ދުނިޔޭގެ ވިޔަފާރި

އޭޝިޔާއަށް ވިއްކާ ތެލުގެ އަގު ސައުދީން ހެޔޮކޮށްފި


އޭޝިއާގެ ޤައުމުތަކުން ސެޕްޓެމްބަރާއި އޮކްޓޫބަރުމަހު ލައިޓް ކްރޫޑް ތެޔޮ ގަންނަ ފަރާތްތަކަށް ސައޫދީ ޢަރަބިޢާއިން އަގު ހެޔޮކޮށްދީފިއެވެ.

އޭޝިއާއަށް އަގު ހެޔޮކޮށްދީފައިވާއިރު ޔޫރަޕް އަދި އެމެރިކާއަށް ތެޔޮ ވިއްކާއަގަކަށް ސަޢުދީން އެއްވެސް ބަދަލެއް ނުގެނެއެވެ.

އޮމާން އަދި ދުބާއީގައި އެވަރޭޖްކޮށް ތެލުގެ އަގު ހުރިވަރާއި ބަލާއިރު ސަޢުދީގެ އެންމެބޮޑު ތެޔޮ އުފައްދާ ކުންފުނި ސަޢުދީ އެރަމްކޯއިން އޭޝިއާއަށް ތެޔޮފޯރުކޮށްދޭ އަގުގެ ތަފާތަކީ ފީފާއެއް 1.7 އެމެރިކާ ޑޮލަރެވެ. ސެޕްޓެމްބަރުމަހުގެ އަގުގެ ތަފާތަކީ ފީފާއެއް 3 ޑޮލަރުގެ ތަފާތެވެ.

ޔޫރަޕާއި އެމެރިކާއަށް ކުންފުނިން ފޯރުކޮށްދޭ ތެލުގެ އަގަށް ބަދަލު ގެނެސްފައެއްނުވެއެވެ. އެގޮތުން ޔޫރަޕަށް ތެޔޮ ފޯރުކޮށްދޭ އަގުގެ ތަފާތުގެ ގޮތުގައި 1.7 އެމެރިކާ ޑޮލަރު ހަމަޖައްސާފައިވާއިރު އެމެރިކާއަށް ތެޔޮފޯރުކޮށްދޭ އަގުގެ ތަފާތަކީ 1.35 އެމެރިކާ ޑޮލަރެވެ.

ތެލަށް އޮތް ޑިމާންޑް އުފުލި ތެލުގެ އަގުބޮޑުވަމުން ދިއުމުގެ ސަބަބުން ބާޒާރަށް ނެރޭ ތެލުގެ މިންވަރު އިތުރުކުރުމަށް މިއަހަރުގެ އޯގަސްޓުން ޑިސެމްބަރަށް ދުވާލަކު 400000 ފީފާގެ ތެޔޮ ބާޒާރަށް ނެރެން އޮރގަނައިޒޭޝަން އޮފް ދަ ޕެޓްރޯލިއަމް އެކްސްޕޯޓިންގ ކަންޓްރީޒް (އޯޕެކް) ވަނީ ޖުލައިމަހު ނިންމާފައެވެ.

ކޯވިޑްގެ ބަލިމަޑުކަމާއި ހެދި ތެލަށް އޮތް ޑިމާންޑް ދަށްވުމުގެ ސަބަބުން މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން އޯޕެކުން އުފައްދަމުން ދިޔައީ ދުވާލަކަށް 10 މިލިއަން ފީފާގެ ތެލެވެ.