ރައީސް އޮފީހުން ވިދާޅުވިއެވެ. މިގޮތުން ދައުލަތަށް ރައްދުވާ ގޮތަށް އިތުރު ދަޢުވާއެއް ނުކުރުމަށް އިޤްރާރުވެ ދެފަރާތުގެ މެދުގައި ސޮއިކުރެވޭ އެއްބަސްވުމެއްގެ ދަށުން ކޯޓުން ބޭރުގައި 6 މައްސަލަ ޙައްލުކޮށްގެން ދައުލަތުން 6.8 މިލިއަން ރުފިޔާ ދިނުމަށް ނިންމިކަމަށްވެސް ވިދާޅުވެފައިވެއެވެ.

ރައީސް އޮފީހުން ވިދާޅުވީ، ނުހައްޤުން ވަޒީފާއިން ވަކިކުރާ މައްސަލަތަކުގައި އެންމެ ގިނަވެގެން ނަގައިދެވިދާނޭ މިންވަރަކީ 1 އަހަރު ދުވަހުގެ މުސާރައާއި އިނާޔަތްކަމަށާއި، މިއީ ދިވެހިރާއްޖޭގައި އަމަލުކުރުން އެކަށީގެންވާ މިންގަނޑެއް ކަމުގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާގައިވެސް ނިންމާފައިވާ މިންވަރުކަމަށްވެސް ރައީސް އޮފީހުން ވިދާޅުވިއެވެ. އަދި މިފަދައިން މައްސަލަ ޙައްލުކުރަން ބޭނުންނުވާ ފަރާތްތަކުގެ މައްސަލަތައް ނިންމަނީ ޝަރީޢަތުގެ މަރުޙަލާއިންކަންވެސް ރައީސް އޮފީހުން ވަނީ ފާހަގަކުރައްވާފައެވެ.

މި މައްސަލަތައް ޙައްލުކޮށް އެފަރާތްތަކަށް ދިނުމަށް ދައުލަތުން ހުށަހަޅައި އެއްބަސްވި ޢަދަދަކީ ޝަރުޢީ މަރުޙަލާއިން ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދިނުމުގެ ފުރުޞަތު އޮތް މިންވަރަށް ވުރެ ވަރަށް ބޮޑުތަނުން ކުޑަ މިންވަރެއްކަމަށްވެސް ރައިސް އޮފީހުން ވިދާޅުވިއެވެ. އަދި ކޯޓަކުން ކުރާ ޙުކުމެއްގައި ފައިސާ ދެއްކުމަށް އަންގާ މުއްދަތަކީ، ކޯޓުން ކަނޑައަޅާ މުއްދަތެއް ކަމުގައިވާއިރު، އެ ފައިސާ ދައްކާ ޚަލާސް ކުރުމަށް ދައުލަތުން އެއްބަސްވެފައިވާ މުއްދަތުތަކަކީވެސް ދައުލަތަށް ބުރަ ބޮޑު ނުވާނޭ ގޮތަކަށް އެއްބަސްވެފައިވާ މުއްދަތުތަކެއްކަމަށްވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.