ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
މެޓް އޮފީހުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ވިދާޅުވީ، ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށެވެ. މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.
މީގެއިތުރުން، ރާއްޖޭގެ ސަރަހައްދަށް އައި ވިންޑް ކޮންވަރޖެންސް ނުވަތަ އެއް ދިމާލަކަށް ވައި ޖަމާވުމުގެ ސަބަބުން ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހުމުގެ ފުރުސަތުއޮތްކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ. އެގޮތުން، އެންމެ ދެކުނު ފިޔަވާ ހުރިހާ ހިސާބަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށް އެ އިދާރާއިން ލަފާކުރައްވައެވެ.
ކުރިއަށް އޮތް 12 ގަޑިއިރު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭތީ، ފެންބޮޑުވުމުގެ ހާދިސާތައް ހިނގާފަނެކަމަށް ދުރާލާ ތައްޔާރުވެ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެ އިދާރާއިން އިލްތިމާސްކުރައްވައެވެ. މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވީ، މިއަދު މެންދުރުފަހުން ފެށިގެން ވައި ގަދަވާނެކަމަށާއި، ކަނޑުގަދަވާނެކަމަށް ބެލެވޭކަމަށްވެސް އެ އިދާރާއިން ވިދާޅުވިއެވެ.
ފާއިތުވީ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހިފައިވަނީ މާލެއަށެވެ. މާލެއަށް 65.3 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. ދެން އެންމެ ބޯކޮށް ވާރޭވެހުނީ ބ. ދަރަވަންދޫ، އދ. މާމިގިލި އަދި ފ. ނިލަންދޫއަށެވެ. އެގޮތުން ބ. ދަރަވަންދޫއަށް 55.0 މިލިމީޓަރުގެ ވާރޭ، އދ. މާމިގިއްޔަށް 54.0 މިލިމީޓަރުގެ ވާރޭ އަދި ފ. ނިލަންދޫއަށް 51.8 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. މީގެއިތުރުން އދ. މަހިބަނދޫއަށް 47.8 މިލިމީޓަރުގެ ވާރޭ އަދި އއ. ހިމަންދޫއަށް 49.9 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ.
މެޓް އޮފީހުންވަނީ ރޭ ދަންވަރު 03:30އިން ހެނދުނު 09:30ގެ ނިޔަލަށް ހުދު ސަމާލުވެސް ނެރެފައެވެ. އެ ސަމާލު ނެރެފައިވަނީ ނ.އަތޮޅާއި ލ.އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ.