ޚަބަރު

ށ.ފުނަދޫއިން ރައީސްގެ ދެކަނބަލުންނަށް ހޫނު މަރުޙަބާއެއް


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މިލަދުންމަޑުލު އުތުރުބުރީގެ ބައެއް ރަށްރަށަށާއި މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ށ.ފުނަދޫއަށް ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފުނަދުއަށް ވަޑައިގަތުމުން އެރަށުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ފުނަދުއަށް ވަޑައިގަތުމަށްފަހު ވަނީ، ށ.އަތޮޅު ކައުންސިލް މެންބަރުންނާއި ބައްދަލުކުރައްވާފައެވެ. އަތޮޅު ކައުންސިލާއި ބައްދަލުކުރެއްވުމަށްފަހު ފުނަދޫ ރަށު ކައުންސިލާއި، އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާވެސް އެމަނިކުފާނު ބައްދަލުކުރައްވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ މި ދަތުރުފުޅުގައި، މިލަދުންމަޑުލު އުތުރުބުރީގެ 4 ރަށަކަށާއި، މާޅޮސްމަޑުލު އުތުރުބުރީގެ 4 ރަށަކަށް ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވެއެވެ. މި ރަށްރަށަށް ކުރައްވާ ޒިޔާރަތްތަކުގައި އެދެކަނބަލުން އެރަށްރަށުގައި ބައެއް މަޝްރޫޢުތައް ހިނގަމުންދާ ގޮތް ބައްލަވާލައްވައި، ބައެއް މުއައްސަސާތަކަށް ޒިޔާރަތްކުރައްވައި އެތަންތަނުގެ ޙާލަތު ބައްލަވާލައްވައި، ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައި ވެއެވެ. މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާ، ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިތުރުން، މަސްވެރިންނާއި، ދަނޑުވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ. އަދި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ މި ދަތުރުފުޅުގައި ރ. އަލިފުށީގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ފަރާތުން ޤާއިމުކޮށްފައިވާ ޖޮބް ސެންޓަރުގެ ޚިދުމަތްވެސް އިފްތިތާޙްކޮށްދެއްވުމަށް ހަމަޖެހިފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ މި ދަތުރުފުޅުގައި ވަޑައިގަތުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ށ. ފުނަދޫ، ށ. ޅައިމަގު، ށ. ފޯކައިދޫ، ށ. މާއުނގޫދޫ، ރ. ވާދޫ، ރ. އަލިފުށި، ރ. ރަސްގެތީމު އަދި ރ. އޮނގޮޅިތީމެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ، ކޯވިޑް-19ގެ ރާއްޖޭގެ ޙާލަތު ރަނގަޅުވުމާއެކު އަތޮޅުތެރޭގެ ޙާލަތު ބައްލަވާލައްވާ އަތޮޅުތަކުގައި ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުތައް ބައްލަވާލެއްވުމަށް ކުރައްވާ ދަތުރުފުޅުތަކެކެވެ.

ށ.ފުނަދޫއަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަޑައިގަންނަވާނީ އެއަތޮޅު ޅައިމަގަށެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ކެބިނެޓްގެ ބައެއް ވަޒީރުންވެސް ބައިވެރިވެވަޑައިގަންނަވައެވެ.