ޚަބަރު

"ނުފޫޒުގައި ޖެހިގެން ޚިދުމަތްދިނުމަކީ ގަބޫލުކުރެވޭނޭކަމެއް ނޫން"


ބައެއްގެ ނުފޫޒްގެ ސަބަބުން ޚިދުމަތްދިނުމުގައި ވަކި ބަޔަކަށް އިސްކަންދިނުމަކީ ޤަބޫލްކުރެއްވޭނެ ކަމެއް ނޫންކަމަށް ހެލްތު މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ އެންޓި ކޮރަޕްޝަން ދުވަސް ފާހަގަކުރުމުގެ ގޮތުން ދަރުބާރުގޭގޭގައި ބޭއްވެވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.ބައިނަލްއަޤްވާމީ އެންޓި ކޮރަޕްޝަން ދުވަސްފާހަގަކުރެއްވުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ދަރުބާރުގޭގައި ބޭއްވެވި ރަސްމިއްޔާތުގައި ވަނީ ރާއްޖޭގެ ޞިއްޙީ ދާއިރާގައި ކޮރަޕްޝަނަށް މަގުފަހިވާނޭގޮތަށް ހުރި ކަންތައް ދެނެގަތުމަށް އެންޓިކޮރަޕްޝަން ކޮމިޝަނުން އެކުލަވާލައްވާފައިވާ ފޮތެއް ނެރުއްވާފައިވެއެވެ. މި ފޮތް ނެރެދެއްވައި ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ، ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކުރައްވަނީ ސިއްޙީ ދާއިރާއަށްކަމަށާއި އެހެންކަމުން ހާމަކަންބޮޑު ގޮތެއްގައި މި މަސައްކަތް ކުރިއަށް ގެންދެވޭނެ ގޮތެއް އިންތިޒާމް ކުރަންޖެހޭކަމަށެވެ. ރާއްޖޭގެ ސިއްޙީ ދާއިރާގައި ހަތް ހާސް މުވައްޒަފުން މަސައްކަތްކުރާކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ، އެކަމަނާ ވަޒީރުކަމާ ޙަވާލުވެވަޑައިގަތުމަށްފަހު ޞިއްޙީ ދާއިރާގެ އިންޓަރނަލް އޮޑިޓްކުރެވޭނެ ޔުނިޓެއް މިހާރު ޤާއިމްކުރައްވާފައިވާކަމަށެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެމްބަރު އާމިނަތު މިންނާ ވިދާޅުވީ ދައުލަތް ހިންގެވުމުގައި ހުރި ދޯހަޅި ކަންކަން ފާހަގަކުރެއްވިފައިވާތީ، ދައުލަތުގެ އެކިއެކި އިދާރާތަކާ ގުޅޭގޮތުން އެންޓިކޮރަޕްޝަން ކޮމިޝަނަށް ކޮންމެ ދުވަހަކުވެސް ތަފާތު މައްސަލަތައް ހުށަހެޅެމުންދާކަމަށެވެ. މިންނާ ވިދާޅުވީ، ކޮރަޕްޝަންގެ މައްސަލަތައް ބައްލަވައި ފިޔަވަޅު އެޅުއްވޭނެ ހަރުދަނާ ޤާނޫނީ ނިޒާމެއް އޮންނަން ޖެހޭކަމަށާއި، އެކަންކުރުމުގެ ހިތްވަރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ކިބައިގައިވެސް ހުންނަންވާނެކަމަށެވެ. މި ޖަލްސާގައި ވަނީ އޭސީސީން އިސްނަންނަގަވައިގެން އެންޓި ކޮރަޕްޝަން ދުވަހާ ގުޅިގެން ބޭއްވި ފޮޓޯ މަޢުރަޒުން ވަނަވަނައަށް ހޮވުނު ފަރާތްތަކަށް އިނާމާއި ހަނދާނީލިޔުން ދެއްވާފައެވެ.