ޚަބަރު

އެއްވެސް ޝަރުތަކާނުލައި އަފްޣާނިސްތާނަށް އެހީތެރިވުމަށް ގޮވާލައިފި


އެއްވެސް ޝަރުތަކާނުލައި އަފްޣާނިސްތާނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޕާކިސްތާނާއި ޤަޠަރުން ގޮވާލައިފިއެވެ.

ޤަޠަރުގެ ޚާރިޖީ ވަޒީރު ޝޭޚް މުޙައްމަދު ބިން ޢަބްދުލްރަޙްމާން އަލްޘާނީއާ ބައްދަލުކުރެއްވުމަށްފަހު ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ޝާހް މަޙްމޫދު ޤުަރައިޝީ ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ އަފްޣާނިސްތާނުގެ ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށް ޝަރުތުތަކެއް ކަނޑައެއްނޭޅޭނެކަމަށެވެ. ބައިނަލްއަޤްވާމީ މުޖުތަމަޢުން އޮތީ ޠާލިބާން ޖަމާޢަތުގެ ދަށުގައި އަފްޣާނިސްތާނަށް އަންނަމުންދާ ސިޔާސީ ބަދަލުތައް ބަލަންކަމަށް ފާހަގަކުރައްވަމުން ޤުރައިޝީ ވިދާޅުވީ ޤައުމު އާރާސްތުކުރަން އެހީތެރިކަން ފޯރުކޮށްދިނުމަށް ފަސްޖެހުނު ނަމަވެސް ކުށެއްނެތް ޢާއްމު ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށް އިސްކަންދޭންޖެހޭނެކަމަށެވެ.

ޕާކިސްތާނުގެ ވެރިރަށް އިސްލާމުއާބާދުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޤަތަރުގެ ޚާރިޖީ ވަޒީރު ޝޭޚް މުޙައްމަދު ވިދާޅުވީ އިންސާނީ އެހީތެރިކަން ފޯރުކޮށްދޭންޖެހޭނީ ސިޔާސީ ކުރިއެރުންތަކަށް ބެލުމަށްފަހު ނޫންކަމަށެވެ. އަދި ބޭރު ޤައުމުތަކުގައި ހިފަހައްޓާފައިވާ އަފްޣާނިސްތާނުގެ ފައިސާއާއި މުދާ ދޫކޮށްލައި އޭގެ ބޭނުން އަފްޣާނިސްތާނުގެ ރައްޔިތުންނަށް ކުރެވޭނެ ގޮތް މަގުފަހިކޮށްދިނުމަށްވެސް އޭނާވަނީ ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ގޮވާލައިފައެވެ.

ޕާކިސްތާނާއި ޤަޠަރަކީ ޠާލިބާނުންގެ މައްޗަށް އެންމެ ބޮޑަށް ނުފޫޒު ފޯރުވާ ދެ ޤައުމެވެ. އެ ގޮތުން ފާއިތުވި އަހަރުތަކުގެ ތެރޭގައި ޠާލިބާނުންގެ ސިޔާސީ ގޮފި ހިންގާފައިވަނީ ޤަތަރުގައެވެ. އަދި އަފްޣާނިސްތާނުގައި ޞުލްޙަ ޤާއިމުކުރުމަށް މަޝްވަރާތައް ކޮށްފައިވަނީވެސް ޤަޠަރުގައެވެ.