ކުޅިވަރު

ޕޯލަންޑުން ފަހު ވަގުތު ޖެހި ލަނޑާއެކު އިންގްލަންޑް މެޗް އެއްވަރު


ވޯލްޑް ކަޕް ކޮލިފައިންގ ޔޫރަޕް ސަރަހައްދުގެ ގްރޫޕް އައި ގައި ޕޯލަންޑާއި އިންގްލަންޑް ބައްދަލުކުރި މެޗްގެ އެންމެ ފަހު ވަގުތު ޕޯލަންޑުން ޖެހި ލަނޑާއެކު މެޗް އެއްވަރު ވެއްޖެއެވެ. ޕޯލަންޑްގައި ކުޅުނު މިމެޗް ނިމުނީ އެއްލަނޑު އެއް ލަނޑުން އެއްވަރު ވެގެންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނަ އިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އިންގްލަންޑުންނެވެ. މިމެޗްގެ ފުރަތަމަ ހާފްގައި ދެޓީމުން މޮޅަށް ކުޅުނު ނަމަވެސް އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 72 ވަނަ މިނެޓްގައި ޖަހައިދިނީ އިންގްލަންޑްގެ ކެޕްޓަން ހެރީ ކޭންއެވެ. މިލަނޑާއެކު އިންގްލަންޑުން އެޓީމަށް ލިބުނު ލީޑު ދިފާއު ކުރެވޭތޯ އެންމެ ފަހު ވަގުތާއި ޖެހެންދެން މަސައްކަތް ކުރިއެވެ. ނަމަވެސް ޕޯޅަންޑުން ހިތްވަރު އެލުވާނުލާ ކުރި މަސައްކަތްކަތުގެ ނަތީޖާއަކަށްވީ މެޗްގެ އިތުރުވަގުތުގެ ދެވަނަ މިނެޓްގައި ކެޕްޓަން ރޮބަޓް ލެވަންޑޯސްކީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ބަދަލު ކުޅުންތެރިޔާ ޑާމިއަން ސްޒިމާންސްކީ ލަނޑެއް ޖަހައޮ މެޗްގެ ނަތީޖާ ހަމަހަމަކޮށް އިންގްލަންޑްގެ ކުޅުންތެރިންނަށް ހިތްދަތިކަން އެންމެ ފަހު ވަގުތު ގެނެސްދިނެވެ.

މިމެޗް އެއްވަރުވުމުން އިންގްލަންޑްގެ ކުޅުންތެރިން މާޔޫސްވި ނަމަވެސް އިންގްލަންޑް އަދިވެސް އޮތީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ހަމެޗުން ލިބިފައިވާ 16 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައެވެ. މިއީ މިފަހަރުގެ ކޮލިފައިންގައި އިންގްލަންޑް އެއްވަރުވި ފުރަތަމަ މެޗެވެ. އަދި ދެވަނައިގައި އުޅޭ ޕޯލަންޑަށް ހަ މެޗުން ލިބިފައިވަނީ 12 ޕޮއިންޓެވެ.