ޚަބަރު

ފަހަތުން އަރާ ލިވަޕޫލްއިން އެތްލެޓިކޯ ބަލިކޮށްފި


ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ އެތްލެޓިކޯ މެޑްރިޑް އާއި ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗު ފަހަތުން އަރާ 2-1 ގެ ނަތީޖާއަކުން ލިވަޕޫލް މޮޅުވެއްޖެއެވެ.

މި ސީޒަނުގެ ފުރަތަމަ މެޗުގައި ރޭ ލިވަޕޫލްގެ އެންފީލްޑްގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާއިރު އަމިއްލަ ދަނޑުގައި ކުޅުމުގެ ފައިދާ ނަގާ ލިވަޕޫލް އިން ވަނީ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

ނިމިގެންދިޔަ ޓްރާންސްފާރ ބާޒާރުގައި ބާސެލޯނާއަށް ދާން ބޭނުންވެ ޓީމުގެ ބައެއް ފަރިތަކުރުންތަކުގައި ބައިވެރިވެފައިނުވާ އެތްލެޓިކޯ މެޑްރިޑްގެ ހޫލިއަން އަލްވަރޭޒް އަށް ކޯޗު ޑިއެގޯ ސިމިއޯނީ ވަނީ މި މެޗުގެ ފުރަތަމަ ޓީމުން ފުރުސަތު ދީފައެވެ.

މި މެޗުގެ 17 ވަނަ މިނިޓުގައި އަލްވަރޭޒް ދިން ޕާހަކުން އެތްލެޓިކޯ މެޑްރިގެ މާކޮސް ލޮރެންޓޭ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފައެވެ. މިއީ ލޮރެންޓޭ ޗެމްޕިއަންސް ލީގުގައި ޖެހި 10 ވަނަ ލަނޑެވެ. އޭގެ ތެރެއިން ފަސް ލަނޑަކީ އެންފީލްޑްގައި އޭނާ ޖަހާފައިވާ ލަނޑެވެ.

ލިވަޕޫލް އިން މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ފަސް މިނިޓަށް ވެފައިވަނިކޮށް ޑޮމިނިކް ސޮބޮޒްލާއީ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މި މެޗުން ލިވަޕޫލް އަށް ތިން ޕޮއިންޓް ކަށަވަރުވެފައިވަނީ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ފަސްވަނަ މިނިޓުގައި އެލެކްސިސް މެކަލިސްޓާ ކާމިޔާބުކޮށްދިން ލަނޑާއެކު 2-1 ގެ ނަތީޖާއަކުން އެ ޓީމު މޮޅުވުމުންނެވެ.

މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެކަލިސްޓާ ވަނީ މި ހޫނު މޫސުމުގައި ލިވަޕޫލް އިން އޭނާއަށް އައު ކޮންޓްރެކްޓެއް ދީފައިނުވާތީ އެ ވާހަކަ ދައްކާފައެވެ.

އިރައޯލާގެ އިރުޝާދުގެ ދަށުން ލިވަޕޫލް މިހާތަނަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗު އެއްވަރުވެފައިވާއިރު ދެ މެޗުންވަނީ މޮޅުވެފައެވެ.