ދުނިޔޭގެ ވިޔަފާރި

އިޤްޠިޞާދު އާރާސްތުކުރަން، އިންވެސްޓްމަންޓް އިތުރުކުރަން ޔޫއޭއީން ތައްޔާރުވަނީ


ކުރިއަށްއޮތް 9 އަހަރު ދުވަހަށް އިޤްޠީޞާދީ ގޮތުން ކުރާނެ 50 ކަމަކަށް އިންވެސްޓްކުރަން 150 ބިލިއަން އެމެރިކާ ޑޮލަރުގެ ހޭދަކުރުމަށް ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)އިން ނިންމައިފިއެވެ. ޔޫއޭއީން މިގޮތައް ނިންމާފައިވަނީ ބޭރުގެ އިންވެސްޓަރުން ޝައުޤުވެރިކުރުވުމުގެގޮތުންނާއި ވިޔަފާރީގެ ވާދަވެރިކަން އިތުރުކުރުމުގެގޮތުންނެވެ.

އިންވެސްޓްކުރަން ނިންމާފައިވާ ބައެއް މަޝްރޫޢުތައް މިހާރު ޢިއުލާންކޮށްފައިވާއިރު އޭގެތެރެއިން ބައެއް މަޝްރޫޢުތަކުގެތެރޭގައި ޓެކްނޮލޮޖީއަށް އިންވެސްޓްކުރުމާއި ހުނަރުވެރި މަސައްކަތްތެރިންނާއި ދިރިއުޅޭނެ މީހުން އިތުރުކުރުމުގެގޮތުން އިތުރު އައު ވިސާތައް އުފެއްދުންވެސް ހިމެނެއެވެ.

މީގެއިތުރުން އިންޑަސްޓްރިއަލް ޓެކްނޮލޮޖީ އަދި ޓެކްނޮލޮޖީ ހެވީ ސެކްޓަރަށް 5 ބިލިއަން ޔޫއޭއީ ދިރްހަމް ނުވަތަ 1.3 ބިލިއަން ޑޮލަރު އެމިރޭޓްސް ޑިވެލޮޕްމަންޓް ބޭންކުން އިންވެސްޓްކުރާނެކަމަށްވެސް ޔޫއޭއީގެ ސިނާޢަތްތަކާއިބެހޭ ވުޒާރާގެ ވަޒީރު ސުލްޠާން ޢަލް ޖަބެރް ވަނީ ވިދާޅުވެފައެވެ.

އައު ވިސާގެ ދެކެޓަގަރީ އަމާޒުކޮށްފައިވަނީ ފްރީލާންސްކޮށް މަސައްކަތްކުރާ ފަރާތްތަކަށާއި ހުނަރުވެރި މަސައްކަތްތެރިންނަށެވެ. އަދި މިވިސާ ބޭނުންކުރާ މަސައްކަތްތެރިންނަށް ޔޫއޭއީއަށް ޢާއިލާ ގެންދިއުމާއި ވަޒީފާ ހޯދުމުގައި ލުއިވެގެންދާނެކަމަށް އެޤައުމުގެ އޮފިޝަލުން ވިދާޅުވެއެވެ.

އިންވެސްޓަރުން ޝައުޤުވެރުކުރުވުމުގެގޮތުންނާއި ކޯވިޑްގެ ބަލިމަޑުކަމުން ޔޫއޭއީގެ އިޤްޠީޞާދު އަރައިގަތުމަށް އެހީވުމުގެގޮތުން ގިނަ ފިޔަވަޅުތަކެއް ވޭތުވެދިޔަ އަހަރުތަކުގައިވެސް ޔޫއޭއީ އިންވަނީ އަޅާފައެވެ.