ޚަބަރު

ތިނަދޫއިން ފެނުނު އާސާރީ ބިނާ ދިރާސާކުރުމުގެ މަސައްކަތް ފަށައިފި


ތިނަދޫގެ ކުރީގެ ހުކުރު މިސްކިތް ހުރިތަނުގައި އިސްލާމީ މަރުކަޒެއް ބިނާ ކުރުމަށް އެތަން ކޮނުމުގެ ތެރޭގައި ފެނުނު އާސާރީ ބިނާ ދިރާސާ ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ޑިޕާރޓްމަންޓް އޮފް ހެރިޓޭޖުން ވިދާޅުވެއްޖެއެވެ.ހެރިޓޭޖް ޑިޕާރޓްމަންޓުން ވިދާޅުވީ، އެތަނުގައި ހުރި ހިރިގަލުގެ އާސާރީ މިސްކިތް ދެ ފަހަރަކަށް ބޮޑުކޮށްފައިވާކަމުގެ ނިޝާންތައް ފެންނަން އެބަހުރިކަމަށާ، ދެވަނަ ފަހަރަށް ބޮޑުކޮށްފައިވަނީ ހިޖުރައިން 1355 ވަނަ އަހަރުކަމަށް އެތަނުގެ ހުރި ލިޔެކިޔުންތަކުން ފެންނަން އެބަހުރިކަމަށެވެ. އަދި ފެނުނު ބިނާގެ ބޮޑު މިނިގައި 18 ފޫޓް 25 ފޫޓް ހުންނާނެކަމަށް ބެލެވޭކަމަށް ހެރިޓޭޖުން މައުލޫމާތުދެއްވައެވެ.ދިވެހިބަހުގެ އެކަޑަމީގެ ވަފްދަށް ތިނަދޫއިން ފެނުނު މާ މިސްކިތް އިތުރަށް ދިރާސާކޮށް ތާރީހީ ރިޕޯޓެއް އެކުލަވާލުމަށްޓަކައި އެކަޑަމީއާއި ހެރިޓޭޖް ޑިޕާރޓްމަންޓުގެ ޓީމެއް ތިނަދޫގައި ހަރަކާތްތެރިވަމުން އެބަދެއެވެ. އަދި ކުރިޔަށް އޮތް ހަފްތާއެއްހާ ދުވަސްތެރޭގައި ރިޕޯޓް އެކުލަވާލާ ކަމާ ބެހޭ ފަރާތްތަކަށް ފޮނުވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާނެކަމަށް ހެރިޓޭޖުން މައުލޫމާތުދެއްވައެވެ.