ކުޅިވަރު

ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ފިރިހެން ޗެމްޕިއަންކަން މެޑްވެޑޭވް ހޯދައިފި


އަހަރުގެ ފަހު ގްރޭން ސްލޭމް މުބާރާތް ކަމަށްވާ ޔޫއެސް އޯޕަން ޓެނިސް މުބާރާތް ދެވަނައަށް ސީޑް ކުރެވިފައިވާ ރަޝިޔާގެ ޑަނީލް މެޑްވެޑޭވް ކާމިޔާބުކޮށްފިއެވެ. މިއީ މެޑްވެޑޭވަށް ކާމިޔާބު ކުރެވުނު ގްރޭން ސްލޭމް ފުރަތަމަ މުބާރާތެވެ.

މިމުބާރާތް މެޑްވެޑޭވް ކާމިޔާބުކުރީ ދުނިޔޭގައި އެއްވަނައަށް ރޭންކް ކުރެވިފައިވާ އަދި މިމުބާރާތް ކާމިޔާބު ކުރާނެ ކަމަށް ގިނަ ބަޔަކު ގަބޫލް ކުރި ސަރބިއާގެ ނޯވަކް ޖޯކޮވިޗް ފައިނަލްގައި ބަލިކޮށްގެންނެވެ. މިމެޗް މެޑްވެޑޭވް ކާމިޔާބުކުރީ ހީކުރިވަރަށް ވުރެ ފަސޭހަ ކަމާއެކު ސީދާ ތިން ސެޓުންނެވެ. އެއީ ހައެއް ހަތަރެއް، ހައެއް ހަތަރެއް އަދި ހައެއް ހަތަރަކުންނެވެ. މިމެޗާއި ކުރިމަތިލީއިރު ޖޯކޮވިޗް ވަނީ މިއަހަރުގެ މިހާތަނަށް ނިމިފައިވާ ގްރޭން ސްލޭމް ތިން މުބާރާތް ކަމަށްވާ އޮސްޓްރޭލިއަން އޯޕަން، ފްރެންޗް އޯޕަން އަދި ވިމްބަލްޑަން ޓެނިސް މުބާރާތް ކާމިޔާބުކޮށްފައެވެ. އަދި މިމެޗާއި ކުރިމަތިލީ 21 ވަނަ ގްރޭން ސްލޭމް މުބާރާތް ކާމިޔާބުކޮށް އާ ރިކޯޑެއް ހެދުމުގެ އުންމީދާއެކުއެވެ. ނަމަވެސް މިމެޗްގައި މެޑްވެޑޭވް ފެނިގެންދިޔައީ ޖޯކޮވިޗްއަށްވުރެ ހުރިހާ ގޮތަކުންވެސް މޮޅުކޮށެވެ. އަދި 1969 ވަނަ އަހަރަށްފަހު އަހަރުގެ ގްރޭން ސްލޭމް ހަތަރު މުބާރާތް ކާމިޔާބުކުރާ ފުރަތަމަ ކުޅުންތެރިޔާއަށް ވުމުގެ ޝަރަފް ލިބެން އޮތް މިމެޗްގައި ޖޯކޮވިޗްގެ ފަރާތުން އާންމުކޮށް އޭނާގެ ފަރާތުން ނުފެންނަ ގިނަ ގޯސްތަކެއް ފެނިގެންދިޔައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޖޯކޮވިޗްވަނީ ގްރޭން ސްލޭމް މުބާރާތެއް ކާމިޔާބު ކުރުން މިހާރު އެންމެ ހައްގުވާ މީހެއްގެ ވާހަކަ ބުނާނަމަ ބުނެވޭނީ މެޑްވެޑޭވްގެ ވާހަކަ ކަމަށާއި އޭނާއަށް މިމުބާރާތް ކާމިޔާބުވުން ހައްގު ކަމަށެވެ. އަދި ކުރިއަށް އޮތް ތާންގާ އޭނާއަށް ގްރޭން ސްލޭމް ގިނަ މުބާރާތްތަކެއް ކާމިޔާބު ކުރެވޭނެކަމަށް އުންމީދު ކުރާކަމަށްވެސް އޭނާ ހާމަކުރިއެވެ. މެޑްވެޑޭވްވަނީ އޭނާއަށް މިކާމިޔާބީ ހޯދާދޭން އެހީތެރިވެދިން އެންމެންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ. އަދި ގްރޭން ސްލޭމް މުބާރާތެއް ކާމިޔާބު ކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށްވެސް އޭޭނާ ހާމަކުރިއެވެ. މިފަހަރުގެ ޔޫއެސް އޯޕަންގެ އަންހެން އަދި ފިރިހެން ޗެމްޕިއަންކަންވެސް ހޮދާފައިމިވަނީ އާ ދެކުޅުންތެރިންނެވެ.