ދުނިޔޭގެ ވިޔަފާރި

ބްރެޒިލްއިން ޗައިނާއަށް ގެރިމަސް ބޭރުކުރުން މެދުކަނޑާލައިފި


ޖަނަވާރުތަކުން މަދުން ނޫނީ ނުފެންނަ ވައްތަރެއްގެ ބައްޔެއްކަމުގައިވާ "މޭޑްކައު" ޑިޒީސްގެ ދެ ކޭސްއެއް ބްރެޒިލްއިން ފެނުމާއި ގުޅިގެން ޗައިނާއަށް ގެރިމަސް ބޭރުކުރުން އެ ޤައުމުން ވަނީ މެދުކަނޑާލާފައެވެ.

ޗައިނާއަށް ގެރިމަސް ބޭރުކުރުން ބްރެޒިލުން ވަގުތީގޮތުން މެދުކަނޑާލާފައިވާއިރު ޗައިނާއަށް އަލުން ގެރިމަސް އެތެރެކުރާނެ ދުވަހެއް ނިންމާނީ ޗައިނާއިންކަމަށް ބްރެޒިލްގެ ދަނޑުވެރިކަމާއިބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

ޗައިނާއަށް ގެރިމަސް ބޭރުކުރުން ވަގުތީގޮތުން މެދުކަނޑާލާއިވަނީ ދެ ޤައުމުގެ ދެމެދުގައި ޤާއިމުކޮށްފައިއޮތް އެއްބަސްވުމެއްގެ ދަށުން ކަމަށް ބްރެޒިލްގެ ދަނޑުވެރިކަމާއިބެހޭ ވުޒާރާއިން ބުނެއެވެ. އަދި މި ބަލީގެ ސަބަބުން އިންސާނަކަށްވެސް އަދި ޖަނަވާރަކަށްވެސް ނުރަކަލެއް ނެތްކަމަށް ދަނޑުވެރިކަމާއިބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

މުޅިދުނިޔެއިންވެސް އެންމެގިނައިން ގެރިމަސް ބޭރުކުރާ ޤައުމަކީ ބްރެޒިލްއެވެ. ބްރެޒިލްއިން ބޭރުކުރާ ގެރިމަހުގެ ދެބައިކުޅައެއްބައި ބޭރުކުރަނީ ޗައިނާ އަދި ހޮންކޮންގްއަށެވެ.

މީގެކުރިން 2019 ވަނަ އަހަރުވެސް ބްރެޒިލްއިން ވަނީ ޗައިނާއަށް ގެރިމަސް ބޭރުކުރުން ވަގުތީގޮތުން މެދުކަނޑާލާފައެވެ.