ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ފެނޫޑް އާއި ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗުގައި ރަފީނިއާ ޖެހި ދެ ލަނޑާއެކު 5-1 ގެ ނަތީޖާއަކުން ބާސެލޯނާ ކާމިޔާބުކޮށްފިއެވެ.
ބާސެލޯނާގެ ސްޕޮޓިފައި ކޭމްޕް ނޯ ގައި ކުޅުނު މި މެޗުގެ ތިންވަނަ މިނިޓުގައި ލަމީން ޔަމާލް ދިން ޕާހަކުން ރަފީނިއާ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފައެވެ.
ބާސެލޯނާ އާއިއެކު 06-2005 ގެ ސީޒަނުގައި ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ޖިއޮވާނީ ވެން ބްރޮންކްހޯސްޓްގެ އިރުޝާދުގެ ދަށުން ކުޅުނު ފެނޫޑް އާއި ދެކޮޅަށް ބާސެލޯނާ އިން ވަނީ މޮޅު ކުޅުމެއް ދައްކާ މެޗުގެ %71 ޑޮމިނޭޓް ކޮށްފައެވެ.
މި މެޗުގައި ބާސެލޯނާ އިން ޖެހި ދެވަނަ ލަނޑަކީ މެޗުގެ 22 ވަނަ މިނިޓުގައި ކަރީމް އަޑެޔޭމީ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ. މިއީ އޭރިޔާ ބޭރުން އޭނާ ފޮނުވާލި ބާރު ހަމަލާއަކުން ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.
ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު 2-0 ގެ ނަތީޖާއަކުން ބާސެލޯނާ ކުރީގައި އޮތްއިރު ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 12 ވަނަ މިނިޓުގައި ރަފީނިއާ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފައެވެ.
ބާސެލޯނާ އިން މި މެޗުގައި ޖެހި ހަތަރުވަނަ ލަނޑު މެޗުގެ 77 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ލަމީން ޔަމާލް އެވެ.
ފެނޫޑް އިން ލަނޑެއް ޖެހުމަށް ކުރަމުން އައި މަސައްކަތަށް ނިމުމެއް އައިސްފައިވަނީ މެޗުގެ 82 ވަނަ މިނިޓުގައި ސެމް ސްޓެއިން ކާމިޔާބުކޮށްދިން ލަނޑުންނެވެ.
އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނިޓަށް ވެފައިވަނިކޮށް ގެބްރިއެލް ޖީސުސް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 5-1 އަށް ބަދަލުކޮށްފައެވެ. މިއީ އޭނާ ބާސެލޯނާ އަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.