ޚަބަރު

ފޮތްތަކުގައި ހުރި މައްސަލަތައް 7 ދުވަހުގެ ތެރޭ ދެނެގަނެ އިސްލާޙުކުރަނީ!


ސްކޫލްތަކުގެ ބައެއް ގްރޭޑްތަކުގެ ޤުރުއާނާއި އިސްލާމް ފޮތްތަކުގައި ހުރި މައްސަލަތައް 7 ދުވަހުގެ ތެރޭ ދެނެގަނެ އިސްލާޙު ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމަވައިފިއެވެ.

ސްކޫލްތަކުގެ ބައެއް ގްރޭޑްތަކުގެ ޤުރުއާނާއި އިސްލާމް ފޮތްތަކުގައި ޤުރުއާންގެ ބައެއް އާޔަތްތައް ނުބައިކޮށް ހުރުމުގެ މައްސަލަވަނީ ފާހަގަކުރެވިފައެވެ. އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ފޮތްތަކުގައި ހުރި މައްސަަލަތައް ދިމާވާން މެދުވެރިވި ގޮތް ދެނެގަތުމަށް އެކުލަވާލި ކޮމިޓީގެ މަސައްކަތް މިހާރު ފަށައިގެން ކުރިއަށްދާކަމަށެވެ. އަދި އެކޮމިޓީގެ މަސައްކަތްތައް ނިންމައި 7 ދުވަހުގެ ތެރޭގައި އެޑިއުކޭޝަން މިނިސްޓަރަށް އެކަމުގެ ރިޕޯޓު ހުށަހަޅަން ވަނީ ކަނޑައަޅާފައެވެ. އެރިޕޯޓުގެ ނަތީޖާއަށް ބަލައި ބަދަލު ގެންނަންޖެހޭ ކަންކަމަށް ބަދަލުގެނެވޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

މި މައްސަލަ ފެންމަތިވުމުން އެންމެ މުހިންމުކަމެއްގެ ގޮތުން، ދަރިވަރުންގެ އަތުން ފޮތްތައް ނަގައި މައްސަލަތައް ރަނގަޅުކުރުމަށް ހުރިހާ ސްކުލްތަކަށް އަންގާފައިވާނެކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ. އަދި ވަގުތީ ޙައްލެއްގެ ގޮތުން އެސޫރަތްތަކުގެ ޞައްޙަ ކޮޕީއެއް ފޮތްތަކުގައި ތަތްކުރުމަށް ވަނީ އަންގަވާފައެވެ.

މިހާތަނަށް 4 ފޮތެއްގައި މިފަދަ މައްސަލަ ހުރިކަން ފާހަގަވެފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ ވަނީ ވިދާޅުވެފައެވެ. މިނިސްޓަރ ވިދާޅުވީ ފޮތްތަކުގައި މައްސަލަތައް ހުރެގެން ވާނޭކަމަކަށް ޤަބޫލު ނުކުރައްވާކަމަށާ، މިކަމުގައި އިހުމާލުވި ފަރާތްތައް ހޯދައި، ފިޔަވަޅު އަޅުއްވާނެކަމަށެވެ.