ޚަބަރު

ރައީސްގެ އަނބިކަނބަލުން ހަތަރު ސްކޫލަކަށް ޒިޔާރަތްކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ރ.އަލުފުށީ، ރަސްގެތީމް، އަނގޮޅިތީމް، އަދި މަޑުއްވަރީ ސްކޫލަށް ޒިޔާރަތްކުރައްވައި ސްކޫލް ހިންގެވުމާ ހަވާލުވެގެންތިއްބެވި އިސް ބޭފުޅުންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

މި ހަތަރު ރަށުގެ ސްކޫލަށް ޒިޔާރަތްކުރައްވާ ރައީސްގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވަނީ، ކޯވިޑްގެ ދަތި ޙާލަތުގައިވެސް ޓީޗަރުން ކުދިންނަށް ކިޔަވައިދެއްވުމަށް ކޮށްދެއްވި ބުރަ މަސައްކަތް ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުން އެކަމަނާ ވަނީ ހީވާގިކަމާއި އެކުވެރިކަމަކީ ކޮންމެ މަސައްކަތެއްގެ މާޙާއުލުގައިވެސްް އަށަގެންނެވުން މުހިންމު ދެ ސިފަކަމުގައި ވިދާޅުވެފައެވެ.

މި ޒިޔާރަތުގައި އެކަމަނާ ވަނީ އެރަށްރަށުގެ ސްކޫލްތަކުގެ ލައިބްރަރީއަށް، ގަނާކުރުމާ ބެހޭގޮތުންނާ، ޖިންސީ ގޯނާއަށް ހޭލުންތެރިކުރުމާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ދެ ވާހަކަފޮތް ހަދިޔާކުރައްވާފައެވެ. އެކަމަނާ ވަނީ މުޖުތަމަޢުގައި ހިނގާ މިފަދަ ނޭދެވޭ ޢަމަލުތައް ހުއްޓުވުމަކީ މުޖުތަމަޢުގެ އެންމެންގެ ޒިންމާއެއްކަން ފާހަގަކުރައްވައި ކުޑަކުދިންނަށް ރައްކާތެރިކަމާއި އަޅާލުން ދިނުމަކީ އެންމެ މުހިންމު ކަންތައްކަމުގައި ވިދާޅުވެފައެވެ.

ސްކޫލްތަކުގެ އިސްވެރިން ވަނީ އެބޭފުޅުންނަށް ކިޔަވައިދިނުމުގައި ދިމާވާ ދަތިތަކާއި ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާ ހިއްސާކުރައްވާފައެވެ. މިގޮތުން، ސްކޫލުން ދޭ ޚިދުމަތްތައް ރަނގަޅުކުރުމަށް ބޭނުންވާ ޢުމްރާނީ ވަޞީލަތްތަކާ ބޭނުންވާ ބައެއް ކަންތައްތައް ސްކޫލްގެ ފަރާތުން ވަނީ ހިއްސާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ރ.އަލިފުށީ ސްކޫލްގެ ފައުންޑޭޝަން ލެވެލްއިން ފެށިގެން އޯ ލެވެލްއަށް ތައްޔާރުވަމުންދާ ކުދިންނާ ވަކި ވަކީން ބައްދަލުކުރައްވައި ކިޔެވުމާ ގުޅޭގޮތުން އެކުދިންނާ ވާހަކަފުޅުދައްކަވާފައެވެ. މިގޮތުން އެކަމަނާ ވަނީ އޯ ލެވެލްއަށް ތައްޔާރުވުމުގައި ސްޓްރެސް މެނޭޖްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

ސްކޫލްގެ ޓީޗަރުންނާއެކު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބޭއްވި ބައްދަލުކުރެއްވުމުގައި މުޖުތަމަޢުގައި ހިނގާ ނޭދެވޭ ޢަމަލުތަކާއި ދޭތެރޭ ކުދިން ހޭލުންތެރިކުރުމާ، މުޖުތަމަޢުގައި ހިނގާ އެފަދަ ޢަމަލުތައް ހުއްޓުވުމުގައި ޓީޗަރުންނަށް އަދާކުރެވޭނެ ދައުރު ވަނީ ފާހަގަކުރައްވާފައެވެ. ސްކޫލްގެ ޓީޗަރުން ވަނީ މި ސަރުކާރުން ތަޢުލީމަށް ދެއްވާ އަހައްމިއްޔަތު ފާހަގަކުރައްވާ ޝުކުރުއަދާކުރައްވާފައެވެ.

އަލިފުށީ ސްކޫލްގައި ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގްރޭޑް ދިހަޔަކާ ހަމަޔަށް 450 ދަރިވަރުން މިވަގުތު ކިޔަވަމުންދެއެވެ. އަނގޮޅިތީމު ސްކޫލަކީ 99 ދަރިވަރުންނަށް ގްރޭޑް 1 އިން ފެށިގެން ގްރޭޑް 10 އާ ހަމަޔަށް ކިޔަވައިދެމުންދާ ސްކޫލެކެވެ. ރަސްގެތީމު ސްކޫލަކީ 125 ދަރިވަރުން ނަށް އެލްކޭޖީއިން ފެށިގެން ގްރޭޑް 10 އާ ހަމަޔަށް ކިޔަވައިދެމުންދާ ސްކޫލެކެވެ.