ކުޅިވަރު

ވިމެންސް ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން އާސެނަލް ވިމެން ޖާގަހޯދައިފި


ޔުއޭފާ ވިމެންސް ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން އާސެނަލް ވިމެން ޖާގަހޯދައިފިއެވެ. އާސެނަލް މިމުބާރާތުގެ ގްރޫޕް ސްޓޭޖުން ޖާގަހޯދީ ކޮލިފައިންގެ ދެވަނަ ބުރުގައި ސްލާވިއާ ޕްރާގް ވިމެން އާއި ބައްދަލުކުރިމެޗް 7 ލަނޑު ސުންލަނޑުގެ އެގްރިގޭޓުން ކާމިޔާބުކޮށްގެންނެވެ.

މިދެޓީމްގެ މެދުގައި ކުޅުނު ފުރަތަމަ ލެގް 3 ލަނޑު ސުންލަނޑުން އާސެނަލް ކާމިޔާބު ކޮށްފައިވަނިކޮށް ރޭ ކުޅުނު ދެވަނަ ލެގް އާސެނަލް ރަށުން ބޭރުގައި ކާމިޔާބުކުރީ 4 ލަނޑު ސުންލަނޑުންނެވެ. މިމެޗްގައި އާސެނަލްގެ ވިވިއަން މިއެޑެމާ ވަނީ ހެޓްރިކް ހަދާ އާސެނަލްއަށް 100 ލަނޑު ޖަހައިދިން ކުޅުންތެރިންގެ ލިސްޓަށް އަރާފައެވެ. އޭނާ މިތިން ލަނޑު ޖަހާފައިވަނީ ދެވަނަ ހާފްގައި 12 މިނެޓްގެ ތެރޭގައެވެ. އަދި ފަހު ލަނޑު ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދިނީ ކިމް ލިޓްލްއެވެ.

މިކާމިޔާބީއާއެކު އާސެނަލް މިވަނީ އެޓީމް އެންމެފަހުން ކުޅުނު ފަސް މެޗު ވެސް ކާމިޔާބުކޮށްފައެވެ. އަދި އާސެނަލް ވެފައިވަނީ ވިމެން ސުޕަރ ލީގުން ޗެމްޕިއަންސް ލީގަށް ކޮލިފައިވި ދެވަނަ ޓީމަށެވެ. ޗެލްސީ ވިމެން ވެސް ވަނީ މިމުބާރާތުގެ ގްރޫޕް ސްޓޭޖުން ޖާގަހޯދާފައެވެ. ޔުއޭފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖްގެ ގުރުއަތުލުން ބޭއްވުމަށް ހަމަޖެހިފައިވަނީ 13 ސެޕްޓެމްބަރގައެވެ.

އާސެނަލްވަނީ އެންމެފަހުން ވިމެން ސުލަރ ލީގުގައި އެންމެފަހުގެ ޗެމްޕިއަން ޗެލްސީ ވިމެން އާއި ބައްދަލުކުރި މެޗު ވެސް ކާމިޔާބުކޮށްފައެވެ.