ޚަބަރު

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު، ދެ މުނާސަބަތެއްގައި ދެއްވަން ނިިންމަވައިފި


ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ވަރަށްގިނަ ބޭފުޅުން ފޯމު ހުށަހަޅުއްވާފައިވާތީ، ދެ މުނާސަބަތެއްގައި މި އިނާމު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.

މި އިނާމް ދިނުމަށް މިހާރު ނިންމަވާފައިވަނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައާއި ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ، ޤައުމީ އިނާމާބެހޭ ކޮމިޓީއާ އެމަނިކުފާނު މިއަދު ބައްދަލުކުރައްވައި، ޤައުމީ އިނާމާއި، ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމާބެހޭ މަސައްކަތް ކޮމިޓީން ކުރިއަށް ގެންދަވާގޮތާ ބެހޭގޮތުން ކޮމިޓީގެ މެންބަރުންނާ މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

ރައީސް އޮފީހުން ވިދާޅުވީ ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ފޯމު ހުށަހެޅުމުގެ މުއްދަތު، މިދިޔަ އޮގަސްޓު މަހުގެ 12ވަނަ ދުވަހުގެ ނިޔަލަށް ހަމަވިއިރު ޖުމްލަ 270 ބޭފުޅަކު ފޯމު ހުށަހަޅުއްވިކަމަށެވެ. އަދި ޤައުމީ އިނާމަށް މިއަހަރު 72 ބޭފުޅަކު ފޯމު ހުށަހަޅުއްވައިފައިވާކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

ޤައުމީ އިނާމާބެހޭ ކޮމިޓީއާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް މިހާ ގިނަ ޢަދަދެއްގެ ބޭފުޅުން ކުރިމަތިލެއްވި ކަމަށްޓަކައި ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމަށް ވިދާޅުވިއެވެ. މިކަމާގުޅޭ ގޮތުން ކޮމިޓީގެ ޚިޔާލު ހޯއްދެވުމަށްފަހު، އެއް ޖަލްސާއެއްގައި އެހާ ގިނަ ޢަދަދެއްގެ ބޭފުޅުންނަށް އިނާމު ނުދެއްވޭނެތީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގެ އިތުރުން، ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައިވެސް މި އިނާމު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީއެވެ.

ކޮމިޓީގެ ޗެއަރޕަރސަން ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަނީސާ އަޙްމަދު ދެއްކެވި ވާހަކަފުޅުގައި، ޤައުމީ އިނާމަށް ބޭފުޅުން ހޮއްވެވުމުގެ މަސައްކަތް މިހާރު ނިމުމަކާ ހިސާބަށް އައިސްފައިވާ ކަމުގައި ވިދާޅުވިއެވެ. ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، މިއީ ދިވެހި ދައުލަތުގެ އިނާމަށް ފުރުޞަތު ހުޅުވާލި ފުރަތަމަފަހަރު ކަމަށްވާތީ، ފޯމު ފުރިހަމަކުރެއްވުމުގައި ބައެއް ބޭފުޅުންނަށް ވަރަށްގިނަ ދަތިތައް ކުރިމަތިވިކަން ފާހަގަކުރެއްވިއެވެ. އެގޮތުން ފޯމާއެކު ހުށަހަޅުއްވަންޖެހޭ ބައެއް ލިޔެކިޔުންތައް އެބޭފުޅުންނަށް ހުށަހެޅުއްވިފައިނުވާތީއާއި، އަދި ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރައްވާފައިވާ، މިފަދަ އިނާމެއް ލިބިވަޑައިގަތުން ޙައްޤު، ގިނަ ބޭފުޅުން ތިއްބެވުމާއެކު، ފޯމުގައި ހިމެނޭ އެކި ބައިތަކާ ގުޅޭގޮތުން އިތުރަށް ހޯދަންޖެހޭ ލިޔެކިޔުންތައް ހުށަހެޅުއްވުމަށް އެބޭފުޅުންނަށް އިތުރު ފުރުޞަތެއް ދެއްވަން ކޮމިޓީން ނިންމެވީ ކަމުގައި އަނީސާ އަޙްމަދު ވިދާޅުވިއެވެ.

ދައުލަތުގެ މުއައްސަސާތަކުން ހުށަހަޅުއްވާފައިވާ ފޯމުތަކުގެ ތެރެއިން ލިޔެކިޔުންތައް ފުރިހަމަނުވާ ފޯމުތަކާ ގުޅޭގޮތުން އިނާމާބެހޭ ކޮމިޓީން އެ މުއައްސަސާތަކާއި އަދި އަމިއްލަގޮތުން ނަން ހުށަހެޅުއްވި ބޭފުޅުންނާ ކޮމިޓީން އެކަންކަން ޙިއްޞާ ކުރައްވާނެއެވެ.