ކުޅިވަރު

އައިސްލެންޑާއި ވާދަކޮށް ޖަރުމަނުވިލާތް މެޗު ކާމިޔާބުކޮށްފި


ވާރލްޑް ކަޕް ކޮލިފައިންގ ޔޫރަޕް ސަރަހައްދުގެ ގްރޫޕް ޖީ ގައި ޖަރުމަނުވިލާތާއި އައިސްލަންޑް ބައްދަލުކުރިމެޗް ޖަރުމަނުވިލާތް ކާމިޔާބުކޮށްފިއެވެ. އައިސްލަންޑްގައި ކުޅުނު މިމެޗް ޖަރުމަނުން ކާމިޔާބުކުރީ ހީކުރިވަރަށް ވުރެ ފަސޭހަ ކަމާއެކު 4 ލަނޑު ސުންލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 4 ވަނަ މިނެޓްގައި ޖަހައިދިނީ ސަރޖީ ގިނެބްރީއެވެ. އެޓީމްގެ ދެވަނަ ލަނޑު މެޗްގެ 24 ވަނަ މިނެޓްގައި ޖަހައިދިނީ އެންޓޯނިއޯ ރުޑިގަރއެވެ. އަދި ތިންވަނަ ލަނޑު 56 ވަނަ މިނެޓްގައި ލިރޯއި ސާނޭ ޖަހައިދިން އިރު ފަހު ލަނޑު މެޗްގެ 88 ވަނަ މިނެޓްގައި ޖަހައިދިނީ ޓީމޯ ވަރނަރއެވެ. މިމެޗްގައި މީހެ އިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ޖަރުމަނަށް ލިބި ބޭކާރުވިތަން ފެނިގެންދިޔައެވެ.

މިކާމިޔާބީއާއެކު ޖަރުމަނުވިލާތް މިހާރު އުޅެނީ ކުޅުނު 6 މެޗުން ލިބިފައިވާ 15 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައެވެ. އަދި މިގްރޫޕްގެ ދެވަނަ މަގާމުގައި އޮތީ ރޭ ލީޗެންސްޓައިން އާއި ބައްދަލުކޮށް އެއްވަރުވި އާރމީނިއާއެވެ. އެޓީމަށް 6 މެޗުން ލިބިފައިވަނީ 11 ޕޮއިންޓެވެ.