ޚަބަރު

ދެ ފިޔަވަހި ވަކިކުރަން ހަދާ ޗެނަލްތައް ކައިރީގައި ރެސްޓޯރެންޓްތަކެއް


ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ވަކިކުރުމަށް ހަދާ ޗެނަލްގެ ކައިރީގައި ރެސްޓޯރެންޓްތައް ހިންގުމުގެ ފުރުޞަތު ދިނުމަށް ނިންމާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ވިދާޅުވެއްޖެއެވެ. އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ސުހައިލް އަޙްމަދު ވިދާޅުވީ ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ވަކިކުރުމަށް ހަދާ ޗެނަލްގެ ދެ ފަރާތުގައިވެސް ރެސްޓޯރެންޓްތައް ހިންގުމަށް ނިންމާފައިވާކަމަށެވެ.

ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ގުޅާލާ ސަރަޙައްދު ވަކިކުރުމަށް ހަދާ ޗެނަލްގެ މަސައްކަތަކީ، ރަށުގެ ލޭންޑް ސްކޭޕް ފުރިހަމަކުރުމަށް ކުރާ މަސައްކަތެކެވެ. ދެ ފިޔަވަހި ގުޅުވައިދެނީ ކުދި ބްރިޖްތަކުންނެވެ. ބްރިޖް ދަށުން އޮއެ ދެމޭގޮތަށް ހަދާ ޗެނަލްތައް ފަރުމާކޮށްފައިވަނީ، ހުޅުމާލޭގެ އެސަރަޙައްދުގެ ލޭންޑް ސްކޭޕަށް އިތުރު ފުރިހަމަކަމެއް އަންނަ ފަރުމާއަކަށެވެ.

މި ޗެނަލަކީ 50މީޓަރު ފުޅާ، 1.85މީޓަރުގެ ފުން ޗެނަލެކެވެ. ޕްރޮޖެކްޓްގެ ބޮޑެތި ގިނަ މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށް އެޗްޑީސީން ވިދާޅުވެއެވެ. އެގޮތުން ސަރަޙައްދު ފުންކުރުމާއި، ވެލިގަނޑު ހިމާޔަތްކުރުމަށް ޝީޓް ޕައިލް ކުރުމާއި، ގާ ޖެހުމުގެ މަސައްކަތްތައްވެސް ފަށައިގެންދަނީ ކުރަމުންނެވެ. އެ ސަރަޙައްދުގެ މަލަމައްޗަށް ބޮޑު ބަދަލެއް އަންނާނެ މި މަސައްކަތް، އަންނަ އަހަރުގެ ކުރީކޮޅު މުޅިން ނިންމާލެވޭނެކަމަށް އެޗްޑީސީން މަޢުލޫމާތުދެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ސުހައިލް އަޙްމަދު ވިދާޅުވީ އެ ޗެނަލްގެ ކުރިމައްޗަށް ވާގޮތަށް ދެ ފިޔަވަހީގައިވެސް ރެސްޓޯރެންޓްތައް ހިންގުމަށް ނިންމާފައިވާކަމަށެވެ. އަދި ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އެ ސަރަޙައްދުގައި ރެސްޓޯރެންޓްތައް ހިންގުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލުމަށް ނިންމާފައިވާކަމަށް ސުހައިލް ވިދާޅުވިއެވެ.

"ގިނަ ފަރާތްތަކަށް މޫދު ކައިރީގައި ރެސްޓޯރެންޓްތައް ހުރުން ހިތްގައިމުކަމަކަށް އެބަވޭ. ކުރިން ބީޗް ސަރަޙައްދުގައި ހިނގަމުންދިޔަ ގޮތަށް ޗެނަލްއަށް ފޭސް ވާ ގޮތަށް ރެސްޓޯރެންޓްތައް ހިންގުމަށް ހުޅުވާލެވޭނެ." އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ސުހައިލް އަޙްމަދު ވިދާޅުވިއެވެ.

ފޭސް އެކަކާއި ފޭސް ދޭއް ގުޅާލާފައިވަނީ ކުދި ބްރިޖްތައް މެދުވެރިކޮށްކަމަށްވުމުން، އުޅަނދުތައް ދުއްވުމަށް މި ޗެނަލް ބޭނުމެއް ނުކުރެވޭނެއެވެ. ނަމަވެސް މަޖާކޮށްލާ އާއިލާއާއެކު ވަގުތު ހޭދަކުރުމަށް އެކި ކަހަލަ ރެކްރިއޭޝަނަލް ހަރަކާތްތައް އެ ސަރަޙައްދުގައި ކުރިއަށްގެންދެވޭނެ ކަމަށް އެޗްޑީސީން ވިދާޅުވެއެވެ. ޗެނަލްގެ މަސައްކަތް މުޅިން ނިމޭއިރު، ޗެނަލް ކައިރި އެއްގަމުގެ ސަރަޙައްދު ތަރައްޤީކުރާނީ ތިމާވެއްޓާ ރަށްޓެހި ފެހި ސަރަޙައްދެއްގެ ގޮތުގައެވެ.

ދެ ފިޔަވަހި ގުޅުވާލުމަށް ހަދާ ހަތަރު ބްރިޖްގެ މަސައްކަތް ނިންމާ މިހާރު ވަނީ އާއްމުންނަށް ބޭނުންކުރެވޭގޮތަށް ހުޅުވާލާފައެވެ.
ހުޅުމާލެއަކީ ހިތްގައިމު މާޙައުލަކަށް ހެދުމަކީ ޕްލޭންކުރެވިގެން ޚާއްސަ އިސްކަމެއް ދީގެން އެޗްޑީސީން ކުރަމުންދާ މަސައްކަތެކެވެ.