އީރާނުން ދީފާނެ ހަަމަލާއަކަށް ހުށިޔާރުވެ ތިބުމުގެ ގޮތުން ހުރްމުޒް ކަނޑުއޮޅިން ޓްރާންސްޕޮންޑަރު ނިއްވާލައިގެން ދަތުރުކުރާ ތެޔޮ ޓޭންކަރުތަކުގެ ސަބަބުން މެދުއިރުމަތިން ބާޒާރަށް ނެރެމުން ދަނީ ކިހާ ތެލެއް ކަން ސީދާ ލަފާ ކުރަން ދަތިކަމަށް ކަމާބެހޭ ތަޖުރިބާކާރުން ވިިދާޅުވެއްޖެއެވެ.
ސިއްރިއްޔާތުގައި ކުރަމުންދާ ދަތުރުތަކުގެ ސަބަބުން ބައިނަލްއަޤްވާމީ ބާޒާރުގައި ތެޔޮ ލިބެން ހުންނަ މިންވަރު ވަނީ ބޮޑުތަނުން އިތުރުވެފައެވެ. ނަމަވެސް ހުރްމުުޒް ކަނޑުއޮޅިން ބޭރުކުރާ ތެލުގެ މިންވަރު ސާފުނުވާތީއާއި، ކުއްލިއަކަށް ތެލުގެ ސަޕްލައި އަނެއްކާ ވެސް ދަށަށް ދިޔުމުގެ ފުރުޞަތު އޮތުމާއެކު، ތެލުގެ ވިޔަފާރި ކުރާ ކުންފުނިތަކުން ދަނީ ތެލުގެ އަގުގެ ތެރެއަށް އިތުރު ފީއެއް ވެސް ހިމަނަމުންނެވެ. އެއާއެކު ބާޒާރުގައި ތެލުގެ އަގު ދަނީ އުފުލެމުންނެވެ.
ސެޕްޓެމްބަރު މަހުގެ 9ވަނަ ދުވަހު ސާފުނުކުރާ ބްރެންޓު ތެލުގެ އަގު ވަނީ ފީފާއެއް 100 ޑޮލަރަށް ވުރެ މައްޗަށް އުފުލިފައެވެ. މެދުއިރުމަތިން ލިބޭ ތެލުގެ މިންވަރާ މެދު ސުވާލު އުފެދިފައިވާ މި ޙާލަތުގައި، މިއީ މިދިޔަ ޖުލައި މަހަށް ފަހު ތެޔޮ ފީފާއެއްގެ އަގު އެންމެ ބޮޑުވެފައިވާ މިންވަރެވެ.
ގޯލްޑްަމަން ސެޗްސްއިން ވަނީ ސިއްރިއްޔާތުގައި ކުރާ ދަތުރުތަކުގައި އުފުލާ ތެޔުޮ ހިމެނޭ ގޮތަށް ދުވާލެއްގެ މައްޗަށް ޖުމްލަ 15 ނުވަތަ 16 މިިލިޔަން ފީފާގެ ތެޔޮ ގަލްފުން ބޭރުކުރާ ކަމަށް ބެލެވޭ ކަމަށް ބުނެފައެވެ. މިއީ މެދުއިރުމަތީގެ ހަނގުރާމަ ފެށުމުގެ ކުރިން ބޭރުކުރަމުން ދިޔަ ތެލުގެ މިންވަރުގެ ގާތްގަނޑަކަށް ތިންބައިކުޅަ ދެ ބައެވެ. ވޯޓެކްސާއިން ބުނަނީ އޮގަސްޓު މަހުގައި ގަލްފުން ތެޔޮ އެކްސްޕޯޓު ކުރި މިންވަރު ދުވާލަކު 15 މިލިޔަން ފީފާއަށް އަރާ ކަމަށެވެ. ނަމަވެސް މިއީ ހަނގުރާމައިގެ ކުރިން އެކްސްޕޯޓު ކުރަމުން ދިޔަ މިންވަރަށް ވުރެ 10 މިލިޔަން ފީފާ މަދު ޢަދަދެއް ކަމަށް ވޯޓެކްސާއިން ފާހަގަކުރެއެވެ.
ނަމަވެސް ކޮންމެ ދުވަހަކު އެކްސްޕޯޓު ކުރާ ތެލުގެ މިންވަރަކީ އެއަށް އަބަދުވެސް ބަދަލުތައް އަންނަ ޢަދަދުތެކެކެވެ. އެމެރިކާގެ ހަކަތައާބެހޭ ވަޒީރު ކްރިސް ރައިޓް ވިދާޅުވީ 24 ގަޑިއިރުގެ ތެރޭގައި 18 މިލިޔަން ފީފާގެ ތެޔޮ ބޭރުކޮށްައިވާ ކަމަށް ބައެއް ރިޕޯޓުތަކުގައި ބުނި ނަމަވެސް މިއީ އެވަރެޖު ޢަދަދެއް ނޫން ކަމަށެވެ. އެއް ދުވަހު އެ ޢަދަދު އެކްސްޕޯޓު ކުރި ނަމަވެސް އާންމުކޮށް ބޭރުކުރާ ތެލުގެ އެވަރެޖަކީ ދުވާލަކު 9 މިލިޔަން ފީފާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރޮއިޓަރސްއިން ވަނީ މިދިޔަ ޖޫން މަހާއި އޮގަސްޓު މަހާ ދެމެދު ގާތްގަނޑަކަށް 500 މިލިޔަން ފީފާ ގަލްފުގެ ސަރަޙައްދުން ސިއްރިއްޔާތުގައި ބޭރުކޮށްފައިވާ ކަމަށް ލަފާކޮށްފައެވެ. ފީފާއެއް 80 އެމެރިކާ ޑޮލަރުގެ މަގުން ސިއްރިއްޔާތުގައި ބޭރުކޮށްފައިވާ ތެލުގެ ޖުމްލަ އަގު 40 ބިލިޔަން އެމެރިކާ ޑޮލަރަށް އަރައެވެ.