ޚަބަރު

ނިޔުކްލިޔަރ އެއްބާސްވުމާ ގުޅޭގޮތުން މަޝްވަރާކުރަން އީރާނުން އޮތީ ތައްޔާރަށް


2015ވަނަ އަހަރުގެ ތެރޭގައި އެކުލަވާލި ނިޔުކްލިޔަރ އެއްބާސްވުން އަލުން ތަންފީޒުކުރުމަށް މަޝްވަރާކުރަން އީރާނުން އޮތީ ތައްޔާރަށްކަމަށް އެ ޤައުމުގެ ރައީސް އިބްރާހީމު ރައީސީ ވިދާޅުވެއްޖެއެވެ.

އީރާނުގެ ދަޢުލަތުގެ ޓީވީއާ ވާހަކަދައްކަވަމުން ރައީސީ ވިދާޅުވީ ހުޅަނގުގެ ބާރުތަކުން މަސައްކަތްކުރަނީ ގަދަބާރުން މަޝްވަރާތައް ފެށުމަށްކަމަށެވެ. އަދި ގަދަބާރުން މަޝްވަރާތައް ފެށުމަށް އީރާނުން ބޭނުންނުވާކަމަށާއި އީރާނުން ބޭނުންވަނީ އެ ޤައުމުން އަމިއްލައަށް ބޭނުންވެގެން މަޝްވަރާތަކުގައި ބައިވެރިވުމަށްކަމަށްވެސް ރައީސީ ވިދާޅުވިއެވެ. އެ ގޮތުން އީރާނުން ބޭނުންވަނީ އެ ޤައުމާ ދެކޮޅަށް އަޅައިފައިވާ ނަހަމަ ފިޔަވަޅުތައް އުވާލައި އެ ޤައުމުގެ ރައްޔިތުންނަށް ހަމަޖެހޭ ދިރިއުޅުމެއް އުޅެވޭނެ މަގުފަހިކޮށްދިނުމަށްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިދިޔަ ޖޫން މަހުގެ ތެރޭގައި އީރާނުގައި ބޭއްވި ރިޔާސީ އިންތިޚާބާ ދިމާކޮށް ނިޔުކްލިޔަރ އެއްބާސްވުން އަލުން ތަންފީޒުކުރުމަށް ކުރަމުންދިޔަ މަޝްވަރާތައްވަނީ މެދުކަނޑާލައިފައެވެ. އަދި އެ އިންތިޚާބު ކާމިޔާބުކުރެއްވި ރައީސީ ވެރިކަމާ ޙަވާލުވެވަޑައިގަތްތާ އެއް މަސްދުވަސް ފާއިތުވެގެންދިޔަ ނަމަވެސް މަޝްވަރާތައް އަލުން ފަށައިފައެއް ނުވެއެވެ. އެއާއެކު އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ޖަރުމަންވިލާތުންވަނީ ކަނބޮޑުވުން ފާޅުކޮށްފައެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑު ޓުރަންޕުގެ ވެރިކަމުގައި އެމެރިކާއިންވަނީ އީރާނުގެ ނިޔުކްލިޔަރ އެއްބާސްވުމުން ވަކިވެ އެ ޤައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފައެވެ. އެއާއެކު އީރާނުންވަނީ ނިޔުކްލިޔަރ އެއްބާސްވުމާ ޚިލާފަށް ބައެއް ކަންކަން ކުރަން ފަށައިފައެވެ. އެ ގޮތުން އެ ޤައުމުންވަނީ ނިޔުކްލިޔަރ ހަކަތަ އުފެއްދުމަށް ބޭނުންވާކުރާ ޔުރޭނިޔަމު ފައްކާކުރާ ނިޞްބަތްވަނީ 60 އިންސައްތައަށް އިތުރުކޮށްފައެވެ. އެމެރިކާގެ ވެރިކަމަށް ޖޯ ބައިޑަން ވަޑައިގެންނެވުމަށްފަހު ނިޔުކްލިޔަރ އެއްބާސްވުން އަލުން އިޢާދަކުރުމަށް އެމެރިކާއިންވަނީ އިސްކަމެއް ދީފައެވެ.

އީރާނުން ބުނާ ގޮތުގައި އެ ޤައުމުގެ ނިޔުކްލިޔަރ މަޝްރޫޢު ކުރިޔަށްގެންދަނީ ޞުލްޙަވެރި ބޭނުންތަކަށްކަމަށެވެ. އަދި އެ ޤައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލައިފިނަމަ ނުވަތަ ލުއިކޮށްފިނަމަ ނިޔުކްލިޔަރ އެއްބަސްވުމަށް އަލުން އަމަލުކުރަން ފަށާނެކަމަށް އެ ޤައުމުންވަނީ ބުނެފައެވެ.