ކުޅިވަރު

މިލާން އާއި ލާޒިއޯ ބައްދަލުކުރިމެޗް މިލާން ކާމިޔާބުކޮށްފި


އިޓާލިއަން ސެރީއާ ގައި އޭސީ މިލާނާއި ލާޒިއޯ ބައްދަލުކުރިމެޗް މިލާން ކާމިޔާބުކޮށް މިސީޒަންގައި މިހާތަނަށް ދަމަހައްޓަކުންދާ ސައްތައިން ސައްތަ ރިކޯޑް ދަމަހައްޓައިފިއެވެ. މިލާންގެ ސެންސީރޯ ސްޓޭޑިއަމްގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 2 ލަނޑު ސުންލަނޑުންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ލާޒިއޯއިން ބޯޅަ ގެންގުޅުނު ނަމަވެސް ގިނަ ހަމަލާ އުފައްދާފައިވަނީ މިލާނުންނެވެ. މިމެޗްގައި މިލާނުން ޖެހި ފުރަތަމަ ލަނޑު މެޗްގެ 45 ވަނަ މިނެޓްގައި ޖަހަދިނީ ރަފައަލް ލިއާއޮއެވެ. އަދި ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި މިލާނަށް ލިބުނު ޕެނަލްޓީވަނީ ފްރޭންކް ކެސީއަތުން ބޭކާރުވެފައެވެ. މިމެޗްގައި މިލާންގެ ދެވަނަ ލަނޑު މެޗްގެ 87 ވަނަ މިނެޓްގައި ޖަހައިދިނީ އަނިޔާގައި ގިނަ ދުވަސްތަކެއް ހޭދަކުރުމަށްފަހު އެނބުރި އައިސް ފުރަތަމަ ފަހަރަށް ރޭ ކުޅެން އެރި ޒްލަޓާން އިބްރަހިމޮވިޗެވެ. މިލަނޑާއެކު އިބްރަހިމޮވިޗް ވެފައިވަނީ އިޓާލިއަން ސެރީއާގައި ލަނޑު ޖެހި ބޭރުގެ އެންމެ ދުވަސްވީ ކުޅުންތެރިޔާއަށެވެ. އޭނާގެ މިހާރުގެ އުމުރަކީ 39 އަހަރާއި 344 ދުވަހެވެ. މިލާންގެ ކޯޗް ސްޓެފާނޯ ޕިއޯލީ ބުނީ އިބްރަހިމޮވިޗް ދުވަހަކުވެސް ދުވަސް ނުވާކަމަށެވެ. އޭނާގެ ގައިގާ އަބަދުވެސް އާދަޔާހިލާފު ހިތްވަރެއް ހުންނަކަމަށާއި އޭނާ އަބަދުވެސް ބޭނުންވަނީ ކާމިޔާބީ ހޯދަންކަމަށް ޕިއޯލީ ބުންޏެވެ.

މިކާމިޔާބީއާއެކު މިލާން މިހާރުވަނީ ކުޅުނު ތިން މެޗުން ލިބިފައިވާ 9 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައި އުޅޭ އޭއެސް ރޯމާ އާއި ޕޮއިންޓްގެ ގޮތުން އެއްވަރު ކޮށްފައެވެ. ނަމަވެސް ރޯމާއަށް ކުރި ލިބެނީ ޖަހާފައިވާ ލަނޑަށް ބަލާއިރު ކުރި ލިބޭތީއެވެ. މިމެޗުން ބަލިވުމުން ލާޒިއޯ މިހާރުވަނީ މިސީޒަންގައި ފުރަތަމަ ފަހަރަށް ބަލިވެ ތާވަލްގެ 6 ވަނައަށް ފަހަތަށް ޖެހިލާފައެވެ. މިލާންއަށް ދެން އޮތީ ޔުއޭފާ ޗެމްޕިއަންސް ލިގުގައި އިންގްލިޝް ޕްރިމިއަރ ލީގުގެ ލިވަޕޫލާއި ބައްދަލުކުރާ މެޗެވެ. މިއަންނަ ބުދަ ދުވަހުގެ ރޭ ކުޅޭ މިމެޗަކީ ގިނަ އަހަރު ތަކެއްގެ މެދު ކެނޑުމަކަށްފަހު މިލަން ޗެމްޕިއަންސް ލީގުގައި ކުޅޭ ފުރަތަމަ މެޗެވެ.