ކޯވިޑް-19ގެ ސަބަބުން ފީފާ ކްލަބް ވާރލްޑް ކަޕް ޖަޕާންގައި މިއަހަރު ނުބާއްވަން އެޤައުމުން ނިންމައިފިއެވެ. މިފަހަރުގެ ކްލަބް ވާރލްޑް ކަޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު މަހުގެ ތެރޭގައެވެ.
ފީފާއިން ބުނީ ޖަޕާންގެ ފުޓްބޯޅަ އެސޯސިއޭޝަނުން އަންގާފައިވާގޮތުގައި މިފަހަރުގެ ކްލަބް ވާރލްޑް ކަޕް ޖަޕާންގައި ބޭއްވޭފަދަ ހާލަތެއް މިވަގުތު ނެތް ކަމަށެވެ. ފީފާއިން ބުނީ މިމުބާރާތް ދެން ބޭއްވޭނެ ޤައުމެއް ފަހުން ހާމަކުރާނެކަމަށެވެ. ފީފާ ކްލަބް ވާރލްޑް ކަޕަކީ ކޮންމެ އަހަރަކު އެއްފަހަރު ހުރިހާ ބައްރެއްގެ ޗެމްޕިއަން ކްލަބްތަކުގެ މެދުގައި ކުޅޭ މުބާރާތެކެވެ. ޖަޕާނުން މިއަހަރު ވަނީ އޮލިމްޕިކް ގޭމްސް އާއި ޕެރަލިމްޕިކް ގޭމްސް ބާއްވާފައެވެ. ނަމަވެސް އެދެ މުބާރާތާއެކު އެޤައުމުގައި ކޯވިޑް-19 ފެތުރުން މިވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އަދި މިހާރަކީ އެޤައުމުގައި މިކަމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ފަހަރު ކަމަށްވެއެވެ. މިފަހަރުގެ މުބާރާތް ޖަޕާންގައި ބޭއްވުނު ނަމަ މިމުބާރާތް ވާނީ މުބާރާތް ބޭއްވޭ ނުވަވަނަ ފަހަރަށެވެ. އަދި މިއަހަރު އިއްތިފާގުން ދިމާވަނީ ޖަޕާން ފުޓްބޯޅަ އެސޯސިއޭޝަނަށް 100 އަހަރު ފުރޭ އަހަރަށް ވެސް މެއެވެ.
2020 ވަނަ އަހަރު ޤަތަރުގައި ބޭއްވި މުބާރާތް ކާމިޔާބުކޮށްފައިވަނީ ޔޫރަޕްގެ ޗެމްޕިއަނުންގެ ހައިސިއްޔަތުން ބައިވެރިވި ބަޔާން މިޔުނިކެވެ. ނަމަވެސް އެމުބާރާތް ކޯވިޑް-19 ވައިރަހުގެ ސަބަބުން ބޭއްވިފައި ވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.