ޚަބަރު

ދަރިވަރުން ކޯވިޑް ވެކްސިންގެ 2ވަނަ ޑޯޒް ޖަހަން ފަށައިފި


ކޯވިޑުން ދިފާޢުވުމަށް ޖަހާ ވެކްސިންގެ ދެވަނަ ޑޯޒް ސްކޫލް ދަރިވަރުން ޖަހަން ފަށައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ އުމުރުން 12 އަހަރުން މަތީގެ ދަރިވަރުންނަށް ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ފަށާފައިވަނީ އިއްޔެކަމަށެވެ. އުމުރުން 12 އަހަރާއު 17 އަހަރާ ދެމެދުގެ އުމުރުފުރާގެ ކުދިންނަށް ފައިޒަރ ވެކްސިން ޖަހަން ފަށާފައިވަނީ މިދިޔަ މަހުގެ 15ވަނަ ދުވަހުގައެވެ.

ސްކޫލްތަކުގައި އުމުރުން 12 އަހަރުން މަތީގެ ދަރިވަރުންގެ ތެރެއިން ވެކްސިން ޖެހޭނެ، ގާތްގަޑަކަށް 40،000 ދަރިވަރުން ތިބިކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ދަރިވަރުންނަށް ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށްގެންދާއިރު ވެކްސިން ޖަހަން ދާންޖެހޭ މަރުކަޒުތަކާއި ގަޑިތައް ސްކޫލްތަކުން ބެލެނިވެރިންނާއި ދަރިވަރުންނަށް އަންނަނީ އަންގަމުންނެވެ. ވެކްސިން ޖަހަން ދާ މަރުކަޒުތަކުގައި ދަރިވަރުން ކިޔޫގައި ޖެހޭކަށް ނުޖެހޭނެއެވެ. އެޑިއުކެޝަން މިނިސްޓްރީން ވިދާޅުވީ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މާލެ ސަރަޙައްދާއި އަތޮޅުތަކުގައިވެސް ވެކްސިން ސެންޓަރުތަކުގައި ޑޮކްޓަރުން ތިއްބަވާނެކަމަށެވެ. އަދި ވެކްސިން ޖެހުމަށް ދަރިވަރުންދާއިރު، ރަނގަޅަށް ކައިގެން ދިއުމަށް މިނިސްޓްރީން އިލްތިމާސްކުރައްވައެވެ.