ޚަބަރު

"މުވައްޒަފުން ތަމްރީނުކުރުމުގައި ޗައިނާއިން އަބަދުވެސް އެހީވާނެ"


ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުން ތަމްރީނުކުރުމުގައި ޗައިނާ ސަރުކާރުން
ދިވެހި ސަރުކާރަށް އެހީތެރިކަން ދެއްވާނޭކަމުގެ ޔަޤީންކަން، ރާއްޖޭގައި ހުންނަވާ
ސަފީރު ވަންގ ފުކާންގ ދެއްވައިފިއެވެ.



އެމަނިކުފާން މިޔާޤީންކަން ދެއްވީ މިއަދު ސިވިލް ސަރވިސް ޓްރެއިނިންގ
އިންސްޓިޓިއުޓަށް ކުރެއްވި ޒިޔާރަތުގައި ވާހަކަފުޅުދައްކަވަމުންނެވެ.



ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަންގ ފުކާންގ ސިވިލް
ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓަށް ކުރެއްވި ޒިޔާރަތުގައި އެތަން
ބައްލަވާލައްވައި، އެތަނަށް
ކުރިމަތިވެފައިވާ ދަތިތަކާއި ގޮންޖެހުންތަކާ ބެހޭގޮތުން މަޢުލޫމާތު ސާފުކުރެއްވިއެވެ. ސީ.އެސް.ޓީ.އައި.ގައި ބޭއްވެވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން
ވަންގ ފުކާންގ ވަނީ، ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުން ތަމްރީން ކުރުމުގައި
ޗައިނާގެ ސަރުކާރުން ދިވެހި ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާކަން
ފާހަގަކުރައްވާފައެވެ.



މި ގޮތުން، މިދިޔަ އަހަރު ސަތޭކަ ފަރާތަކަށް އަދި މިއަހަރުގެ މިހާތަނަށް ތިންސަތޭކަ
ފަރާތަކަށް ތަމްރީނުގެ އެކި ފުރުޞަތުތައް ޗައިނާ ސަރުކާރުން
ފަހިކޮށްދެއްވާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ކުރިޔަށް އޮތް ތާނގައި، މިފަދަ އިތުރު ފުރުޞަތުތައް ދިވެހި ސިވިލް
ސަރވިސްއަށް ފަހިކޮށްދެއްވާނެކަމުގެ ޔަޤީންކަންވެސް އޭނާ ދެއްވިއެވެ.



މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސިވިލް ސަރވިސް ކޮމިޝަންގެ
ރައީސް ޑރ. ޢަލީ ޝަމީމް ވަނީ، އެ ކޮމިޝަނަށް ޗައިނާ ސަރުކާރުން ދމުން ގެންދާ
އެހީތެރިކަން ފާހަގަކުރައްވާ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި، މެއި މަހު އެ ކޮމިޝަނާއި ޗައިނީސް އެކެޑެމީ އޮފް ގަވަރނެންސާއި
ދެމެދުވެފައިވާ އެއްބަސްވުމެއްގެ ދަށުން ޗައިނާ ސަރުކާރުން ފޯރުކޮށްދެއްވަމުން
ގެންދަވާ ތަމްރީނުގެ ފުރުޞަތުތައް އޭނާ ފާހަގަކުރެއްވިއެވެ.



މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސީ.އެސް.ޓީ.އައި.ގެ ކޮމިޝަނަރ
އިންޗާރޖް ޖަމީލާ ޢަލީ ޚާލިދު ވަނީ، ސީ.އެސް.ޓީ.އައި.އަށް މިވަގުތު
ކުރިމަތިވެފައިވާ އެންމެ ބޮޑެތި ގޮންޖެހުންތަކުގެ މަޢުލޫމާތު ޗައިނާ ސަފީރާއި
ޙިއްޞާ ކުރައްވާފައެވެ. މި ގޮތުން، އުމްރާނީ ގޮތުން ހުރި ދަތިތަކާއި، އަދި އަތޮޅުތަކުގައި މަސައްކަތް
ކުރާ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ތަމްރީން ޕްރޮގްރާމްތައް ހިންގުމުގައި
ހުރި ދަތިތަކާއި ގޮންޖެހުންތައް ޖަމީލާ ފާހަގަކުރެއްވިއެވެ. އަދި، ކުރިޔަށް އޮތް ތަނުގައި ސީ.އެސް.ޓީ.އައި.ގެ ވިސްނުން ހުރީ، އީ-ލަރނިންގ ޕްރޮގްރާމްތައް ހިންގުމަށްކަމަށާއި، ސީ.އެސް.ޓީ.އައި.އަށް
މި ދާއިރާއިން އެހީތެރިކަން ބޭނުންވެފައިވާކަން ޖަމީލާ ފާހަގަކުރެއްވިއެވެ.



ސީ.އެސް.ޓީ.އައި.އިން ކޮންމެ އަހަރަކު ދެ ހާހާއި ތިން ހާހާއި ދެމެދުގެ
އަދަދެއްގެ ސިވިލް ސަރވިސް މުވައްޒަފުންނަށް އެކި ތަމްރީން ޕްރޮގްމާތައް ހިންގައެވެ.