ކުޅިވަރު

ބްރެޒިލް އާއި ޕެރޫ ބައްދަލުކުރިމެޗް ބްރެޒިލް ކާމިޔާބުކޮށްފި


ވާރލްޑް ކަޕްގެ ދެކުނު އެމެރިކާ ސަރަހައްދުގެ ކޮލިފައިންގައި ބްރެޒިލް އާއި ޕެރޫ ބައްދަލުކުރިމެޗް ބްރެޒިލް ކާމިޔާބުކޮށްފިއެވެ. ބްރެޒިލްގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 2 ލަނޑު ސުންލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ބްރިޒިލްއިން ގެންގުޅުނު ނަމަވެސް ގިނަ ހަމަލާ އުފައްދާގައިވަނީ ޕެރޫއެވެ. މިމެޗްގައި ބްރެޒިލްގެ ދެ ލަނޑުވެސް ޖަހާފައިވަނީ ފުރަތަމަ ހާފްގައެވެ. މިގޮތުން ބްރެޒިލްއިން އެޓީމްގެ ފުރަތަމަ ލަނޑު މެޗްގެ 14 ވަނަ މިނެޓްގައި ޖަހައިދިނީ އެވަރޓަން ރިބެއިރޯއެވެ. އަދި ދެވަނަ ލަނޑު މެޗްގެ 40 ވަނަ މިނެޓްގައި ޖަހައިދިނީ ނޭމާއެވެ. މިމެޗްގައި މީގެއިތުރުން ވެސް ދެޓީމަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް މިއިން އެއްވެސް ހަމަލާއެއްގެ ބޭނުން ހިފޭގޮތެއް ނުވިއެވެ.

މިކާމިޔާބީއާއެކު ބްރެޒިލް މިހާރު އުޅޭނީ ދެކުނު އެމެރިކާ ސަރަހައްދުގެ ކޮލިފައިންގ ގެ އެއްވަނައިގައެވެ. އެއީ ކުޅުނު 8 މެޗުން ލިބިފައިވާ 24 ޕޮއިންޓާއެކުއެވެ. ބްރެޒިލް ވެފައިވަނީ މިފަހަރުގެ ކޮލިފައިންގައި ދެކުނު އެމެރިކާ ސަރަހައްދުން ސައްތައިން ސައްތަ ރިކޯޑެއް މިހާތަނަށް ދަމަހައްޓަމުން އަންނަ ހަމައެކަނި ޤައުމަށެވެ. ދެވަނައިގައި އުޅެނީ އާޖެންޓީނާއެވެ. އަދި ޕެރޫ އުޅެނީ ކުޅުނު 9 މެޗުން ލިބިފައިވާ 8 ޕޮއިންޓާއެކު ތާވަލްގެ ހަތް ވަނައިގައެވެ.