ރާއްޖޭގެ ޚާރިޖީ ތާރީޚުގައިވެސް މީގެކުރިން ނުލިބޭ ވަރުގެ ކުރިއެރުމެއް އެދާއިރާއިން އަންހެނުންނަށް ޙާސިލުކުރެވިފައިވާކަމަށް މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސް ޢާއިޝަތު މުޙައްމަދު ދީދީ ވިދާޅުވެއްޖެއެވެ. މިކުރިއެރުން އިތުރަށް ދެމެހެއްޓުމަށް ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާކަމަށްވެސް މިނިސްޓަރ ޢައިޝާ ވިދާޅުވިއެވެ.
މިއަހަރުގެ ރެހެނދި އެވޯޑު ޙަފްލާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދު ދީދީ ވިދާޅުވީ އަންހެނުން ބާރުވެރިކުރުމަށް ހުރި ހުރަސްތައް ރާއްޖެއިން އަންނަނީ ގިރާކުރަމުންކަމަށެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ ބަދަލެއް ގެނެވިފައިވަނީ ޚާރީޖީ ދާއިރާއިންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ރާއްޖެއިން ބޭރުގައި ޤާއިމުކޮށްފައިވާ 16 މިޝަންގެ ތެރެއިން 8 މިޝަން ލީޑުކުރައްވަމުން ގެންދަވަނީ އަންހެނުންކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިއީ ރާއްޖޭގެ ޚާރިޖީ ތާރީޚުގައިވެސް މީގެކުރިން ހޯދިފައިނުވާ ވަރުގެ ކުރިއެރުމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިއަހަރުގެ ރެހެނދި އެވޯޑު ޙަފްލާގައިވަނީ 2020ވަނަ އަހަރު މިއެވޯޑު ޙާސިލުކުރި އަންހެނުންނަށް އެވޯޑު ދެއްވާފައެވެ. އެގޮތުން 2020ވަނަ އަހަރު 7 ދާއިރާއަކުން އެވޯޑު ލިބުނު މީހުންނަށް މިޙަފްލާގައިވަނީ އެވޯޑު ޙަވާލުކޮށްފައެވެ. 2020ވަނަ އަހަރު އެވޯޑު ލިބުނު މީހުންގެ ތެރޭގައި އިޖުތިމާއީ ދާއިރާއިން ފާޠިމަތު އިބްރާހިމާއި އަލްއުސްތާޛާ މަރިޔަމް ސުނާނާ ހިމެނެއެވެ. އަދި އަދާކުރާ ވަޒީފާގެ ގޮތުން އޮފީހަށް ނުވަތަ ދާއިރާއަށް ކޮށްދެއްވާފައިވާ ޚިދުމަތުގެ ދާއިރާއިން ޢާއިޝަތު ހުސެއިން މަނިކާއި އާމިނަތު އަމީނާއާއި އަލްއުސްތާޛާ ޙައްވާ ލަޠީފާއި މިންހާ ފާއިޒް ރަޝާދާއި ޝިފްޒާ މުސްޠަފާ ހިމެނެއެވެ. 2021ވަނަ އަހަރުގެ ރެހެންދި އެވޯޓު މިރަސްމިއްޔާތުގައި ދިނީ އެއަހަރު މިޙަފްލާ ނުބޭއްވުމުގެ ސަބަބުންނެވެ.
2021ވަނަ އަހަރު 5 ދާއިރާއަކުންވަނީ އެވޯޑު ދީފައެވެ. މީގެ ތެރޭގައި ތަޢުލީމީ ދާއިރާއިން އަޙުމީމާ ލުތުފީއާއި ސައިންސްއާއި ޓެކްނޮލޮޖީއާއި އިންޖިނިއަރިންގ އަދި މެތެމެޓިކްސް ނުވަތަ ސްޓެމްގެ ދާއިރާއިން އާމިނަތު ސަހާ ޙާޝިމާއި ޒީނިޔާ އަޙްމަދު ޙާމިދަށްވަނީ އެވޯޑު ލިބިފައެވެ. ހިލޭ ސާބަހަށް މަސައްކަތްކުރުމުގެ ދާއިރާއިން ނާދިޔާ ޢަބްދުލްޣަފޫރަށް އަދި ކުޅިވަރުގެ ދާއިރާއިން ޙައްވާ ރާމިޒާއަށް ވަނީ އެވޯޑު ދީފައެވެ.
އަދި މިއަހަރުގެ ޙަފްލާގައި އަދާކުރާ ވަޒީފާގެ ގޮތުން އޮފީހަށް ނުވަތަ ދާއިރާއަށް ކޮށްދީފައިވާ ޚިދުމަތުގެ ދާއިރާއިން ސަރޖަންޓް ފަސްޓް ކްލާސް ނަސްރީނާ ޙަސަނަށްވަނީ އެވޯޑު ލިބިފައެވެ. ޢާއްމު ފަރުދުންގެ ތެރެއިން އަންހެނުންގެ ތަރައްޤީއަށް މސައްކަތްކުރާ އަންހެނުންނާއި ފިރިހެނުންގެ ދާއިރާއިން ސިޔާމާ އަޙްމަދަށްވަނީ އެވޯޑު ލިބިފައެވެ. މިއަހަރުގެ ރެހެނދި އެވޯޑުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ދާއިރާއިން ލ.އަތޮޅު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއަށްވެސްވަނީ އެވޯޑު ލިބިފައެވެ.
ރެހެންދި އެވޯޑަކީ އަންހެނުން ބާރުވެރިކުރުވާ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން އަހަރަކު އެއްފަހަރު ދެމުން އަންނަ އެވޯޑެކެވެ. ކޯވިޑްއާއި ގުޅިގެން މިދިޔަ އަހަރުގެ އެވޯޑު ރަސްމީކޮށް ދީފައެއް ނުވެއެވެ. މިއަހަރުގެ ރެހެނދި އެވޯޑު ޙަފްލާފައި ރައީސުލްޖުމްހޫރިއްޔާގެ ދެކަންބަލުންނާއި ދައުލަތުގެ އިސްވެރިންވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.