ޚަބަރު

އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންގެ މުސާރަ ޖެނުއަރީން ފެށިގެން ބޮޑުކުރަނީ


އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ލިބިވަޑައިގަންނަވާ ޢިނާޔަތް އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ބޮޑުކުރައްވާނޭކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ ށ އަދި ރ އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އަންހެނުންގެ ތަރައްްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ޖކޮމިޓީތަކުގެ މެންބަރުންނަށް މިހާރު ލިބިވަޑައިގަންނަވާ އިނާޔަތް ދެގުނައަށް ބޮޑުކޮށްދެއްވާނެކަން ރައީސުލްޖުމްހޫރިއްޔާ އެންމެ ފުރަތަމަ ހާމަކުރެއްވީ މިދިޔަ މަހު ތ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

މިހާރު ށ އަދި ރ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނާއި ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވަނީ އަންނަ ޖެނުއަރީމަހުގެ ފުރަތަމަ ދުވަހުންފެށިގެން އެ ކޮމިޓީތަކުގެ މެންބަރުންނަށް ލިބިވަޑައިގަންނަވާ އިނާޔަތް ބޮޑުކުރައްވާނެކަމަށް ހާމަކުރައްވާފައެވެ. އަދި އެކަމަށް ބޭނުންވާ ފައިސާ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުއްގައި ހިމަނުއްވާނެކަމަށްވެސް ރައީސުލްހޫޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް މިހާރު ލިބިވަޑައިގަންނަވަނީ 3000 ރުފިޔާގެ އެލަވެންސްއެކެވެ. ނަމަވެސް އެ އިނާޔަތް ބޮޑުކުރެއްވުމަށް ރައީސް ނިންމެވުމާއި ގުޅިގެން ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަޙްމަދު ހަމްދާން ވަނީ ރައީސްގެ އެ ނިންމެވުން އިތުރަށް ތަފްސީލްކޮށްދެއްވާފައެވެ..

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ހަމްދާން ވިދާޅުވީ އަންހެނުން ބާރުވެރިކުރުމަކީ ސަރުކާރުގެ މުހިންމު ވަޢުދެއްކަމަށެވެ. އެގޮތުން އަންނަ އަހަރުން ފެށިގެން ސިޓީތަކުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސާއަށް ލިބިވަޑައިގަންނަވާނީ 7000 ރުފިޔާކަމަށާއި, ނާއިބު ރައީސާއަކަށް 6500 އަދި ކޮމިޓީގެ މެންބަރަކަށް 6000 ރުފިޔާ ލިބިވަޑައިގަންނަވާނެކަމަށް ހަމްދާން ވިދާޅުވިއެވެ. އަދި ރަށްރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސާއަށް 6000 ރުފިޔާ އަދި ނާއިބު ރައީސާއަށް 5500 ރުފިޔާ އަދި ކޮމިޓީގެ މެންބަރަކަށް 5000 ރުފިޔާ އަންނަ އަހަރުން ފެށިގެން ލިބިވަޑައިގަންނަވާނެކަމަށް ހަމްދާން ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ސަރުކާރުން މިދިޔަ އަހަރު ގެންނެވި އިސްލާހާއެކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މަސްޢޫލިއްޔަތުތައް ވަނީ ބަޔާންކޮށްފައެވެ. އެގޮތުން އެ ކޮމިޓީގެ މަސްޢޫލިއްޔަތުތަކުގެ ތެރޭގައި, ރަށުގެ ނުވަތަ ސިޓީގެ ތަރައްޤީގެ ކަންކަމުގައާއި ކައުންސިލުން ދެމުންގެންދާ ރަށްވެހިކަމުގެ ޚިދުމަތްތަކާ ބެހޭގޮތުން ކައުންސިލަށް ލަފާ ދިނުމާއި, އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރުމާއި, ރަށުގެ ނުވަތަ ސިޓީގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރުން ހިމެނެއެވެ.

މީގެ އިތުރުން ސިޔާސީ އަދި އިޖްތިމާޢީ ކަންކަމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް މަސައްކަތްކުރުމާއި, މަތީ ތަޢުލީމު ޙާޞިލުކުރާ އަންހެނުންގެ ޢަދަދު އިތުރުކުރުމަށް މަސައްކަތްކުރުންވެސް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މަސްޢޫލިއްޔަތުގެ ތެރޭގައި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. އަންހެނުންނާއި ކުޑަކުދިންގެ ޞިއްޙީ ޙާލަތު ރަނގަޅުކުރުމަށް މަސައްކަތްކުރުމާއި އަންހެނުންނާބެހޭ މުހިންމު މަޢުލޫމާތު އެއްކުރުމަކީވެސް އެކޮމިޓީތަކުގެ މަސްޢޫލިއްޔަތެކެވެ.