ޚަބަރު

ޑރ. މުއިއްޒު ތުރުކީވިލާތުގެ ގުންގޮރެން ޑިސްޓްރިކްޓްގެ މޭޔަރ އާއި ބައްދަލުކުރައްވައިފި


މާލޭ ސިޓީގެ މޭޔަރ ޑރ.މުޙައްމަދު މުޢިއްޒު، ތުރުކީވިލާތުގެ ގުންގޮރެން ޑިސްޓްރިކްޓްގެ މޭޔަރ ބުންޔާމީން ޑެމިރު އާއި ބައްދަލުކުރައްވާ ދެ ކައުންސިލުން ގުޅިގެން ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވއިފިއެވެ. މި މަޝްވަރާތައް ކުރައްވާފައިވަނީ މޭޔަރ މުއިއްޒު ތުރުކީވިލާތަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އިއްޔެ ގުންގޮރެން ޑިސްޓްރިކްޓްގެ ކައުންސިލް އިދާރާގައެވެ.

މި ބައްދަލުވުމުގައި ދެ ކައުންސިލުން ގުޅިގެން ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވާއިރު މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުން ތަމްރީނުކުރުމުގައި އެހީތެރިކަން ދެއްވާނެ ކަމަށް މޭޔަރ ބުންޔާމީން ވިދާޅުވި ކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ. މި ބައްދަލުވުމުގައި ދެފަރާތުން ހިންގާ ޕްރޮޖެކްޓްތަކާބެހޭ މައުލޫމާތު ބަދަލުކޮށް މި ޕްރޮގްރާމްގައި ހުރި ކަންތައްތަކުގެ ތެރެއިން އިސްލާހްކުރަންޖެހޭ ކަންކަމާއި، ދެފަރާތުން ތަޖުރިބާ ހިއްސާކުރެވޭނެ ކަންކަން ވަނީ ފާހަގަކުރައްވާފައެވެ

ތުރުކީވިލާތުގެ ކައުންސިލްތަކާ ގުޅުން ބަދަހިކޮށް ތަޖުރިބާ ހިއްސާކުރުމަށާއި މާލޭ ސިޓީގެ ތަރައްޤީއަށް ބޭނުންވާ އެހީތެރިކަން ހޯއްދެވުމަށް މޭޔަރު މުއިއްޒު ތުރުކީވިލާތަށް ކުރައްވާ މިދަތުރުފުޅުގައި ފުރަތަމަ ވަޑައިގެންނެވީ އިސްތަމްބޫލަށެވެ.

މި ދިޔަ ހުކުރުދުވަހުރޭ ތުރުކީވިލާތަށް ފުރާވަޑައިގެންނެވުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މޭޔަރ ވިދާޅުވީ މި ދަތުރުފުޅުގައި ތުރުކީވިލާތުގެ އެކި ސިޓީތަކުގެ ކައުންސިލްތަކާ ބައްދަލުކުރައްވާނެކަމަށެވެ. އަދި އެ ކައުންސިލްތަކާއެކު ސިސްޓަރ ސިޓީ ހެއްދެވުމުގެ މަސައްކަތް ކުރައްވާނެކަމަށެވެ. މީގެ އިތުރުން މާލޭ ސިޓީގެ ތަރައްޤީއަށް ތުރުކީވިލާތުގެ ކަމާބެހޭ ބައެއް ފަރާތްތަކުން ފޯރުކޮށްދެވިދާނެ އެހީތެރިކަމާ ބެހޭގޮތުން މަޝްވަރާކުރައްވައި އެހީ ހޯއްދެވުމަށް މަސައްކަތްކުރައްވާނެކަމަށް މޭޔަރ ވިދާޅުވިއެވެ. އަދި އެހީތެރިކަން ލިބޭނެކަމުގެ އުއްމީދު ވަރަށް ބޮޑުކަން ހާމަކުރެއްވިއެވެ.

މޭޔަރ ވިދާޅުވީ ކުރިއަށް އޮތްތަނުގައި ތުރުކީވިލާތުގެ އިތުރުން އެހެން ގައުމުތަކުގެ ކައުންސިލްތަކާއެކުވެސް މަޝްވަރާކުރައްވާނެ ކަމަށެވެ. ހަމައެއާއެކު ރާއްޖޭގެ އެހެން ކައުންސިލްތަކާއެކު ވެސް ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާބެހޭގޮތުން މަޝްވަރާކުރައްވާނެކަމަށެވެ.

މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ތުރުކީވިލާތަށް ކުރައްވާ މިދަތުރުފުޅަކީ 6 ދުވަހުގެ ދަތުރުފުޅެކެވެ.