ޚަބަރު

ބިންތަކުގެ މިލްކުވެރިކަން ކައުންސިލްތަކަށް ދިނުމުގެ ބިލް ކޮމިޓީއަށް


ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށްޓަކައި، ޤާނޫނުން ދީފައިވާ ބާރުވެރިކަން ކައުންސިލްތަކަށް ދިނުމަށް ބިމާބެހޭ ޤާނޫނަށް ހުށަހެޅި އިސްލާހު ކޮމިޓީއަށް ފޮނުވައިފިއެވެ.

ކޮމިޓީއަށް މިބިލް ފޮނުވަން ފާސްކޮށްފައިވަނީ 42 މެމްބަރުންގެ ވޯޓުންނެވެ.

ޤާނޫނަށް ގެނެސްފައިވާ އިސްލާހުތަކުގެ ތެރޭގައި، ކައުންސިލްތަކުގެ މިލްކުވެރިކަމުގެ ދަށުގައިވާ ބިން އެކައުންސިލުތަކުން ދޫކޮށް، ކުއްޔަށްދީ ހެދުމުގެ ބާރުވެސް ދީފައިވެއެވެ. ރަށްރަށުގެ ބިންތަކުގެ ތެރެއިން ދިރިއުޅެން ނޫން ބޭނުންތަކަށްވެސް ބިންތައް އެކި ބޭނުންތަކަށް ދޫކުރުމުގެ ބާރު ކައުންސިލްތަކަށް ލިބިދެއެވެ.

ބިމުގެ މިލްކުވެރިކަން ކައުންސިލްތަކަށް ލިބިގެންދާއިރު ކައުންސިލުތަކުގެ މިލްކުވެރިކަމުގެ ދަށުގައިވާ ބިންތައް ބޭނުންކުރަން ވާނީ އެކި ފަރާތްތަކަށް ދޫކުރަންވާނީ، ނުވަތަ ކުއްޔަށް ދޭންވާނީ، އެބިން އޮތް ރަށެއް ނުވަތަ ސިޓީއަކަށް ކަމާބެހޭ ޤާނޫނުގައިވާ ގޮތުގެމަތިން ކަނޑައެޅިފައިވާ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިންކަމަށް ވަނީ ބުނެފައެވެ.

މިބިލުގެ ބަހުސް މަރުހަލާގައި ބިލަށް ވާހަކަ ދެއްކެވި މެމްމަބަރުން ވަނީ، ލަމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް ދޫކޮށްލަންޖެހޭ އެންމެބޮޑު ބާރަކީ ބިމުގެ މިލްކުވެރިކަންކަމަށް ވިދާޅުވެފައެވެ. މިހާތަނަށްވެސް ކައުންސިލްތަކަށް އޮތް އެންމެ ބޮޑު ހުރަހަކީ ބިންތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފައި، ރަށްރަށަށް ލިބެންޖެހޭ މަންފާ ނުލިބި އޮތުންކަމަށް މެމްބަރުން ފާހަގަކުރެއްވިއެވެ.

ލާމަރުކަޒީ ޤާނޫނުން ލިބިދީފައިވާ ބާރުތައް ކައުންސިލްތަކަށް ދިނުމަށް ސަރުކާރުން ވަނީ ލާމަރުކަޒީ ޤާނޫނާއި ފުށުއަރާ ޤާނޫނުތައް އިސްލާހުކޮށް ޤާނޫނުތަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ހުށަހަޅާފައެވެ. އެގޮތުން ކައުންސިލްތަކަށް ލޯނު ނެގުމާއި ލޯނު ދޫކުރުމުގެ ބާރުވެސް ލިބިދޭ ގޮތަށް ވަނީ އިސްލާހު ހުށަހަޅާފައެވެ. ސަރުކާރުގެ އަމާޒަކީ މަރުކަޒީ ގޮތުން އޮތް ބާރުތައް ރަށްތަކަށް ދޫކޮށް، ރައްޔިތުންނަށް ބާރުވެރިކަން ލިބޭނެ ނިޒާމެއް ތަނަވަސް ކުރުމެވެ.