ޚަބަރު

އަފްޣާނިސްތާނުގެ އިސްވެރިޔަކަށް އަޚޫންޒާދާ، ބޮޑުވަޒީރުކަން އަޚޫންދަށް


އަފްޣާނިސްތާނުގެ ރޫޙީ އިސްވެރިޔާގެ މަޤާމަށް ހައިބަތުﷲ އަޚޫންޒާދާ އަދި އެ ޤައުމުގެ ބޮޑުވަޒީރުގެ މަޤާމަށް މުއްލާ މުޙައްމަދު ޙަސަން އަޚޫންދު ޢައްޔަންކޮށްފިއެވެ.

އަފްޣާނިސްތާނުގައި އިޢުލާންކުރި ޠާލިބާނުންގެ ވެރިކަމުގައި ސަރުކާރުގެ އެންމެ އިސް މަޤާމުތަކަށް ޢައްޔަންކޮށްފައިވަނީ އެ ޖަމާޢަތުގެ އެންމެ އިސް ސަފުގައި ޙަރަކާތްތެރިވާ ބޭފުޅުންނެވެ. އެ ގޮތުން އަފްޣާނިސްތާނުގެ ރޫޙީ އިސްވެރިޔާގެ މަޤާމަށް ޢައްޔަންކުރި އަޚޫންޒާދާއަކީ ޠާލިބާނުންގެ އެންމެ އިސްވެރިޔާއެވެ. ނަމަވެސް އޭނާއަކީ އަސްކަރީވެރިއަކަށްވުރެ ބޮޑަށް ދީނީ ޢިލްމުވެރިއެއްގެ ގޮތުގައި ފާހަގަވެފައިވާ ބޭފުޅެކެވެ. އަދި އޭނާއަކީ އދފަދަ ބައިނަލްއަޤްވާމީ ޖަމުޢިއްޔާއަކުން އެއްވެސް ފިޔަވަޅެއް އަޅާފައިވާ އަދި ކުށެއްގެ ތުޙްމަތުގައި ހޯދަން އިޢުލާންކޮށްފައިވާ ބޭފުޅެއްވެސް ނޫނެވެ.

އަފްޣާނިސްތާނުގެ ބޮޑުވަޒީރުގެ މަޤާމަށް ޢައްޔަންކުރި އަޚޫންދަކީ ޠާލިބާނުންގެ ޝޫރާ މަޖިލީހުގައި ހިމެނިވަޑައިގަންނަވައި ބޭފުޅެކެވެ. އަދި އޭނާއަކީ އެ ޖަމާޢަތުގެ އެންމެ ދުވަސްވީ އެއް މެންބަރެވެ. އޭގެ އިތުރުން އޭނާވަނީ 1996ން 2001ވަނަ އަހަރަށް އަފްޣާނިސްތާނުގައި އޮތް ޠާލިބާނުންގެ ވެރިކަމުގައި އެ ޤައުމުގެ ބޮޑުވަޒީރުގެ ނައިބުގެ މަޤާމާއި ޚާރިޖީ ވަޒީރުގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ. އޭނާއާ ދެކޮޅަށް އދންވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅައިފައެވެ. އަފްޣާނިސްތާނުގެ ބޮޑުވަޒީރުގެ ނައިބުގެ މަޤާމަށް ޢައްޔަންކޮށްފައިވަނީ މުއްލާ ޢަބްދުލް ޣަނީ ބަރާދަރެވެ. އޭނާއަކީ ޠާލިބާނުންގެ ދެވަނައަށް އެންމެ އިސްވެރިޔާއެވެ. އޭނާއަށް އެއަށްވުރެ އިސް މަޤާމެއް ނުދިނުމުން ގިނަ ބަޔަކަށްވަނީ ހައިރާންކަން ލިބިފައެވެ. އޭނާއަކީ އަފްޣާނިސްތާނުގައި ޙަރަކާތްތެރިވަމުންދިޔަ ބޭރުގެ ފައުޖުތައް އެ ޤައުމުން ފޭބުމަށް އެއްބަސްވުމެއް އެކުލަވާލުމުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވި ބޭފުޅާއެވެ.

އަފްޣާނިސްތާނުގެ ޚާރިޖީ ވަޒީރުގެ މަޤާމަށް ޢައްޔަންކޮށްފައިވަނީ ސިރާޖުއްދީން ހައްޤާނީއެވެ. އަލްޤައިދާ ޖަމާޢަތާ ގާތް ގުޅުންތަކެއް އޮންނަކަމަށް ތުޙްމަތުކުރެވޭ ޙައްޤާނީއަކީ އެމެރިކާއިން އެންމެ ބޮޑަށް ހޯދަން ބޭނުންވާ މީހުންގެ ލިސްޓުގައި ހިމެނޭ ބޭފުޅެކެވެ. އޭގެ އިތުރުން އަފްޣާނިސްތާނުގެ ދިފާޢީ ވަޒީރުގެ މަޤާމަށް ޢައްޔަންކޮށްފައިވަނީ ޠާލިބާނުންގެ ބާނީ މުއްލާ މުޙައްމަދު ޢުމަރުގެ ދަރިކަލުން މުއްލާ މުޙައްމަދު ޔަޢުޤޫބެވެ.

ޠާލިބާނުންވަނީ އަފްޣާނިސްތާނުގެ ސަރުކާރުގެ 33 މަޤާމަކަށް އެ ޖަމާޢަތުގެ އިސްވެރިން ޢައްޔަންކޮށްފައެވެ. އެ ޖަމާޢަތުން ބުނެފައިވަނީ އެ މަޤާމުތަކަށް އެ ބޭފުޅުން ޢައްޔަންކޮށްފައިވަނީ ވަޤުތީގޮތުންކަމަށެވެ.