ދުނިޔޭގެ ވިޔަފާރި

ޓޮޕް ގްލަވްއިން އެމެރިކާއަށް އަންގި އެތެރެކުރަން ހުއްދަދީފި


އަހަރަކަށްފަހު މެލޭޝިއާގެ އަންގި އުފައްދާ ކުންފުނި ޓޮޕް ގްލަވްއިން އެމެރިކާއަށް އަންގި އެތެރެކުރަން އެޤައުމުން ހުއްދަ ދީފިއެވެ.

މަސައްކަތްތެރިން ލައްވާ މަޖްބޫރުން މަސައްކަތްކުރުވާކަމަށް ތުޙުމަތުކޮށް ޓޮޕް ގްލަވްއިން އުފައްދާ އަންގި އެމެރިކާއަށް އެތެރެކުރުން އެމެރިކާގެ ކަސްޓަމްސް އެންޑް ބޯޑަރ ޕްރޮޓެކްޝަން (ސީބީޕީ) މިދިޔަ އަހަރު ޖުލައިމަހު ވަނީ މަނާކޮށްފައެވެ.

ސީބީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވާގޮތުގައި މަސައްކަތްތެރިން ލައްވާ މަޖުބޫރުން މަސައްކަތްކުރުވާކަމަށް ލިބިފައިހުރި ހެކި ރަނގަޅަށް ބަލައި ތަޙްޤީޤުކުރުމަށްފަހު ނޫނީ ކުންފުނީގެ އުފެއްދުންތައް އެމެރިކާއަށް އެތެރެކުރުމުގެ ހުއްދައެއް ނުދޭނެއެވެ. ނަމަވެސް ޓޮޕް ގްލަވްއިން މީގެކުރިން ބުނެފައިވާގޮތުގައި ކުންފުނީގެ އުފެއްދުންތައް މިމަހު އެމެރިކާއަށް އެތެރެކުރެވޭނެއެވެ.

ކުންފުނީގެ އުފެއްދުންތައް އެމެރިކާއަށް އެތެރެކުރުން މަނާކުރުމާއިއެކު ޓޮޕް ގްލަވް ކުންފުނީގެ އުފެއްދުންތަކަށް އޮތް ޑިމާންޑްވެސް ވަރަށްބޮޑަށް ވަނީ ދަށްވެފައެވެ. ކޯވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ކުންފުނިން އުފައްދާ އަންގީގެ ޑިމާންޑް އެވަގުތު ވަނީ ވަރަށްބޮޑަށް އުފުލިފައެވެ. މިއާއިއެކު މެލޭޝިއާގައި ކުންފުނީގެ އުފެއްދުންތައް ވަނީ ދަށްވެފައެވެ.

ޓޮޕް ގްލަވްގެ ޖުމްލަ ވިޔަފާރީގެ 22 އިންސައްތަ ހިއްސާކުރަނީ އުތުރު އެމެރިކާގެ ބާޒާރުންކަމަށް ކުންފުނީގެ އެންމެފަހުގެ ހިސާބުތަކުން ދައްކައެވެ.