 
										
			ފެނަކަ ކޯޕަރޭޝަންގެ "ފެނަކަ އިންސްޓިޓިއުޓް"އިން ފަށާފަވާ މަސައްކަތަކީ ރާއްޖޭ ރަށްރަށުގެ އިންޖީނުގެތަކަށް ބޭނުންވާ، ތަމްރީނު ލިބިފަވާ މީހުން ބިނާކުރުމުގެ މަސައްތަކެވެ. 
ފެނަކައަކީ ރާއްޖޭގެ 150އަށްވުރެ ގިނަ ރަށަށް ކަރަންޓު ފޯރުކޮށްދެމުން އަންނަ ކުންފުންޏެކެވެ. އެ ކުންފުނިން ފާހަގަކުރާގޮތުގައި ރާއްޖައި ފެންވަރު ރަނގަޅު ދެމެހެއްޓެނިވި ހަކަތައިގެ ޚިދުމަތެއް ދިނުމުގައި އޮތް އެންމެ ބޮޑު ދަތިކަމަކީ، އެކަށީގެންވާ އިންސާނީ ވަސީލަތްތައް ނެތުމެވެ. ޚާއްސަކޮށް އިންޖީނު މަރާމާތުކޮށް ބެލެހެއްޓުމުގެ ތަމްރީނު ލިބިފައިވާ ދިވެހިން މަދުކަމެވެ. 
މީގެ ސަބަބުން އިންޖީނަށް ދިމާވާ ކުދިކުދި މައްސަލަތައްވެސް ޙައްލުކުރަންޖެހެނީ އެހެން ރަށްރަށުން ޓެކްނިކަލް މީހުން ގެންގޮސްގެންނެވެ. މިއީ ވަގުތާއި ޚަރަދުގެ ގޮތުން ބެލިއަސް ބޮޑު ދައްޗެކެވެ.
		
 
										
			ފެނަކައިން ފަށާފަވާ އެޕަރެންޓިސްޝިޕް ޕްރޮގްރާމުން އަމާޒުހިފާފަވަނީ ފެނަކަ ކޯޕަރޭޝަނާއި، ހަކަތައިގެ ނިޒާމަށް ބޭނުންވާ މީހުން ތަމްރީންކުރުމުގެ މަސައްކަތެކެވެ. 50 ބައިވެރިންނާއެކު މި ޕްރޮގްރާމް ފެށީ މިއަހަރުގެ މާޗް މަހުގައެވެ. މިތަމްރީން ޕްރޮގްރާމަކީ 3 މަހުގެ ޕްރޮގްރާމެކެވެ. ނަމަވެސް ކޯވިޑްގެ ޙާލަތާ ގުޅިގެން ލަސްވުންތަކެއް އައިސްފައިވެއެވެ. 
ފެނަކައިން ފާހަގަކުރާ ގޮތުގަ މި ޕްރޮގްރާމަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ. އަމިއްލަ ރަށުގައި ނުވަތަ ރަށާ ކައިރި ސެންޓަރެއްގައި ހުރެގެން ތަމްރީނުވުމުފެ ފުރުޞަތު މި ޕްރޮގްރާމުން ފަހިކޮށްދެއެވެ. ފުރަތަމަ ބެޗަށް ހުޅުވާލީ 50 ދަރިވަރުންނަށް ނަމަވެސް 130އަށްވުރެ ގިނަކުދިން މިކަމަށް ކުރިމަތިލިއެވެ. 
ފެނަކައިން ވިދާޅުވީ ފުނަރު ޕްރޮގްރާމްގެ ފުރަތަމަ ބެޗުގައި ހިމެނޭ 50ދަރިވަރުންގެ ތެރެއިން މިހާތަނަށް 25ދަރިވަރުން ތަމްރީންތައް ފުރިހަމަކޮށްފަވާކަމަށެވެ. މީގެތެރޭގަ 4އަންހެން ކުދިންވެސް ހިމެނެއެވެ. ފުނަރު ޕްރޮގްރާމްގައި ތިއަރީ ބައިތަކާ ޢަމަލީގޮތުން މަސައްކަތުގެ ތަންރީންދިނުން ހިމެނެއެވެ. އަދި އިމްތިޙާނެއްވެސް ދަރިވަރުންނަށް ދެއެވެ.
		
 
										
			ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ފެނަކައިން ވިދާޅުވީ، އިމްތިހާން ފުރިހަމަކުރާ ކުދިންގެ ތެރެއިން ކަނޑައަޅާ ވަކި މިންގަނޑަކަށްވުރެ މަތިން މާކްސްލިބޭ ދަރިވަރުންނަށް ފެނަކައިގެ ރަށްރަށުގެ ބްރާންޗްތަކުން ވަޒީފާގެ ފުރުސަތު ހުށަހަޅަމުންދާކަމަށެވެ. އިސްކަންދެނީ އަމިއްލަ ރަށުގެ އިންޖީނުގެއިން ނުވަތަ އެ ދަރިވަރަކު އެދޭ ރަށެއްގެ އިންޖީނުގެއިން ވަޒީފާ ހަމަޖައްސައިދިނުމަށެވެ. ފެނަކައިން ވިދާޅުވީ މިހާތަނަށް މިޕްރޮގްރާމް ފުރިހަމަކުރި 25ދަރިވަރުންގެ ތެރެއިން، މި މިންގަނޑުން މަރކްސް ހޯދި ދަރިވަރުންނަށްވެސް ކުންފުނިން ވަޒީފާ ހުށައަޅާފައިވެއެވެ. 
މި ޕްރޮގްރާމާއެކު ފެނަކައިގެ އިންޖީނުގެތަކަށް ބޭނުންވާ މުވައްޒަފުން ބިނާކުރުމާއި، ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރަން ކުރާ މަސައްކަތް ކާމިޔާބުވާނެކަމަށް އެކޯޕަރޭޝަނުން ވިދާޅުވެއެވެ.