ޤައުމުތަކުގެ ޙާލަތު މިހާރަށްވުރެ ރަނގަޅު ހަރުފަތަކަށް ގެންދިއުމަށް، އެކުވެރި ދައުލަތްތައް (އދ)ގެ ޢާއްމު މަޖިލީހުންގެ ރައީސްގެ ޙައިސިއްޔަތުން މަސައްކަތްކުރައްވާނެ މައިގަނޑު 5 ދާއިރާއެއް އދ.ގެ ޢާއްމު މަޖިލީހުގެ އިންތިޚާބީ ރައީސް އަދި ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ހާމަކުރައްވައިފިއެވެ.
އދ.ގެ ޢާއްމު މަޖިލީހުންގެ އިންތިޚާބީ ރައީސް އަދި ރާއްޖޭގެ ފޮރިންމިނިސްޓަރ އަބްދުﷲ ޝާހިދު މިކަން ހާމަކުރެއްވީ އިންޓަރ ޕާލިމެންޓް ޔޫނިއަން(އައިޕީޔޫ)ގެ "ވޯލްޑް ކޮންފަރެންސް އޮފް ސްޕީކަރސް އޮފް ޕަރލިމެންޓް"ގައި ވާހަކަފުޅުއްދައްކަވަމުންނެވެ.
މިނިސްޓަރ ވިދާޅުވީ ޤައުމެއްގެ ޤާނޫނު ހަދާ މަޖިލީހަކީ ރައްޔިތުންނާ އެންމެ ގާތުން މަސައްކަތްކުރާ ތަންކަމަށެވެ. އަދި ޤައުމުގެ ޙާލަތު ރަނގަޅު ހަރުފަތަކަށް ގެންދިއުމުގެވެސް އެންމެ ބޮޑު މަސައްކަތެއް ކުރާ ތަނަކީ ޤާނޫނު ހަދާ މަޖިލިސްކަމަށް ވިދާޅުވިއެވެ. ޝާހިދުގެ ވާހަކަފުޅުގަވަނީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި އެމަނިކުފާނު ފުރިހަމަކުރެއްވި 5 ދަޢުރުގައި އިންޓަރ ޕަރލިމެންޓް ޔުނިއަންގެ ފަރާތުން މިމަސައްކަތަށް ލިބުނު އެހީ ފާހަގަކުރައްވާފައެވެ.
ޝާހިދު ވިދާޅުވީ ޤައުމަތުގެ ޙާލަތު ރަނގަޅުކުރެވޭނީ އެއް ޤައުމު އަނެއްގަޢުމަށް އެހީތެރިކަންދީ ގުޅިގެންކުރާ މަސައްކަތުންކަމަށެވެ. އދ.ގެ ޢާއްމު މަޖިލީހުގެ 76ވަނަ ރައީސްގެ ޙައިސިއްޔަތުން މަސައްކަތްކުރެއްވުމުގައިވެސް އެންމެ އިސްކަން ދެއްވާނެ ކަންކަމުގެ ތެރޭގައި ޤައުމުތަކުގެ ގުޅުން އިތުރަށް ވަރުގަދަކުރެއްވުމަށް ޚާއްސަ އިސްކަމެއް ދެއްވާނެކަމަށް ވިދާޅުވިއެވެ.
ޝާހިދުގެ "ފައިވް ރޭސް އޮފް ހޯޕް"ގައި ވަނީ، މިދައުރުގައި ޙާސިލްކުރައްވަން ބޭނުންފުޅުވާ 5 ކަމެއް ހިމަނުއްވާފައެވެ.
އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ވަނީ ކޯވިޑުގެ ޙާލަތުން އަރައިގަތުމަށް ޤައުމުތައް އެކަތިގަނޑަކަށްވެ މަސައްކަތްކުރުމެވެ. ޚާއްސަކޮށް ޤައުމުތަކަށް ހަމަހަމަކާއެކު ކޯވިޑް ވެކްސިން ލިބޭނެ ގޮތްތައް ހޯއްދެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ.
Thank you @IPUparliament for the opportunity to speak at the 5th World Conference of Speakers of Parliament (#5WCSP).
— Abdulla Shahid (@abdulla_shahid) September 7, 2021
I have chosen the theme of "hope" for my #UNGA76 Presidency. And parliaments are necessary partners for implementing each of the #FiveRaysofHope pic.twitter.com/cgfEkV9EuM
ދެވަނަ ކަމެއްގެ ގޮތުގައި ވަނީ ކޯވިޑްގެ ސަބަބުން ޢާއްމު ދިރިއުޅުމަށް ކުރި އަސަރުތަށް ދެނެގަނެ އެއަސަރުތައް ކުޑަކުރުމަށްޓަކާ ދެމެހެއްޓެނިވި ތަރައްޤީ ޙާސިލްކުރުމަށް ކުރިއަށްއޮތްތާންގައި މަސައްކަތްކުރުމެވެ.
ރާއްޖެއަކީ ބައިނަލްއަޤްވާމީ މައިދާނުގައި ތިމާވެއްށި ޙިމާޔަތްކުރުމަށް ވަކާލާތުކުރަމުން އަންނަ ޤައުމެކެވެ. ޝާހިދު ވިދާޅުވީ މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ގޮންޖެހުންތަކާ، ކަނޑުތަކާ ތިމާވެށި ޙިމާޔަތްކުރުމަށް ދުނިޔެއިން ކުރަމުންދާ މަސައްކަތްތައް ހަރުދަނާކުރައްވާނެކަމަށެވެ.
އަދި އިންސާނީ ޙައްގުތައް ޙިމާޔަތްކުރުމަށް ކުރާ މަސައްކަތްތައް އިތުރުކުރައްވާނެކަމަށް ޝާހިދު ވިދާޅުވިއެވެ. މި މައްސަލަތަކަށް ޙައްލު ހޯދުމަށް އދ.ގެ އާއްމު މަޖިލީހުގެ ރައީސްގެ ޙައިސިއްޔަތުން ޝާހިދުގެ ކުރައްވާ މަސައްކަތްޕުޅުތަކުގައި ޤައުމުތައް ގުޅިގެން ބައިވެރިވުމަށް ގޮވާލެއްވިއެވެ.
ފަހުކަމެއްގެގޮތުން އދ.ގެ ޤައުމުތައް އެކަތިގަނޑަކަށްވެ މަސައްކަތްކުރުމަށް އެދިވަޑައިގެންނެވިއެވެ. ޤައުމުތަކުގެ ގުޅުން ބަދަހިކުރުމާއި ކަންކަމުގައި މަޝްވަރާކޮށްގެން ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް އެކުގައި މަސައްކަތްކުރެއްވުމަށް ޝާހިދުވަނީ ގޮވާލައްވާފައެވެ.